ކުޅިވަރު

މެދުކެނޑުމަށްފަހު ލީގު މާދަމާ ރޭ ފަށަނީ


26 ދުވަހުގެ މެދު ކެނޑުމަކަށްފަހު އެސްޓީއޯ މާލޭ ލީގު ފުޓްބޯޅަ މުބާރާތުގެ ކުޅުން މާދަމާ ރޭ ފަށާނެއެވެ. މިހާ ގިނަ ދުވަހަހަށް ލީގު މެދުކަނޑާލީ ޤައުމި ޓީމު އަފްގާނިސްތާނާ އެކު އެކުވެރިކަމުގެ މެޗެއް ކުޅުމަށާއި އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާއި ރާއްޖެ ވާދަކުރި މެޗަށެވެ. 



މާދަމާ ރޭ ލީގު ފެށުމަށް ހަމަޖެހިފައިވާއިރު، މާދަމާ ރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ އާއި ކުލަބް އީގަލްސްއެވެ. އަދި ހުކުރު ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސއް ކުލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. .ހޮނިހިރު ދުވަހުގެރޭ ކުޅޭ މެޗްގައި ވާދަކުރާނީ ކުލަބް ވެލެންސިއާ އާއި ގްރީން ސްޓްރީޓްސްއެވެ. މިތިން މެޗު ވެސް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 10 ޖަހާއިރުއެވެ. މިތިން މެޗަށް ފަހު ލީގްގެ މެޗްތަށް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އީދު ބަންދަށް ފަހުއެވެ. މި މަހުގެ 28 ވަނަ ދުވަހު ހަވީރު އީގަލްސް އާއި ވިކްޓަރީ ކުޅޭއިރު އެރޭ ކުޅޭނީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީގެ މެޗެވެ. ލީގުގައި ބާކީ މާޒިޔާ އަދި ކުލަބް އީގަލްސްއަށް 6 މެޗް އޮތްއިރު، އެހެން ކުލަބްތަކަށް ބާކީ އޮންނާނީ ފަސް މެޗެވެ.



ލީގުގައި މިވަގުތު އެއްވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކު މާޒިޔާއެވެ. ދެ ވަނައިގައި ނުވަ މެޗުން 18 ޕޮއިންޓާ އެކު ނިއު އޮތްއިރު ތިން ވަނައިގައި އޮތީ ނުވަ މެޗުން 17 ޕޮއިންޓާއެކު ގްރީން ސްޓްރީޓްސްއެވެ. 4 ވަނައިގައި އޮތް ޓީސީ އާއި 5 ވަނައިގައި އޮތް ވިކްޓަރީ އަށް 9 މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. 6 ވަނައިގައި އީގަލްސް އޮތީ 8 މެޗުން 13 ޕޮއިންޓް ލިބިގެންނެވެ. 7 ވަނައިގައި 9 މެޗުން 3 ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓަރީ އޮތްއިރު 9 މެޗުން އެއް ޕޮއިންޓާއެކު ލީގުގެ ފުލުގައި އޮތީ ވެލެންސިއާއެވެ.



ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނީ މާލޭ ލީގުގެ ދެ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. އެންމެ ފުލަށްދާ ހަތަރު ޓީމަށް ޖެހޭނީ ދެ ވަނަ ޑިވިޝަނުގެ ގަދަ ދެ ޓީމާ އެކު މާލޭ ލީގު ކޮލިފައިން ކުޅޭށެވެ. އަދި އަންނަ އަހަރުގެ މާލޭ ލީގުން ފުރުސަތު ލިބޭނީ ކޮލިފައިންގެ ގަދަ ހަތަރު ޓީމަށެވެ.