ކުޅިވަރު

ޔުނައިޓެޑް ވިކްޓްރީގެ ވިސްނުން މާލޭ ލީގު ކޮލިފިކޭޝަނަށް


މާލޭ ލީގުގައި ދެމިއޮތުމަށް ގިނަ މަސައްކަތް ތަކެއް ކުރަންޖެހޭކަމަށް ޔުނައިޓަޑް ވިކްޓްރީގެ ކޯޗް މުހައްމަދު ނަޒީހު ބުނެފިއެވެ. 

ނަޒީހު ބުނީ މާލޭ ލީގްގެ ގަދަ ހަތަރަކަށް ވާދަކުރުމުގެ ފުރުސަތު މިހާރު ޔުނައިޓަޑް ވިކްޓްރީއަށް ގެއްލިފައިވާކަމަށާ މިހާރު އެންމެ ބޮޑަށް ވިސްނުން ހުރީ މާލޭ ލީގު ކޮލިފިކޭޝަންގައި ރަނގަޅު ނަތީޖާއެއް ހޯދުންކަމަށެވެ. މާލޭ ލީގު ކޮލިފިކޭޝަންގައި ވާދަކުރަން ބަލާއިރު، މިފަހަރު ދެވަނަ ޑިވިޝަންއިން ކޮލިފިކޭޝަންގައިވެސް ވާދަކުރާ ދެ ޓީމަކީ އާދައިގެ ޓީމްތަކެއް ނޫންކަމަށާއި ދެވަނަ ޑިވިޝަންގެ ޓީމްތަށްވެސްވަނީ ވަރަށް ރަނގަޅަށް މިފަހަރުގެ މުބާރާތަށް ތައްޔާރުވެފަ ކަމަށް ނަޒީހު ބުންޏެވެ. އަދި އެޓީމްތަކުންވެސް ކޮލިފިކޭޝަންގައި ވާދަކުރުމަށް ބޮޑެތި ހަރަދުތަށް ކޮށްފައިވާކަން ނަޒީހު ފާހަގަކުރިއެވެ.

 ޔުނައިޓެޑް ވިކްޓްރީގެ ކޯޗް ނަޒީހު ބުނީ ޓީމް އިތުރަށް ވަރުގަދަ ކުރުމަށް ދެ ތިން ކުޅުންތެރިން ގެނައުމުގެ ވިސްނުން އެބަހުރިކަމަށާއި ބައެއް ޓީމްތަކުން ދޫކޮށްލާ ކުޅުންތެރިންނަށް މިހާރުވެސް ބަލަމުންދާކަމަށެވެ.



" ފުރަތަމަ ޑިވިޝަންގެ ބައެއް ޓީމްތަކުން ކުޅުންތެރިން އެބަ ދޫކުރޭ. އެމީހުންގެ ބަޖެޓް ކުޑަކުރަންވެގެން. އަޅުގަނޑުމެން ބަސްނާހާ އެއްވެސް ކުޅުންތެރިއަކު ނުގެންނާނަން. އެއްވެސް ޓީމަކުން އޭނާގެ ބޭނުން ނުކުރެވިގެން، އަހުލާގީ ފެންވަރު ދަށްވެގެން ދޫކޮށްލާ، ކިތަންމެ މޮޅު ކުޅުންތެރިއެއްވިއަސް އަދި ޔޫވީގައި އެވަރަށް ބަޖެޓް ހުރިކަމުގައި ވީނަމަވެސް އެފަދަ ކުޅުންތެރިއެއް ނުގެންނާނަން. މާޒިޔާއިން ދޫކޮށްލާ ކުޅުންތެރިންނަށް އަޅުގަނޑުމެން ބަލަމުން މިދަނީ." ނަޒީހު ބުންޏެވެ.



ކޯޗް ނަޒީހު ބުނީ މާލޭ ލީގް ކޮލިފިކޭޝަންގެ އިތުރުން އެފްއޭކަޕަށްވެސް ޔުނައިޓަޑް ވިކްޓްރީއިން ވަރަށް ބޮޑު ސަމާލުކަމެއް ދޭނެކަމަށެވެ. އަދި އެފްއޭކަޕަށް ރަނގަޅަށް ތައްޔާރުވެއްޖެ ކަމުގައިވާނަމަ، އެމުބާރާތުގައި ރަނގަޅު ހިސާބަކަށް ޔުނައިޓަޑް ވިކްޓްރީއަށް ދެވިދާނެކަމަށްވެސް ނަޒީހު ބުންޏެވެ.