ކުޅިވަރު

ޕާކިސްތާނުން ރާއްޖެއަށް ފުޓްބޯޅައާއި ފުޓްސެލް ބޯޅަ ހަދިޔާކޮށްފި


ޕާކިސްތާން ސަރުކާރުން ރާއްޖެއަށް 500 ފުޓްބޯޅައާއި 100 ފުޓްސެލް ބޯޅަ ހަދިޔާކުރައްވައިފިއެވެ. 

ޕާކިސްތާން ސަރުކާރުގެ ފަރާތުން ބޯޅަތައް ޔޫތް މިނިސްޓްރީއާއި ހަވާލުކޮށްދެއްވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފާ ހުންނަވާ ސަފީރު ވީ. އެޑްމިރަލް ސަޢީދު ޚަވާރު ޢަލީ ޝާހުއެވެ. ރާއްޖެއިން މިބޯޅަތަކާއި ހަވާލުވެވަޑައިގެންނެވީ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. ތަކެއްޗާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މިކަމުންވެސް އަންގައިދެނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި އޮންނަ ގުޅުމުގެ ބަދަހިކަންކަމަށެވެ. އަދި ޚާއްސަކޮށް ދިވެހި ސަރުކާރުން ޒުވާނުންނަށް ވަރަށް ބޮޑު އިސްކަމެއްދީގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި، ޒުވާނުންގެ އެންމެ މަޤުބޫލް ކުޅިވަރު ކަމަށްވާ ފުޓްބޯޅަ އާއި ފުޓްސެލް ބޯޅަތައް ހަދިޔާ ކުރެއްވުމުން އެކަމާއި ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޕާކިސްތާން ސަރުކާރުން މިހަދިޔާ ކުރި ތަކެތި އެކިރަށްރަށުގައި މިނިސްޓްރީގެ ފަރާތުން ބަލަހައްޓަވަމުން ގެންދަވާ ޒުވާނުންގެ މަރުކަޒުތަކުގައި ޒުވާނުންނަށް ކުޅެވޭނެ ގޮތަކަށް އަޅުގަނޑުމެން ހަވާލުކުރާނަން. އޭގެ އިތުރުންވެސް އެކިރަށްރަށުގެ ރައްޔިތުނަށް ބޭނުންވާ ހިނދެއްގައި، ޒުވާނުންގެ މަރުކަޒުތައް ނެތް ރަށްރަށުގައިވެސް މިބޯޅަތައް ލިބޭނެ ގޮތް އަޅުގަނޑުމެން ހައްޖައްސާނަން." މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14972664872168.jpg|ބޯޅަތައް ހަވާލުކުރެއްވުމަށްފަހު ސަފީރާއި ޔޫތް މިނިސްޓަރ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ފޮޓޯ-ޕީއެސްއެމް

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ ސަރުކާރުން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރެއްވިފައިވާކަމަށެވެ. އަދި ޒުވާނުންނަށް ވަރަށް ބޮޑު އިސްކަމެއްދެއްވާފައިވާކަން ފާހަގަކުރެއްވިފައިވާކަމަށްވެސް ސަފީރު ވިދާޅުވިއެވެ. ރާއްޖޭގައި ކުޅިވަރުކުރިއެރުވުމަށް ހުޅުމާލޭގައި ޤާއިމް ކުރައްވާ ޔޫތް ސިޓީއާއި އަތޮޅުތަކުގައި ޤާއިމްކުރައްވާފައިވާ ޔޫތް ސެންޓަރުތަކުން ދައްކައިދެނީ ރާއްޖޭގައި ކުޅިވަރު ފެތުރިފައިވާ މިންވަރުކަމަށް ސަފީރު ވިދާޅުވިއެވެ. ވަރަށް އަވަހަށް ރާއްޖެއަށް ބައިނަލްއަޤްވާމީ ފެންވަރުގެ މެޑަލްތަކެއް ލިބޭނެކަމަށް އުއްމީދު ކުރެވޭކަމަށްވެސް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވިއެވެ.

"ރާއްޖެއަކީ ވަރަށް ކުޅިވަރު ޤައުމެއް. ރާއްޖޭގެ އެކިއެކި ސަރަހައްދުތަކަށް މީގެ ކުރިން ކުރި ދަތުރުތަކުގައިވެސް އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ރާއްޖޭގެ ހުރިހާ ދިމާލެއްގައިވެސް ކުޅިވަރު ކުޅޭކަން. އަދި ރާއްޖޭގެ އެންމެ މަތީ ފަންތީގައި ފުޓްބޯޅަ، ފުޓްސެލް، ނެޓްބޯޅަ ކުޅޭތަން، އަދި ސްވިމިންގް ލެވެލްވެސް ރާއްޖޭގައި ވަރަށް މަތިކަން ފާހަގަކުރެވޭ. މިނިސްޓަރާއި އެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު އަޅުގަނޑު ބުނެފައިވާނީ އޭޝިއަން ގޭމްސް އަދި އޮލިމްޕިކްސްގައި ރާއްޖެއަށް ވަރަށް އަވަހަށް މެޑަލް ލިބޭނެކަމަށް އުއްމީދު ކުރާކަމަށް." ސަފީރު ވިދާޅުވިއެވެ.

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ ޕާކިސްތާންގައި ފުޓްބޯޅައަށް ވުރެ މުހިންމު ކުޅިވަރަކީ ކްރިކެޓް ކަމަށާއި، ކްރިކެޓްގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ރާއްޖެ ގެނެސް، ދައްކާލުމުގެ މެޗުތަކެއް ކުޅުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. މި ރަސްމިއްޔާތު ނިންމާލައްވަމުން މިނިސްޓަރ އިރުތިޝާމް އާދަމް ވަނީ އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ބޫޓާނާއި ދެކޮޅަށް ދިވެހި ޤައުމީ ފުޓުބޯޅަ ޓީމް ކުޅޭ މެޗުން ފުރިހަމަ ކާމިޔާބީއެއް ހޯދުމަށް ޓީމަށް ހިތްވަރު ދެއްވާފައެވެ.