މިއަހަރު ފިޠްރު ޒަކާތުގެ ގޮތުގައި މިހާތަނަށް 1.4 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހާމަކޮށްފިއެވެ. ރަމަޟާންމަސް ދެބައިވެފައިވާއިރު މިހާތަނަށް އަށާވީސް ހާހަށްވުރެ ގިނަ މީހުން ޒަކާތް ދައްކާފައިވެއެވެ.
1438 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް އިސްލާމިކް މިނިސްޓްރީން ބަލައިގަންނަން ފެށީ ރަމަޟާން މަހުގެ ދެވަނަ ދުވަހުއެވެ. 14 ދުވަހުގެ ތެރޭގައި އެ މިނިސްޓްރީއަށް ޙާޟިރު ޒަކާތްދެއްކެވި މީހުންނާއި ޒަކާތް ދެއްކުމަށް ހުރި އިތުރު ވަޞީލަތްތައް ބޭނުންކޮށްގެން ޒަކާތް ދެއްކި މީހުންގެ ޒަކާތުގެ ފައިސާގެ ޢަދަދު ޖުމްލަ 1.4 މިލިއަނަށް އަރައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު ދިހަގަޑި ތިރީހުން މެންދުރު އެކެއް ޖެހުމާ ހަމަޔަށް ފިޠުރު ޒަކާތް ބަލައިގަންނަމުންދާނެ ކަމަށެވެ. ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ މެންދުރު ދެގަޑި ސުންމިނިޓެވެ. އެހެންނަމަވެސް ފަހު ވަގުތަށް މަޑުނުކޮށް ކުރިއާލާ ޒަކާތް ދެއްކުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.
ފިޠުރު ޒަކާތް ދެއްކުމުގެ އިންތިޒާމު އިސްލާމިކް މިނިސްޓްރީން 4 ގޮތަކަށް ހަމަޖައްސަވާފައިވެއެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާރޑާއި، އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް އަދި އެލައިޑް އިންޝުއަރެންސްގެ އަޔާދީ ތަކަފުލް އޮފީސް މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީއަށްވެސް ޒަކާތް ދެއްކޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.
މާލޭ ސިޓީގައި ދިރިއުޅޭ މީހުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 16 ރުފިޔާއެވެ. ތައިލެންޑު ހަނޑުލުންނަމަ މީހަކަށް 55 ރުފިޔާ އަދި ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 80 ރުފިޔާއެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެރަށަކުން ހަނޑޫ ގަންނަން ލިބޭ އަގަކުންނެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައި ހުންނަ އެޗްޑީސީ އޮފީހުންނާއި، ވިލިމާލޭގައި ހުންނަ ހައުސިންގ މިނިސްޓްރީގެ އޮފީހުން ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ. ރަށްރަށުގައި ޒަކާތް ދެއްކުމަށް ހަމަޖެހިފައިވަނީ އެރަށެއްގެ ކައުންސިލް އިދާރާއަށެވެ.