ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅާ ސަފީރުކަމަށް ހ. ފޮއްދޫގޭ މުޙައްމަދު ނަޝީދު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ތައިލެންޑް ސަފީރުކަމަށް މުޙައްމަދު ނަޝީދު އައްޔަނު ކުރެއްވުމަށް ފާސްވެފައިވަނީ ވޯޓްގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މުޙައްމަދު ނަޝީދު ތައިލެންޑް ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވުމުން، މި މައްސަލަ ދިރާސާ ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީންވެސް ނިންމަވާފައިވަނީ އޭނާއަށް ރުހުންދޭން ފެންނަ ކަމަށެވެ.
ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރ މުހައްމަދު ނަޝީދަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.