ރިޕޯޓް

"ޞިއްޙީ ކާމިޔާބީ ދެހެމެއްޓުމަށް ދަނީ ފިޔަވަޅު އަޅަމުން"


ދެކުނު އިރުމަތީ އޭޝިއާގައި ހިމަބިހި ނައްތާލާފައިވާ ދެ ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނުމުމަކީ ޞިއްޙީ ދައިރާ ތަރައްޤީކުރުމުގައި ރައީސް ޔާމީންގެ ސަރުކާރުން ޙާސިލްކޮށްފައިވާ ސަރަޙައްދީ ފެންވަރުގެ ބޮޑު ކާމިޔާބީއެއްކަމަށާ، މިކާމިޔާބީ ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން މިހާރު ސަރުކާރުން ފުރިހަމަކުރަމުންދާކަމަށް ހެލްތަ މިނިސްޓަރ ޢަބްދު ﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސް ނިއުސްގެ "މޯލްޑިވްސް ޓުޑޭ"  ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި ހެލްތް މިނިސްޓަރ ވިދާޅުވީ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ހިމަބިހި ނައްތާލާފައިވާ ހަމައެކަނި ދެ ޤައުމުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނުން ވެގެން ދިޔައީ ސިއްޙީ ދާއިރާގައި ރާއްޖެ ހޯދި ތާރީޚީ ބޮޑު ކާމިޔާބީއަކަށްކަމަށެވެ. އަދި މިއީ ރާއްޖޭގެ ސިއްޙީ ދާއިރާ ފުޅާވެ ތަރައްޤީ ވަމުންދާކަމުގެ ހެއްކެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ގުޅިގެން ކުރި މަސައްކަތުގެ ނަތިޖާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ރާއްޖޭއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމަކަށް ހެދުމަތް މަސަކަތް ކުރާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ. 2005 ވަނަ އަހަރު ރާއްޖޭގައި ހިމަބިހި ޖޭހޭ މީހުންގެ މިންވަރު އިތުރުވުމާއިއެކު އެކަމާއި ދެކޮޅަށް ގިނަ ކެމެޕެއިންތަކެއް ހިންގިގެންދިޔަ. މީގެތެރެއިން އެންމެބޮޑު، އެންމެ ފަހުން ހިމަބިއްސާއި ދެކޮޅަށް ކެމެޕެއިނެއް ހިންގިގެން މިދިޔައީ މިއަހަރު ޖެނުއަރީގައި. ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމަކަށް ހެދުމަށް ކުރެވުނު މި މަސައްކަތުގައި ރައީސް އަބްދުﷲ ޔާމިނާއި، ދިވެހި ސަރުކާރު އަދި ޝިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ކުރި މަސައްކަތް ތަކަކީ ފާހަގަކޮށްލެވޭ ބޮޑެތި މަސައްކަތްތަކެއް." މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ދާއިމީ ގޮތެއްގައި ރާއްޖެ ދެމިއޮތުމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި މަސައްކަތްކުރަން އަންނަ ބިދޭސީ މަސައްކަތްތެރިންނާއި، ދިގު މުއްދަތަކަށް ރާއްޖެ އައިސް އުޅޭ މީހުން ކަމަށެވެ. އޭގެތެރެއިން ގިނަބަޔަކީ ހިމަބިހި ނައްތާލާފައި ނުވާ ޤައުމުތަކުން އަންނަމީހުންކަމަށް ވުމަކީ މިކަމުގައި އޮތް ގޮންޖެހުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 މިކަމަށް ޙައްލެއް ގެނައުމަށް ވޯރކް ޕާރމިޓް ދޫކުރުމުގައި ޕޮލިސީ ލެވެލްގެ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރާކަމަށާ، އޭގެ ސަބަބުން ރާއްޖެއަށް އެތެރެވާ މީހުންނަކީ ހިމަބިހިން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިން ޖަހައިގެން ރާއްޖެއަށް އެތެރެވާ ބަޔަކަށްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އިމިގްރޭޝަނުން ވަނީ މިހާރު މިމަސައްކަތް ފަށާފައެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް ވިދާޅުވެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރަންއަންނަ ބިދޭސީން ރާއްޖެ އެތެރެވުމުގެ ކުރިން އެމީހުންގެ ކުށުގެ ރިކޯޑާއި އެމީހުންގެ ސިއްޙީ ޙާލަތު ދެނެގަންނާނެ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނަ ކަމަށެވެ.

img:http://s2.psmnews.mv/images/660x400/2993.jpg|ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް- ފޮޓޯ: އިމިގްރޭޝަން

ރާއީސް އަބްދުﷲ ޔާމިންގެ ސިއްޙީ މެނިފެސްޓޯގެ ދަށުން ސިއްޙީ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވަމުން ހެލްތްމިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް  ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކުން އެންމެފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ފޯރުކޮށްދެވޭނެ މަގުފަހިކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެއަމާޒަށް ވާސިލްވުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށެވެ.