މުނިފޫހިފިލުވުން

ޢީދުދުވަހު ހަބޭސް ބޮޑުބެރު ގުރޫޕުގެ ޚާއްޞަ ޝޯވއެއް!


"ހަބޭސް ނައިޓް"ގެ ނަމުގައި ހަބޭސް ބޮޑުބެރު ގުރޫޕުން ޚާއްޞަ ޝޯވއެއް ބާއްވަން ނިންމައިފިއެވެ. މި ޝޯވގައި ހަބޭސްގެ އަމިއްލަ 6 އަލްބަލް ނެރުމަށް ވަނީ ހަމަޖެހިފައެވެ. މި ޝޯވ އޮންނާނީ ވަޅު ޢީދުދުވަހު އަލިމަސް ކާނިވަލުގައެވެ.

ހަބޭސް ނައިޓްގެ ނަމުގައި އަލިމަސް ކާނިވަލުގައި ބާއްވާ ސްޓޭޖް ޝޯވގައި ހަބޭސްގެ އެކި ބޭންޑް ތަކުން އުފައްދާފައިވާ އަލްބަލްތައް ނެރޭގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި މުޅިން އަލަށްނެރޭ އަމިއްލަ ރާގުގެ ފަސް އަލްބަމާއި ވީޑިއޯ ސީޑީއެއް ހިމެނެއެވެ. މި ވީޑިއޯ ސީޑީގައި ހިމެނޭނީ މީގެ ކުރިން ހަބޭސްއިން އުފައްފައިވާ ވީޑިއޯލަވަތައް ކަމަށް ހަބޭސްއިން ބުންޏެވެ. 

ހަބޭސްގެ މެނޭޖަރ ޢަލީ ޝިފާއު ބުނީ، ހަބޭސް ނައިޓްގައި ހަބޭސް ބޭންޑްތަކުގެ ތަފާތު ހުށައެޅުންތައް ފެނިގެންދާނެކަމަށެވެ. މީގެތެރޭގައި ހަބޭސް ބޮޑުބެރު ގުރޫޕާއި، ހަބޭސް ޕޮޕް ބޭންޑާއި، ގްރެވިޓީ ބައި ހަބޭސްގެ އިތުރުން ހަބޭސް ފިއުޝަންގެ ހުށައެޅުންތައް ހިމެނެއެވެ. 

މި ޝޯވެއަށް ޚާއްޞަކޮށްގެން ތަފާތު ލަވަތަކާއި ތަފާތު އައިޓަމްތައް ތައްޔާރުކޮށްފައިވާކަމަށް ޢަލީ ޝިފާއު ބުންޏެވެ. އަދި ހަބޭސްއިން ތައްޔާރުކޮށްފައިވާ ޚާއްޞަ އެޕްލިކޭޝަނެއްވެސް މި ޝޯވގައި ލޯންޗްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި އެޕް މެދުވެރިކޮށް ހަބޭސްގެ އުފެއްދުންތަކާއި އެ ގްރޫޕާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓްތައް ލިބެންހުންނާނެކަމަށް ހަބޭސްއިން ބުނެއެވެ. މީގެއިތުރުން މިޝޯވގައި ހަބޭސްގެ ވެބްސައިޓް ރީބްރޭންޑް ކުރުންވެސް ހިމެނެއެވެ.

ހަބޭސްގައި ހަރަކާތްތެރިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި ޓީވީއެމުން ބޭއްވި ވޮއިސް އޮފް މޯލްޑިވްސް ސީޒަން ދޭއް ކާމިޔާބުރި ހަސަން ޠަލާޤާއި، ޓީވީއެމްގެ ބޮޑުބެރު ޗެލެންޖްގެ އެންމެ ގިނަ އެވޯޑް ހާޞިލްކޮށްފައިވާ އަބްދުއް ރާޒިޤް ހިމެނެއެވެ. މީގެއިތުރުން މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލި މުޙައްމު މުއައްޒިން ޕޮޕްސްޓަރާއި މޯލްޑިވިއަން އައިޑޮލް ސީޒަން ދޭކުން ވިދާލި އިބްރާހިމް ވަހީދު ބޮޑުބެގެ އިތުރުން އަޙްމަދު ސައްޔާޙް ހިމެނެއެވެ. މި ހުރިހާ ފަންނާނުންނާއެކު މި ޝޯވއަކީ ވަރަށް ތަފާތު ޝޯވއަކަށް ވެގެންދާނެކަމަށް ހަބޭސްއިން ބުނެއެވެ. 

މި ޝޯވ ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ދައްކާނެއެވެ.