ޚަބަރު

ކުޑަކުދިންނަށް އަނިޔާކުރާ މައްސަލަތައް އިތުރުވަނީ


މިދިޔަ މޭމަހު ޖެންޑަރ މިނިސްޓްރީއަށް އެންމެ ގިނައިން ހުށައަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާތަކުގެ މައްސަލަކަމަށް އެމިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ 118 މައްސަލަ ހުށައަޅާފައިވާއިރު މިއީ ޖެންޑަރ މިނިސްޓްރީއަށް މޭ މަހު ހުށައެޅުނު މައްސަލަތަކުގެ %49 ކަމަށް އެ މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ކުޑަކުދިންނަށްކުރާ ޖިންސީ ހާނިކައިގެ މައްސަލަތަށް އިތުރުވެފައިވާއިރު މިފަދަ 36 މައްސަލަ މިދިޔަ މަހުވެސް މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ. މީގެތެރެއިން 25 މައްސަލައަކީ މިފަދަ އަނިޔާތަށް ލިބިފައިވާ އަންހެން ކުދިންގެ މައްސަލަތަކެވެ. ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން ޖިސްމާނީ ހާނިކައިގެ 27 މައްސަލަ އާއި ނަފްސާނީ ހާނިކައިގެ 19 މައްސަލައެއް މިނިސްޓްރީއަށް ހުށައަޅާފައިވާއިރު އިހުމާލުވުމުގެ 24 މައްސަލައާއި ގަނާކުރުމުގެ ހަތަރު މައްސަލައެއް ހުށހަޅާފައިވެއެވެ.

ކުށް ކުރާ ކުޑަކުދިންގެ މައްސަލަތަކަށް ބަލާއިރު މޭ މަހު އެފަދަ 10 މައްސަލައެއް މިނިސްޓްރީއަށްވަނީ ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި މާރާމާރީ ހިންގުމުގެ 3 މައްސަލައަކާއި މަސްތުވާތަކެތި ބޭނުންކުރުމުގެ 2 މައްސަލައަކާއި މަސްތުވާތަކެތި ގެންގުޅުމުގެ މައްސަލައެއް ހިމެނެއެވެ. ވައްކަންކުރުމުގެ 2 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު ލައިސެންސް ނެތި އެއްގަމު އުޅަނދެއް ދުއްވުމުގެ މައްސަލައެއްވެސްވަނީ ރިޕޯޓުކޮށްފައެވެ.

އަޚުލާގީ 19 މައްސަލައެއް ހުށައަޅާފައިވާއިރު މީގެ ތެރޭގައި އެހެން ކުދިންނަށް ގަނާކުރުމުގެ ތިން މައްސަލައަކާއި ގެއިން ފިލައިގެންދިޔުމުގެ 3 މައްސަލައެއްގެ އިތުރުން ފުރައްސާރަކުރުމުގެ ދެ މައްސަލައެއް މިނިސްޓްރީއަށް ހުށައަޅާފައިވެއެވެ.

މިނިސްޓްރީއަށް ހުށައަޅާފައިވާ ކުޑަކުދިންގެ މައްސަލަތަކުގެ ތެރޭގައި ޙައްޤުތަކުން އެކުދިން މަޙުރޫމް ކުރުމުގެ 9 މައްސަލައެއްވެސް ހިމެނެއެވެ. ތަޢުލީމު ފޯރުކޮށްދިނުމުގެ 5 މައްސަލައަކާއި ސާފު ބޯފެނާއި ކަރަންޓު ފޯރުކޮށްދިނުމުގެ 2 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އަދި ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ މައްސަލައެއްވެސް ހުށައެޅާފައިވާއިރު އައި.ޑީ ކާޑާއި، ޕާސްޕޯޓާއި އުފަންދުވަހުގެ ސެޓްފިކެޓު ހޯދުމާއި ބެހޭ މައްސަލައެއްވެސްވަނީ މިނިސްޓްރީއަށް ރިޕޯޓު ކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ އެހެން މަސްމަހާ އަޅާބަލާއިރު ނިސްބަތުން މަދުކަން މިނިސްޓްރީން ފާހަގަކުރެއެވެ. ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޖެންޑަރ މިނިސްޓްރީންދަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކުރަމުންނެވެ.

މޭ މަހުގެ ތެރޭގައި ހުށައެޅި މައްސަލަތަކުގެ، 13 އިންސައްތަ މައްސަލައަކީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ މައްސަލަތަކެވެ. އެއީ މިބާވަތުގެ 33 މައްސަލައެވެ. ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. މިފަދަ 13 މައްސަލައެއް ހުށައަޅާފައިވާއިރު 11 މައްސަލައަކީ ޖިސްމާނީ އަނިޔާ ލިބިފައިވާ އަންހެނުންގެ މައްސަލަތަކެވެ. މީގެ އިތުރުން މިބާވަތުގެ މައްސަލަތަކުގެ ތެރޭއައި ނަފްސާނީ އަނިޔާގެ 10 މައްސަލައެއް ހުށައަޅާފައިވާއިރު އިހުމާލުވުމުގެ 3 މައްސަލައަކާއި، މާލީ އެހީތެރިކަން ފޯރުކޮށް ނުދިނުމާ ގުޅޭ 2 މައްސަލައާއި ޖިންސީ އަނިޔާގެ މައްސަލައެއްވެސް ހިމެނެއެވެ.

މީގެ އިތުރުން ނުކުޅެދުނެތެރިކަން ހުންނަ މީހުންނާއި އަޅާލުމާއި ބެލެހެއްޓުމާއި ގުޅޭ 6 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ 3 މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާފައިވެއެވެ.

މިމައްސަލަތަކުގެ އިތުރަށް އަމިއްލަ ނަފްސަށް އަނިޔާ ދިނުމާގުޅޭ މައްސަލަތަކެއްވެސް މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި މިނިސްޓްރީއަށް ރިޕޯޓް ކުރެވުނު 15 މައްސަލައެއް ބަލާފައިވާ ކަމަށްވެސް އެމިނިސްޓަރީން މަޢުލޫމާތުދެއެވެ.