ޚަބަރު

ސުމައިދު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން


ޑިންގީއެއްގައި ކެޔޮޅުކަމު ނުކުމެ އުޅެނިކޮށް އައްޑޫ ސިޓީ ގަމު ކަނޑަށް ގެއްލުނު މުޙައްމަދު ސުމައިދު ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާނުލައި ކުރިއަށް ގެންދާމަށް އެމް.އެން.ޑީ.އެފުން ބުނެފިއެވެ.

މިމަހުގެ ހަތަރުވަނަ ދުވަހު ޑިންގީއެއްގައި ކެޔޮޅުކަމު ނިކުމެ އުޅެނިކޮށް ގެއްލުނު، ޕޮލިސް ކޯޕްރަލް މުޙައްމަދު ސުމައިދު ގެއްލުނު ސަރަޙައްދުގެ ބޮޑުބައެއް މިހާތަނަށް ބަލާފައިވާ ކަމަށާއި، މިހަތަނަށް ބެލިބެލުމުން އޭނާގެ ފޯނު ފެނުން ނޫން އިތުރު ކުރިއެރުމެއް، އަދި ލިބިފައިނުވާކަމަށް އެމް.އެން.ޑީ.އެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް ޢާޒިމް ވިދާޅުވިއެވެ.  

މި ހާދިސާ ހިނގި ކަނޑުގެ ސަރަހައްދު ބެލުމުގައި ސަދަން އޭރިއާގެ އެމް.އެން.ޑީ.އެފް އޮފިސަރުން ހަރަކާތްތެރިވަމުންދާއިރު މި މަސައްކަތުގައި އައްޑޫ ފްލައިން ސްކޫލްގެ ފްލައިޓުތައްވެސް ދަނީ ބޭނުންކުރަމުންނެވެ.

މިހާދިސާގައި ބަލަންޖެހޭ ބައެއް ކަންތައްތައް ހުރުމާއެކު މޯލްޑިވްސް ޕޮލިސް ސަރވިސުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. މައްސަލަ ތަހުގީގުކުރުމަށްޓަކައި އެ ސަރވިސްގެ ދެ ފުލުހަކު އައްޑުއަށް ގޮސްފައިވާކަމަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހާއި، ފުލުހުން ގުޅިގެން ފުލުސް މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އޭނާގެ ފޯނު ފެނުނީ، ޝަންގްރިއްލާ ރިޒޯޓްކައިރީ އޮންނަ "މަޑިހެރާ" ކިޔާ ފަޅުރަށުގެ ކައިރިން، ހަ މީޓަރު އަޑިން ކަމަށް އެމް.އެން.ޑީއެފުން ބުނެއެވެ.