ކުޅިވަރު

އެއްވަނައިގައި އޮތް ނަމަވެސް ޕްރެޝަރ ބޮޑީ މާޒިޔާއަށް - ސެކްލޮސްކީ


ލީގުގެ އެއްވަނާގައި އޮތްނަމަވެސް، މިހާރުވެސް އެހެންޓީމްތަކަށްވުރެ މާޒިޔާއަށް އޮތް ޕްރެޝަރު ބޮޑުކަމަށް މާޒިޔާގެ ކޯޗް މަރިޔާން ސެކުލޮސްކީ ބުނެފިއެވެ. 

އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމް ބޫޓާންއާއި ވާދަކުރި މެޗްއަށް ލީގު މެދު ކަނޑާލުމަށްފަހު، މިއަންނަ ބުރާސްފަތި ދުވަހު ލީގުގެ ކުޅުން  އަލުން ފެށުމަށްވަނީ ހަމަޖެހިފައެވެ. ލީގުގެ މެޗްތަށް ފެށުމުގެ ކުރިން ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަދައްކަމުން މާޒިޔާގެ ކޯޗް ބުނީ އެއްވެސް އިރެއްގައި ލީގު ޗެމްޕިއަންކަން ނެގުމަށް ބޭނުންވާ ޕޮއިންޓްގެ އަދަދު ގުނަން ބޭނުން ނުވާކަމަށާއި އަބަދުވެސް ބޭނުންވަނީ ކުރިއަށް އޮތް މެޗް ކާމިޔާބުކުރަންކަމަށެވެ. އަދި ލީގުގެ އެއްވަނާގައި އޮތުމަކީވެސް ޕްރެޝަރެއްކަމަށް ސެކުލޮސްކީ ބުންޏެވެ. ބްރޭކަށްފަހު ލީގުގައި މާޒިޔާ އެންމެ ފުރަތަމަ ވާދަކުރަން ޖެހެނީ ކުލަބް އީގަލްސްއާއެވެ.

 ކޯޗް މަރިޔާން ސެކުލޮސްކީ ބުނީ އީގަލްސްއަކީ ވަރުގަދަ ޓީމްއެއްކަމަށާ އަދި ހާއްސަކޮށް އީގަލްސްއަކީ ތިރިން ބޯޅަ ކުޅުމަށް ލޯބި ކުރާ ޓީމްއެއްކަމަެވެ. މިހާރު އެންމެ ބޮޑު އަމާޒަކީ އީގަލްސް މެޗުން ތިން ޕޮއިންޓް ނެގުން ކަމަށް އޭނާ ބުންޏެވެ.



"މިހާރު ތިބި ކުޅުންތެރިންނާއިއެކު މާބޮޑު ޖާދޫތަކެއް ނުދެއްކޭނެ. އަހަރެން ބޭނުންވަނީ އަހަރެންގެ އަތުގައި ތިބި ކުޅުންތެރިންނާއި އެކު ކުރިއަށްދާން. މިހާރުވެސް ކުޅުންތެރިންނަށް ވިސްނައި ދީފައިވަނީ އޭއެފްސީކަޕްގައި ދެއްކި ކުޅުން މާލޭ ލީގުގައި ދެއްކިއްޖެނަމަ، ކޮންމެ މެޗްއެއްވެސް މާޒިޔާއަށް ކާމިޔާބު ކުރެވިދާނެކަން. ކުރިއަށް އޮތް ހަ މެޗުން 12 ޕޮއިންޓް ލިބިއްޖެކަމުގައިވާނަމަ، ލީގު ޗެންޕިއަންކަން ހޯދުމަށް ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެ." މާޒިޔާގެ ކޯޗް ބުންޏެވެ.



  ފުޓްބޯޅައަކީ އަބަދުވެސް ޕްރެޝަރު އޮންނަ ކުޅިވަރެއްކަމަށާއި ބޭނުންވަނީ ޕްރެޝަރާއި އެކު ލީގު ކާމިޔާބުކުރަންކަމަށްވެސް މާޒިޔާގެ ކޯޗް މަރިޔާން ސެކުލޮސްކީ ބުންޏެވެ.