ޚަބަރު

އެޗްއާރސީއެމްގެ މެންބަރުކަމަށް މުޙައްމަދު ޒާހިދު ޢައްޔަންކޮށްފި


ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ދަފުތަރު ނަންބަރު ރސ 1548، މުޙައްމަދު ޒާހިދު އެކޮމިޝަންގެ މެންބަރު ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް މުޙައްމަދު ޒާހިދު ޢައްޔަން ކުރެއްވުމުގެ ކުރިން، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދު ﷲ ޢަރީފެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް މުޙައްމަދު ޒާހިދު ޢައްޔަން ކުރެއްވުމަށްފަހު، އެމަޤާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މުޙައްމަދު ޒާހިދާއި ޙަވާލުކުރައްވާފައެވެ. މެންބަރުކަމުގެ ހުވާ ކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަ ދައްކަވަމުން ޒާހިދު ވިދާޅުވީ، އެންމެ އިސްކަމެއް ދެއްވާނީ އެކޮމިޝަންގެ ޤާނޫނުން މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާކުރުމަށާއި، އެ ކޮމިޝަންގެ އެހެން މެންބަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެޗްއާރސީއެމްގައި ކުރިން ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި ރާއްޖޭގެ އިންސާނީ ޙައްޤު ހޯދައިދީ ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ.

މުޙައްމަދު ޒާހިދަކީ ހިއުމަން ރައިޓްސް ކޮމީޝަންގެ ފުރަތަމަ ދައުރުގައިވެސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެޗްއާރުސީއެމްގައި 5 މެންބަރުން ތިއްބަވައެވެ. އެ ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމަށް ޒާހިދު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރެއްވީ އެ ކޮމިޝަންގެ ނާއިބު ރައީސްގެ މަޤާމުގައި ކުރިން ހުންނެވި ޝިފާޤް މުފީދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.