ކުޅިވަރު

އޭޝިއަންކަޕް ކޮލިފައިންގައި ބޫޓާންގެ މައްޗަށް ރާއްޖެ ކުރިހޯދައިފި


އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗް ރާއްޖެ ކާމިޔާބުކޮށްފިއެވެ. ބޫޓާންގައި ކުޅުނު މިމެޗް ރާއްޖެ ކާމިޔާބުކުރީ ދެލަނޑު ސުންލަނޑުންނެވެ.

މެޗްގެ ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީއަކުން ރާއްޖޭގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރުއެވެ. ދެވަނަ ހާފްގައި ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރ އަހުމަދު އަބްދުﷲ (ލިލީ)އެވެ. މިމެޗްގައި ރާއްޖޭގެ ކުޅުންތެރިންނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށްލެވެއެވެ. މިމެޗަށް ރާއްޖެ ބޫޓާނަށް ދިޔައީ ތައިލެންޑްގައި ކޭމްޕް ކުރުމަށްފަހުއެވެ.

 އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ އޮމާނާ ފަލަސްތީނެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ފަލަސްތީނާ ވާދަކޮށް ބަލިވީ ތިންލަނޑު ސުންލަނޑުންނެވެ. މިއަދު މެޗުން ރާއްޖެ މޮޅުވެ ތިން ޕޮއިންޓް ހޯދިއިރު މި ގްރޫޕްގެ އެއްވަނައިގައިވާ އޮމާނާ ދެވަނައިގައިވާ ފަލްސްތީނަށްވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ދެން ވާދަކުރަން ޖެހޭނީ އޮމާނާއެވެ. ސެޕްޓެމްބަރ މަހުގެ ފަސްވަނަ ދުވަހު މިމެޗް ކުޅޭނީ އޮމާންގައެވެ. 

އޭޝިއަން ކަޕަށް ކޮލިފައިވާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ކުރި ލިބޭ ދެޓީމެވެ.