ޚަބަރު

ސަޢޫދީ ވަލީއުލްއަޙްދުކަމުގެ މަޤާމަށް މުޙައްމަދު ބިން ސަލްމާން


ސަޢޫދީ އަރަބިއްޔާގެ ވަލީއަޙްދު ކަމުގެ މަޤާމުގައި ހުންނެވި އަލްއަމީރު މުޙައްމަދު ބިން ނާޔިފް އެމަޤާމުން ދުރުކުރެއްވުމަށްފަހު ވަލީއުލްއަޙްދުގެ ނައިބު ކަމުގެ މަގާމުގައި ހުންނެވި އަލްއަމީރު މުހައްމަދު ބިން ސަލްމާން، ވަލީއަޙްދުކަމުގެ މަޤާމަށް އައްޔަން ކުރެއްވުމުގެ ޝާހީ އަމުރެއް ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ނެރުއްވައިފި.

މިކަން ހާމަކުރަމުން ސައޫދީ ރަސްމީ ނޫސް އެޖެންސީން ބުނެފައިވަނީ ވަލީއުލްއަޙްދު ކަމުގެ މަޤާމުގައި ހުންނެވި އަލްއަމީރު މުހައްމަދު ބިން ނާޔިފް، އެމަޤާމުގެ އިތުރުން ދާޚިލީ ވަޒީރުކަމުގެ މަޤާމުންނާއި ވަޒީރުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުންވެސް ދުރުކުރުމަށް ސަލްމާން ރަސްގެފާނު ނިންމަވާފައިވާކަމަށް.

އަދި ވަލީއުލްއަޙްދުކަމުގެ މަޤާމަށް އަލަށް އައްޔަން ކުރެއްވި މުޙައްމަދު ބިން ސަލްމާން، ވަޒީރުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް އައްޔަން ކުރެއްވުމަށާއި އޭނާ އަދާކުރައްވަމުން ގެންދެވި ދިފާއީ ވަޒީރުކަމުގެ މަގާމުގައި އޭނާ ބެހެއްޓެވުމަށްވެސް ސަލްމާން ރަސްގެފާނު ނިންމެވިކަމަށް ސައޫދީ ރަސްމީ ނޫސް އެޖެންސީ ބުނެފައިވޭ.