ރިޕޯޓް

ބޭންކްރަޕްސީ ޤާނޫނެއްގެ މުހިންމުކަން ބޮޑު - މިނިސްޓަރ މޫސާ ޒަމީރު


ފަހަކަށްއައިސް ރާއްޖޭގައި ހިނގާފައިވާ ފައިސާއާއި ޚިޔާނާތުގެ މައްސަލަތަކަކީ ބޭންކުރަޕްސީ ޤާނޫނެއް ނެތުމުން ހިނގާފައިވާ މައްސަލަތަކެއްކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. 

2008 ވަނަ އަހަރުން ފެށިގެން އޮޑިޓް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ޚިޔާނާތުގެ މައްސަލަތަކުން ދައުލަތައް ހަތަރު ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ. 

ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެގްރިމަންޓްތަކާއި ޚިލާފްވެގެންނާއި ފަތުރުވެރިކަމާ ގުޅުން ހުރި ޓެކްހާއި ކުލި ނުދައްކައިގެން މިހާތަނަށް ދައުލަތަށް ހަތަރު ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބެންޖެހޭކަމަށް އޮޑިޓް ރިޕޯޓްތަކުން ދައްކައެވެ. މިއީ 2008 ވަނަ އަހަރުން ފެށިގެން ފަތުރުވެރިކަމާ ގުޅުންހުރި ޚިޔާނާތުގެ މައްސަލަތަކުން ލިބެންޖެހޭ ފައިސާގެ ޢަދަދެވެ.

މި ފައިސާ ހޯދުމަށްޓަކައި ސަރުކާރުން ވަނީ ގިނަ މައްސަލަތައް ކޯޓަށް ހުށައަޅާފައެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބުމުގައި އެންމެ ގިނައިން ދިމާވާ އެއް މައްސަލައަކީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ދައުލަތަށް ނުދެއްކުމުގެ މައްސަލަތަކެވެ. ޓެކުހާއި ފީ ނުދައްކާ ފަރާތްތަކާ މެދު މީރާއިން އަންނަނީ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން އެފަރަތްތަކުގެ މަޢުލޫމާތު ޢާންމުކޮށް، އެކައުންޓްތައް ފްރީޒް ކުރުން ފަދަ ކަންކަން ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، އެކައުންޓް ފްރީޒްކުރުންފަދަ ޤާނޫނީ ފިޔަވަޅުތަކުންވެސް ޤާނޫނުން ބޭނޫންވާ ލަނޑދަނޑިތައް ހާސިލް ނުވާކަމަށެވެ. އެކަން އެނގެނީ ޓެކްސް ނުދައްކައިގެން މިހާތަނަށް ސަތާރަ އެކައުންޓެއް ފްރީޒްކޮށްފައިވާއިރު ސާދަ ފަރާތެއްގެ މައްސަލަ  ޝަރީޢަތަށް ހުށަހަޅައި އަދިވެސް ދައުލަތަށް ފައިސާ ރިކަވަރ ކުރެވިފައިނުވާތީކަމަށެވެ. 

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ދައުލަތަށް ލިބެންޖެހޭ ބޮޑު ޢަދަދެއްގެ ފައިސާގެ މައްސަލަތައް ޝަރީއަތުގެ މަރުހަލާގައި އޮތްނަމަވެސް އަދި އެ ފައިސާތައް ދައުލަތަށް ރިކަވާ ކުރެވިފައެއް ނުވެއެވެ. މި ފައިސާތައް ނުހޯދި ގިނަ ދުވަސްވެއްޖެ ނަމަ އެ ފައިސާ ހޯދުމުގައި ދަތިތަކެއް ހުންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

img:http://s4.psmnews.mv/images/660x400/9356.jpg|މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) -

މި ހުރިހާ މައްސަލައެއްގެ ތަފްސީލް ދެއްވުމަށްފަހު މިނިސްޓަރ ޒަމީރު ވިދާޅުވީ، މި މައްސަލަތކުގެ މައިގަނޑު ސަބަބަކީ ރާއްޖޭގައި ބޭންކްރަޕްސީ ޤާނޫނެއް ނެތުންކަމަށެވެ. ބަންޑާރަ ނާއިބުގެ އޮފީހުން މިހާރު ވަނީ ބޭންކްރަޕްސީ ޤާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް ފަށްޓަވާފައެވެ. މިނިސްޓަރ ޒަމީރު ވިދާޅުވީ، މިޤާނޫނު އެކުލަވާލައި ފާސްކުރެވިއްޖެނަމަ މިއީ، މުސްތަޤްބަލުގައި ވައްކަމާއި ޚިޔާނާތުގެ މައްސަލަތައް މަދުކުރުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެކަމަށެވެ. 

ބޭންކްރަޕްސީ ޤާނޫނެއް އެކުލަވާ ލެވިއްޖެނަމަ ދައްލަތަށް ލިބެންޖެހޭ ފައިސާ ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތީން  އެއްވެސް ފަރާތަކުން ނުދައްކައިފިނަމަ އެފަރާތެއް ބަނގުރޫޓްވާނެއެވެ. އެގޮތުން ވަކިމުއްދަތެއްގައި އެ ކުންފުންޏަކަށް ވިޔަފާރި ނުކުރެވޭނެ ގޮތްތައް ކަނޑައެޅުމާއި، ކުންފުނިއުވާލުމާއި، އަދި އެ ފައިސާ ދައުލަތަށް ރިކަވަރ ނުވަތަ ހޯދޭނެ ހަރުދަނާ އުސޫލްތަކެއް ކަނޑައެޅޭނެއެވެ. 

މިނިސްޓަރ ޒަމީރު ވިދާޅުވީ، ޓޫރިޒަމް ދާއިރާއިން ޚިޔާނާތުގެ މައްސަލަތައް ހުއްޓުވުމަށްޓަކައި ހަރުދަނާ އުސޫލްތަކެއް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން ޓުރިޒމްގެ ޚާއްޞަ އޮޑިޓްތަކެއް ކުރުންހިމެނެއެވެ. އަދި  ޓޫރިޒަމާ ގުޅުންހުރި ފައިސާ ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ބަލައިގަންނަ ގޮތަށް ކަނޑައެޅުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ފާހަގަކުރެއްވިއެވެ.