ރިޕޯޓް

"ބްރިޖްގެ މަޝްރޫޢާއެކު އެއަރޕޯޓުގެ ރަންވޭގެ ނިންމުމަކީ އަމާޒެއް"


ތަރައްޤީގެ ނާރެހުގައި ރާއްޖެ ހޯދަމުން އަންނަ ކުރިއެރުންތައް އެންމެ ރަނގަޅަށް ދައްކުވައިދޭ 2 މަޝްރޫޢަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަޝްރޫޢާއި، ދިވެހިންގެ ފަޙްރުކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ސަރުކާރުން ހިންގަވާ ބިޔަ މަޝްރޫޢެވެ. 

ބްރިޖްގެ މަސައްކަތް ހުއްޓުމެއް ނެތި ބާރު ދުވެލީގައި ކުރިއަށްދާއިރު، ބްރިޖްގެ މަޝްރޫޢާއެކު، އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތްވެސް އެއްކޮށް ނިންމުމަކީ އަމާޒެއްކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ. 

ރާއްޖޭގެ އިޤްތިޞާދު އިންޤިލާބީ ބަދަލަކާ ދިމާލަށް މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި، ތަރައްޤީގެ ކުލަވަރުތައް އެންމެ ރަނގަޅަށް ދައްކުވައިދޭ ސަރަޙައްދަކީ މާލެއާއި ހުޅުލެއާއި ދެމެދޭ ބުނުމަކުން މިހާރު ދޮގަކަށްނުވާނެއެވެ. ސަބަބަކީ ރާއްޖޭގެ ތަރައްޤީއަށް މިވަގުތު ހިންގޭ އެންމެ ބިޔަ ދެ މަޝްރޫޢުކަމަށްވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަކީ މި ސަރަޙައްދުކަމަށްވާތީއެވެ. 

img:http://s2.psmnews.mv/images/660x400/14950357338022.JPG|ބްރިޖުގެ ކޮންކްރީޓް ތަނބެއް / ފޮޓޯ: އަވަސް

ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންގއާއި ހަވާލުކޮށްގެން ބްރިޖްގެ ޢަމަލީ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާއިރު، މި މަސައްކަތުގައި އެކުންފުނިން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ކަނޑައެޅި ތާރީޚަށްވުރެ ކުރިން، ބްރިޖްގެ މައި ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ނިންމައި އެ ތަނބުތަށް ފެނުންމައްޗަށް އަރަމުންދާ މަންޒަރު މިހާރު ވަނީ ފެންނަންފަށާފައެވެ. 

ބްރިޖާއެކު އެކީގައިހެން، ޗައިނާގެ ބެއިންޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީޖީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. 

ވެރިރަށް މާލެސިޓީއާއި ރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރާށިކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ އިތުރުން، ޒުވާނުންގެ ސިޓީގެ ގޮތުގައި ތަރައްޤީކުރާ ހުޅުމާލެ ގުޅުވައިދޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއެކު، މި ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ހަމައެހެންމެ އެއަރޕޯޓުގެ އޮޕަރޭޝަންތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. 

img:http://s2.psmnews.mv/images/660x400/14882057447659.jpg|ވެލާނާ އެއަރޕޯޓުގެ އައު ރަންވޭ ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދު / ފޮޓޯ: ރައީސް އޮފީސް

ބްރިޖްގެ މަޝްރޫޢާއެކު، އެއަރޕޯޓަށް އަންނާނެ މައިގަނޑު ބަދަލުތަކާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުއްވަމުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ، 2018 ވަނަ އަހަރުގެ ނިޔަލަށް ބްރިޖްގެ މަސައްކަތް ނިންމާ، ބްރިޖް ހުޅުވުމަށް ހަމަޖެހިފައިވާއިރު، އެހާތަނަށް އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ނިންމާ ނުލެވޭނެކަމަށެވެ. އެހެންނަމަވެސް، ބްރިޖް ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ މަންފާ އެންމެ އެދެވޭގޮތުގައި ކުރާނެހެން، އެއަރޕޯޓުގައި ހަމަޖައްސަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާ، އެގޮތުން ބްރިޖް އަޅަމުންދާ ސަރަޙައްދަކީ އެއަރޕޯޓުގައި މިހާރު ބޭނުންކުރާ ރަންވޭ ހިމެނޭ ސަރަޙައްދުކަމުން، އެކުންފުނީގެ ފުރަތަމަ އަމާޒަކީ ބްރިޖް ހުޅުވެންވާއިރަށް، އެއަރޕޯޓުގެ އައު ރަންވޭގެ މަސައްކަތް ނިންމުންކަމަށް އާދިލް ވިދާޅުވިއެވެ. 

"ބްރިޖް މި އަންނަ އަހަރު ހުޅުވޭނެކަމަށް ލަފާކުރާއިރު، އެހާތަނަށް އެއަރޕޯޓުގެ ހުރިހާ ޕްރޮޖެކްޓެއް ނިންމައެއް ނުލެވޭނެ. އެހެން ނަމަވެސް ބްރިޖް ނިމުމާއެއްކޮށް، މި ޕްރޮޖެކްޓްވެސް މީގެ އެންމެ މަންފާ ލިބޭގޮތަށް އެއަރޕޯޓް ތެރޭގައި ރާވަން ހުރި ކަންތައްތަކެއް އެބަހުރި... ފުރަތަމަ ކަމަކީ މިހާރު ވެއްޖެޔާމުން އައު ރަންވޭ ނެތީމަ، މިހާރު ބޭނުންކުރާ ރަންވޭ އޮވެއްޖެއްޔާމުން ފްލައިޓް ޖައްސާ ގަޑިތަކުގައިވެސް ވެހިކަލްތައް މަޑުކޮށްގެން މި އޮންނަނީ. އެހެން ނަމަވެސް ބްރިޖް ހުޅުވޭއިރު، މިކަމަށް ހައްލެއް އެބަހޯދަންޖެހޭ.. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިބަލަނީ ފުރަތަމަ ކަމަކަށް އައު ރަންވޭ ނިންމުމުގެ މަސައްކަތް. އަދި ނުނިމުނަސްވެސް އަޅުގަނޑުމެން މިހާރު މި ޕްލޭން ކުރާގޮތުން އެ ޑިސްޓަރބެންސް ނާންނަގޮތަކަށް އަޅުގަނޑުމެން ޕްލޭންކޮށްފައިވާނެ. އެހެންވީމަ ބްރިޖް ނިމުމާގުޅިގެން، ބްރިޖްގެ އޮޕަރޭޝަނަކަށް އެއްވެސް ދަށްޗެއްނުވާގޮތަށް އެއަރޕޯޓު ތެރޭގައި ބޭނުންކުރާ ރޯޑުން ފަތުރުވެރިންނަށް ނުވަތަ އާއްމުންނަށްވެސް ދަތުރު ކުރެވޭނެ މަގުފަހި ވެގެންދާނެ." ޢާދިލް މޫސާ ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/14964829148402.jpg|ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭގެ ސަބް-ބޭސް އެޅުމުގެ މަސައްކަތް - ފޮޓޯ: ޕީއެސްއެމް

ޢާދިލް ވިދާޅުވީ، ބްރިޖުން އެއަރޕޯޓަށް އެކްސެސްވުމަށް ހަމަޖެހިފައިވާ ސަރަޙައްދަކީ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލް ހެދުމަށް ހަމަޖެހިފައިވާ ސަރަޙައްދުކަމުން، މަސައްކަތް ކުރިއަށްދާ ވަގުތު ބްރިޖުން އެއަރޕޯޓަށް އެކްސެސްވުމުގައި އާއްމުނަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާނެތީ ދުރާލާ، މިހާރުންސުރެ އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. 

" އެއަރޕޯޓަށް ބްރިޖުން އެކްސްސެސް ވެވޭނެެ. އެހެން ނަމަވެސް އެކްސެސް ވެވޭ އޭރިއާއަކީ ޓަރމިނަލް އަޅަމުންދާ ސަރަހައްދާއި އަދި ކޮންޓްރެކްޓަރ ހަރަކާތްތެރިވާ ސައިޓް. އެހެންވީމަ، މި ސަރަހައްދުގައި ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ހުންނާނެ. އެހެންނަމަވެސް، އަޅުގަނޑުމެން މިހާރުންސުރެއް ޕްލޭންކުރަމުން މިދަނީ މިކަންކަން މެނޭޖްކުރެވޭނެ ގޮތަކާމެދު.. އެހެންވީމަ، މަސައްކަތް ކުރާ ދުވަސްވަރު އަދި ދަތިތަކެއް ހުއްޓަސްވެސް، މުސްތަޤުބަލުގައި އެއަޕޯޓަށް އަންނަ ބޭފުޅުންނަށް ޕާކިންގ ބޮޑު ސްޕޭސްއެއް ކްރިއޭޓް ކުރެވިގެންދާނެ. އެހެންވެއްޖެޔާމުން އެއަރޕޯޓް މަސައްކަތް ނިމިގެންދާއިރު، މިހުރިހާކަމެއްދާނީ ހައްލުވެގެން. އެހެންނަމަވެސް މަސައްކަތް ހިނގަމުންދާއިރު، ކޮންމެވެސް ކަހަލަ ދަތިތަކެއް އަންނާނެ. އެކަމު އެދަތިތަކަށް ވިސްނައިގެން އެކަންކަމަށް އެޑްރެސްކުރަމުން މިދަނީ." ޢާދިލް މޫސާ ވިދާޅުިވިއެވެ. 

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އާންމުން ބޭނުން ކުރަން ފެށުމާއެކު، އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް އޭގެ ސަބަބުން އެއްވެސް ކަހަލަ ބުރުލެއް ނާރާނެހެން ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމަށް އެމް.އޭ.ސީ.އެލުން ދަނީ މަސައްކަތް ކުރަމުންނެވެ. ބްރިޖް ބޭނުންކުރަން ފަށަންވާއިރަށް އައު ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޮތްކަމަށް އެކުންފުނިން ބުނެއެވެ.