ކުޅިވަރު

ބްރޭކްގެ ސަބަބުން ވިކްޓްރީއަށް ފައިދާ ކުރާނެ - ސުޒޭން


ޤައުމީ ޓީމްގެ މެޗަށް ލީގު މެދު ކަނޑާލުމުން ލިބުނު ބްރޭކްގެ ބޭނުން ވަރަށް ބޮޑަށް ހިފަމުންދާކަމަށް ވިކްޓްރީގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ. 

ސުޒޭން ބުނީ ލީގު ފެށi އިރާ އަޅާބަލާއިރު ވިކްޓްރީގެ ކުޅުންވެސް ވަރަށް ބޮޑަށް ރަނގަޅު ކޮށްފައިވާކަމަށެވެ. ބްރޭކަށްފަހު ވިކްޓްރީއަށް އޮންނާނީ އީގަލްސް މެޗެވެ. އީގަލްސްގެ އިތުރުން ޓީސީ އަތުން ތިން ޕޮއިންޓް ހޯދުން ވަރަށް މުޙިއްމުކަމަށް ކޯޗު ސުޒޭން ބުންޏެވެ. އެ ދެޓީމް އަތުން 3 ޕޮއިންޓް ލިބިއްޖެ ނަމަ ގަދަ ހަތަރެއް ވަރަށް ބޮޑަށް ޔަޤީންވާނެކަން ކޯޗު ފާހަގަކުރިއެވެ.

"ފަސް މެޗުން ހަ ޕޮއިންޓެއް ނޫން މުހިންމުވަނީ، މިހާރު ގަދަ ހަތަރަކަށް ވާދަކުރާ ޓީމްތަކުގެ ތެރެއިން އެންމެ ބޮޑަށް ވިކްޓްރީއަށް ޗެލެންޖް ކުރެވޭ ހިސާބުގައި މިއޮތީ ޓީސީއާއި އީގަލްސް، އެހެންވީމަ އެދެ ޓީމް އަތުން މަޖުބޫރު މޮޅުވާން. އެހެންނަމަވެސް ޓީސީ މެޗުގެ ވާހަކައަކީ އަދި މާފަހުގެ ވާހަކައެއް. ފުރަތަމަ ހަމަ އީގަލްސް މެޗު މިގެންނަން ޖެހެނީ، އޭގެ ފަހުން އަދި ގްރީން ސްޓްރީޓާއި ނިއު ރޭޑިއަންޓްވެސް އޮންނާނެ." ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މިސީޒަން ވެގެންގޮސްފައި ވަނީ ފަހުގެ ތާރީޚުގައި އެންމެ ވާދަވެރި އެއް ސީޒަނަށްކަމަށެވެ. ނަމަވެސް ވިކްޓްރީއަށާއި، ވިކްޓްރީގެ ކުޅުންތެރިންނަށްވެސް އެއްވެސް ވަރަކަށް ޕްރެޝަރެއް ނެތްކަމަށް ސުޒޭން ބުންޏެވެ. މިއަހަރުގެ ސީޒަންގެ ކުރީކޮޅު ވިކްޓްރީއަށް މާރަނގަޅު ކުޅުމެއް ނުދެއްކި ޕޮއިންޓްތަކެއް ގެއްލިފައިވީނަމަވެސް މިހާރު ވިކްޓްރީން ވަނީ ކުޅުން ރަނގަޅުކޮށް ލީގުގެ ގަދަ ހަތަރަކަށް ވާދަކުރާ ޓީމްތަކުގެ ރޭހުގައެވެ.