ޚަބަރު

ޢީދުގައި، އެއްބައިވަންތަކަމުގެ ޢަޒުމް ކަނޑައަޅަންޖެހޭ- ޕީޕީއެމް


ޢީދުގައި، އެއްބައިވަންތަކަމުގެ ޢަޒުމް ކަނޑައެޅުމަށް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.

ވެރިކަންކުރާ މައި ޕާޓީ، ޕީޕީއެމްގެ ފަރާތުން ނެރުނު އެޕާޓީގެ މުސްތަޝާރުގެ މެސެޖުގައިވަނީ އުފާވެރި ފިޠުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ ޕީޕީއެމްގެ ލޮވުވެތި، މެމްބަރުންނަށާއި، ދިވެހި އެންމެހާ ރައްޔިތުނަށް ވިދާޅުވެފައެވެ.

ޢީދުދުވަހަކީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ އަދި އިސްލާމީ އުންމަތުގެ އެންމެ މާތް އެއްދުވަސްކަމަށްވާތީ އަޅުގަނޑުމެންފަދަ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ނިސްބަތްވާ އެއްބަހަކުން ވާހަދައްކާ އުޚުއްވަތްތެރި ބައެއްގެ މެދުގައި މިފަދަ ދުވަހެއްގައި އެއްބައިވަންތަކަމުގެ ޢަޒުމް ކަނޑައަޅަންޖެހޭކަމަށް ޕީޕީއެމްގެ މުސްތަޝާރުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ މެދުގައި ހެވާއި ދަރުމައަށްޓަކައި މަސައްކަތްކުރުމުގެ ޢަޒުމް ކަނޑައަޅަންވީ ވަގުތުކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.