ޚަބަރު

ރާއްޖޭގެ ބައެއް ހިސާބުތަކަށް އުދައެރުން އެކަށީގެންވޭ- މެޓް އޮފީސް


ދިޔަވަރު ބޮޑުވުމުގެ ސަބަބުން، ރާއްޖޭގެ ބައެއް ހިސާބުތަކަށް އުދައެރުން އެކަށީގެންވާކަމަށް މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސެންޓަރުން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރައްތަކަށް އުދަ އެރުން އެކަށީގެންވާކަމަށެވެ. މެޓް އޮފީހުން ވިދާޅުވީ މި ދުވަސްވަރު އުދަ އަރަމުންދަނީ އާއްމުކޮށް ހުންނަވަރަށްވުރެ ދިޔަވަރު ބޮޑުވުމުގެ ސަބަބުންކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މާދަމާވެސް އުދަ އެރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. އެހެންމަވެސް މިމަހުގެ 28ގެ ފަހުން އުދައިގެ އަސަރު ކުޑަވާނެކަމަށް ލަފާކުރެވޭ ކަމަށާމ ނަމަވެސް ރައްކާތެރިކަމުގެ ގޮތުން ކުރީބައިގައި ފިޔަވަޅުއެޅުން މުހިންމުކަމަށްވެސް މެޓް އޮފީހުން ވިދާޅުވޭ.

މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް ދެދުވަހު އުތުރަށާއި މެދު ރާއްޖެތެރެއަށް ވިއްސާރަވާނެކަމަށެވެ. އަދި އެހެން ހިސާބުތަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެކަމަށެވެ.

ވިއްސާރައިގައި ވައި ހުންނާނީ އާދައިގެ ވަރަކަށްކަމަށާއި، ވިލާގަނޑުގައި ވައި އެންމެ ގަދަވާނީ 35 މޭލަށްކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ. މެޓް އޮފީހުން ވިދާޅުވީ ކަނޑުތައް ގަދަ ނުވިނަމަވެސް ދަތުރު ފަތުރު ކުރުމުގައި ސަލާމަތާ ރައްކާތެރިކަމަށް ބެލުމަށްފަހު ދަތުރުފަތުރު ކުރުން މުހިންމުކަމަށެވެ.