ޚަބަރު

2016ގައި އެންމެ ގިނައިން ހުށައެޅުނީ މަސްތުވާތަކެތީގެ މައްސަލަތައް


ޝަރުޢީ ކޯޓްތަކަށް 2016 ވަނަ އަހަރު ހުށައެޅި ޖިނާއީ މައްސަލަތަކުގެ ބޮޑު ބަޔަކީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ޝަރުޢީ ދާއިރާއިން ހާމަކޮށްފިއެވެ.

ޝަރުޢީ ދާއިރާގެ 2016 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2016 ވަނަ އަހަރުގެ ތެރޭގައި ޝަރުޢީ ކޯޓްތަކަށް ޖިނާއީ 2376 މައްސަލަ ހުށައަޅާފައިވެއެވެ. އޭގެތެރެއިން 804 މައްސަލައަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތައް ކަމަށް ޝަރުޢީ ދާއިރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އޭގެތެރޭގައި ހިމެނެނީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކާއި، މަސްތުވާތަކެތި އުފުލުމާއި، ވިޔަފާރިކުރުމުގެ މައްސަލަތަކެވެ. ކޯޓްތަކަށް ހުށައެޅުނު ޖިނާއީ މައްސަލަތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. 2016 ވަނަ އަހަރުގެ ތެރޭގައި ވައްކަމުގެ 669 މައްސަލައެއްގައި ދަޢުވާ ކުރެއްވުމަށް ޝަރުޢީ ކޯޓްތަކަށް ހުށައަޅާފައިވެއެވެ. މާރާމާރީ ހިންގުމުގެ 211 މައްސަލައެއް 2016 ވަނަ އަހަރުގެ ތެރޭގައި ޝަރުޢީ ކޯޓްތަކަށް ހުށައެޅިފައިވެއެވެ.

2016 ވަނަ އަހަރުގެ ތެރޭގައި 20،188 މައްސަލަ ހުށައެޅިފައިވާއިރު، މީގެތެރޭގައި ޖިނާއީ މައްސަލަތައް ހިއްޞާކުރާ މިންވަރު ނިސްބަތުން ކުޑަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޖިނާއީ މައްސަލަތައް ޙީއްޞާ ކުރަނީ އެންމެ 20 އިންސައްތައެވެ.