ޚަބަރު

ފޮޓޯގްރާފީގެ ދާއިރާއިން ތަމްރީނުވުމުގެ ފުރުސަތު ހުޅުވާލައިފި


ޒުވާނުން ވަޒީފާގެ ބާޒާރަށް ޒުވާނުން އަހުލުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން، ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ޒުވާނުން ހުނަރުވެރި ކުރުވާ، ވަޒީފާގެ ބާޒާރަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ "ޓިވެޓް އޮތޯރިޓީ" އިން ހިންގާ އެއްހާސް ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހުޅުވާލި ފުރުސަތުތަކެކެވެ.

މި ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ތިން ބެޗެއްގައި ޖުމްލަ 392 ދަރިވަރުން ކިޔަވާ ނިންމައި އަދި ކިޔަވަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެ މިނިސްޓްރީން ވިދާޅުވީ ފޮޓޯގްރަފީ ކޯހުގެ ލެވެލް 3 ގައި 156 ދަރިވަރުންނާއި، ލެވެލް 4 ގެ ކޯހުގައި 236 ދަރިވަރުން ތަމްރީނު ހޯދަމުންދާ ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން ލެވެލް 3 ފުރިހަމަ ކުރުމަށްފަހު ލެވެލް 4 ގައި ބައިވެރިވުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ޒުވާނުން ވަޒީފާއަށް އަހުލުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން ޓިވެޓް އޮތޯރިޓީން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި ވޭތުވެ ދިޔަ 3 އަހަރު ތެރޭގައި 8،500 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނު ކުރެވިފައިވެއެވެ.

މި ތަމްރީނުތަކުގެ ތެރޭގައި ފާމަސީ އެސިސްޓެންޓުން ތަމްރީނު ކުރުމުގެ ކޯހާއި، ނަރުހުން ތަމްރީނުކުރުމުގެ ކޯހާއި، ފޮޓޯ ގްރަފަރުން ތަމްރީނުކުރުމުގެ ކޯހާއި، ފުޑް އެންޑް ބެވަރޭޖް އަދި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުން ހުރި ތަފާތު ކޯސްތަކާއި އަދި ދަސްވާރު ކިޔަވާ ދަރިވަރުންނަށް ހިންގާ ތަފާތު ކޯސްތައް އަދި އެޗްޑީސީ އާއި އެންސީއައިޓީ އާއި ގުޅިގެން ހިންގާ ކޯސްތައް ހިމެނެއެވެ.