ޚަބަރު

"އޭސީސީއަށް ހާޒިރުވާން ރައީސް މައުމޫނަށް އަންގައިފައެއް ނުވާނެ"


އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އެކޮމިޝަނަށް ޙާޒިރުވުމަށް އަންގާފައިވާކަމަށް ބައެއް މިޑިއާތަކުން ރިޕޯޓުކޮށްފައިވީނަމަވެސް އެއީ ދޮގެއްކަމަށް އޭސީސީން ހާމަކޮށްފިއެވެ. 

ޕީއެސްއެމް ނިއުސްއަށް މަޢުލުމާތުދެއްވަމުން އޭސީސީގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އޭސީސީއަށް ހާޒިރުވެ ވަޑައިގަންނަވަން އަމުރެއް ފޮނުވާފައި ނުވާނެ ކަމަށާ، އެހެންނަމަވެސް އޭސީސީން ތަހުޤީގު ކުރަމުންދާ މައްސަލައަކާގުޅިގެން ބޭނުންވާ ބައެއް މަޢުލޫމާތު އެމަނިކުފާނުގެ އަރިހުން ސާފުކުރުމަށް އެމަނިކުފާނުގެ އަރިކަށް އޭސީސީގެ ބޭފުޅުން ދިއުމަށް ނިންމާފައިވާނެކަށެވެ. 

މައުމޫނުގެ އަރިހުން އޭސީސީން ސާފުކުރަން ނިންމާފައިވަނީ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ރިޔާސީ ގަނޑުވަރު ތީމުގޭގެ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަމާ ގުޅިގެންކަމަށްވެސް ލުޠުފީ ވިދާޅުވިއެވެ.