ޚަބަރު

ރާއްޖެއާއި ގުޅިގެން މަސައްކަތް ކުރަން ބޭނުން- އީޔޫ


ރާއްޖޭގެ ކަންތައްތަކަށް ފާޑުކިޔައި އިނގިލިދިއްކުރުމުގެ ބަދަލުގައި މި ވަގުތަށް ބޭނުންވަނީ ރާއްޖެއާއި ގުޅިގެން މަސައްކަތް ކުރުންކަމަށް ޔޫރަޕިއަން ޔޫނިއަނުން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ޔޫރަޕިއަން ޕާލިމެންޓްގެ ފޮރިންއެފެއާޒް ކޮމެޓީގެ ބައްދަލުވުމެއްގައެވެ.

ޔޫރަޕިއަން ޕާލިމެންޓްގެ ފޮރިންގއެފެއާޒް ކޮމެޓީގެ މަސައްކަތްތަކުގެ ތެރެއިން ދުނިޔޭގެ އެކި ޤައުމުތަކުގައި ހިނގާ ކަންކަމާ ގުޅޭގޮތުން ބައްދަލުވުންތައް ބާއްވައި މަޝްވަރާކުރުންތައް އެކޮމެޓީން ކުރިއަށް ގެންދަވައެވެ.

މިއަދު ބްރަސަލްސްގައި ބޭއްވި ޔޫރަޕިއަން ޕާލިމެންޓްގެ ފޮރިންގއެފެއާޒް ކޮމެޓީގެ ބައްދަލުވުމުގައި އީޔޫގެ އެކްސްޓްރާނަލް އެކްޝަން ސަރވިސުން ވަނީ، ރާއްޖެއާއި ގުޅިގެން ކުރިއަށްގެންދާ ކަންކަމާއި ގުޅޭގޮތުން  ބަޔާނެއްދީފައެވެ. އެ ސްޓޭޓްމެންޓާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއާ ވާހަކަ ދައްކަވަމުން ރާއްޖެއިން އިނގިރޭސިވިލާތަށާއި، ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު ޝިޔާން ވިދާޅުވީ، މިއަދު ބޭއްވި ބައްދަލުވުމުގައި އެކި ދާއިރާތަކުން ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް އީޔޫން ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.

އެގޮތުން މިއީ ރާއްޖޭގައި ޑިމޮކްރަސީ ފައްކާވަމުން އަންނަ ދުވަސްވަރަކަށްވުމާއެކު އިންތިޚާބުތަކާއި ޝަރުޢީ ނިޒާމު ވަރުގަދަކުރުމަށް ތަމްރީން ޕްރޮގްރާމް ފަދަ  ފުރުޞަތުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރެއްވިކަމަށްވެސް ޝިއާން ވިދާޅުވިއެވެ. އަދި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ސިސްޓަމް ވަރުގަދަ ކުރުމަށް އީޔޫ އަށް ވެދެއްވޭނެ އެހީތެރިކަމެއް ދެނެގަތުމަށް އެޖަމާއަތުގެ ވަފުދުތައް ރާއްޖެއަށް ދަތުރުކުރާނެ ކަންވެސް ފާހަގަކޮށްފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14984923292600.jpg|އަޙްމަދު ޝިއާން- ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަން އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު

ރާއްޖޭގައި އޮންނަނީ ތިން ބާރުވަކިވެފައިވާ ވެރިކަމުގެ ނިޒާމަކަށްވުމުން އެނިޒާމް ހަރުދަނާ ކުރެއްވުމަށް ރާއްޖެއާއި ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށް މަސައްކަތް ކުރަން ބޭނުންވާކަމަށާއި، އެކަމުގެ ގުޅުންވެސް ރާއްޖެއާއެކު ބަދަހިކުންރަން ބޭނުންވާކަން ޔޫރަޕިއަން ޔޫނިއަނުންގެ ސްޓޭޓްމަންޓްގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ތިމާވެއްޓާއި މޫސުމައް އަންނަމުންދާ ބަދަލުތަކާއި ގުޅޭދާއިރާއިންވެސް ރާއްޖެއާއި ގާތުން މަސައްކަތް ކުރަމުން އަންނަކަން މި ސްޓޭޓްމަންޓްގައި އެފަރާތުން ފާހަގަކޮށްފައިވެއެވެ.

ޝިޔާން ވިދާޅުވީ އީޔޫގެ ފޮރިންގ މިނިސްޓްރީގެ ފަރާތުން ދެއްވާފައިވަނީ ވަރަށް ފުރިހަމަ ސްޓޭޓްމަންޓެއްކަމަށާއި، ރާއްޖެއިން ވެސް ބޭނުންވަނީ އީޔޫން ފާހަގަކުރެއްވި ގޮތަށް އީޔޫ އާއި ގުޅިގެން މަސައްކަތް ކުރެއްވުމަށްކަމަށެވެ.

ރާއްޖެއާއި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަމަށް އީޔޫން ހާމަކޮށްފައި މިވަނީ، ރާއްޖެއިން އީޔޫ ފޮރިންގ މިނިސްޓްރީއާއި ބައްދަލުކޮށް އެކި ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުންގެންދަވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުން މިދިޔަ މަހުގެ ތެރޭގައި އީ.ޔޫ މޯލްޑިވްސް ޕޮލިސީ ޑައިލޮގްވެސް ވަނީ ބާއްވަވާފައެވެ. ރާއްޖެއިން ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ، އެ ޕޮލިސީ ޑައިލޮގް އަމާޒުކުރެވިފައިވަނީވެސް މިއަދު އެފަރާތުން ދެއްވި ސްޓޭޓްމަންޓްގައިވާ ކަންކަމުގެ މައްޗަށްކަމަށެވެ. އެގޮތުން ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން އެހީތެރިކަން ހޯދުމާއި ގުޅޭގޮތުންވެސް މިދިޔަ މަހު ބޭއްވި ބައްދަލުވުމުގައި މަޝްވާރާކުރެވުނުކަން ޝިޔާން ފާހަގަކުރެއްވިއެވެ.

ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއާއި ގުޅިގެން މަސައްކަތް ކުރާނެކަމަށް ބުނެފައިވާއިރު، ރާއްޖޭގައި ހިނގާ މުހިއްމު ކަންކަން އެފަރާތުން މޮނިޓަރ ކުރަމުންދެއެވެ. އެގޮތުން މިދިޔަ މޭމަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުވެސް އީޔޫން ވަނީ ވަރަށް ގާތުން މޮނިޓަރ ކޮށްފައެވެ.