ތިމާވެށި

ވަކިޤައުމުތަކެއްގެ މަސައްކަތުން މޫސުމީބަދަލަށް ޙައްލެއްނުގެނެވޭނެ


މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް އެންމެ ޤައުމެއް ނުވަތަ ޤައުމުތަކަކުން އެކަނި މަސައްކަތްކޮށްގެން ޙައްލު ނުގެނެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޖީ ހަތެއްގެ އެންވަޔަރަންމަންޓް މިނިސްޓަރުންގެ ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުންނެވެ.

މުޅި ދުނިޔޭގެ އިޤްތިޞާދުގެ 64 އިންސައްސަ ޙިއްޞާކުރާ 7 ޤައުމު ހިމެނޭ ޖީ-7 ގެ އެންވަޔަރަމަންޓް މިނިސްޓަރުންގެ ބައްދަލުވުމަށް ދިވެހިރާއްޖެއަށް ދައުވަތުދެއްވާފައިވަނީ ޖީ 7 ގެ ހަތް ޤައުމުގެ އިތުރުން ދައުވަތު ލިބިގެން ބައިވެރިވާ 4 ޤައުމުގެ ތެރޭގައި ހިމެނިގެންނެވެ. ޖުމްލަ 11 ޤައުމުން ބައިވެރިވާ މިބައްދަލުވުމުގައި ބައިވެރިވުމަށް ރާއްޖެއަށް ދައުވަތު ދީފައިވަނީ ރައިސް ޔާމީންގެ ތިމާވެށީގެ ސިޔާސަތާއި ހަކަތައިގެ ސިޔާސަތާއި ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާމެދު ރައީސް ޢަބްދު ﷲ ޔާމީންގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށް ޖީ ހަތެއްގެ ޤައުމުތަކުން ތާއީދުކުރާތީއެވެ.

ހޯމަދުވެހުގެ ނިޔަލަށް ކުރިއަށްދާ މިބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާ ދުނިޔޭގެ ހުރިހާ ޤައުމުތަކުން ކުރިމަތިލާން ޖެހޭކަމަށާއި، ޚާއްޞަގޮތެއްގައި ކުދި ޖަޒީރާ ޤައުމުތަކަށް މިކަމުގެ ސަބަބުން އޮތް ނުރައްކާ މާ ބޮޑުކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޤައުމުތަކުގެ އިޤްތިޞާދަށްވެސް އޭގެ ނޭދެވޭ އަސަރުކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ އިމެއްނެތް މައްސަލައެއްކަން ފާހަގަކުރައްވައި، މިކަމަށް އެންމެ ޤައުމަކަށް ނުވަތަ ޤައުމުތަކަކަށް އެކަނި ޙައްލެއް ނުގެނެވޭނެ ކަމަށް ވިދާޅުވިއެވެ.

މޫސުމީ ނުރައްކާތަކާއި ކާރިޘާތަކާއި ހަނަފަސްކަމާއި، ފެންބޮޑުވުމާއި އަދި ހޫނުމިން އިތުރުވުން ދުނިޔެއަށް ކުރިމަތިލާންޖެހޭ މިންވަރު އިތުރުވަމުންއަންނަކަން ފާހަގަކުރައްވައި، މިނިސްޓަރ ޠާރިޤް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.  

ޖީ ހަތެއްގެ އެންވަޔަރަމަންޓް މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް އިޓަލީއަށް ފުރާވަޑައިގެންފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. ދެދުވަހުގެ މުއްދަތަށް އިޓަލީގެ ބޮލޯނާގައި ކުރިއަށްދާ ޖީ ހަތެއްގެ އެންވަޔަރަންމަންޓް މިނިސްޓަރުންގެ ބައްދަލުވުމަކީ ޖީ ހަތެއްގެ މިދައުރުގެ ރިޔާސަތު ބަލަހައްޓަވާ ޤައުމުކަމަށްވާ އިޓަލީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޖީ ހަތެއްގެ މެންބަރު ޤައުމުތައް ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ޖަޕާން، ޖަރމަނީ، ފްރާންސް އަދި އިޓަލީގެ މިނިސްޓަރުންގެ އިތުރުން ޔޫރަޕިއަން ޔުނިއަންގެ އެންވަޔަރަންމަންޓް އަދި ކުލައިމެޓް ޗޭންޖްގެ ކަމިޝަނަރުންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

މިބައްދަލުވުމުގައި، ޕެރިސް އެގްރީމަންޓް ތަންފީޒު ކުރުމާބެހޭ ގޮތުންނާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމާބެހޭ ގޮތުންނާއި އަދިވެސް ތިމާވެއްޓާއި ގުޅުންހުރި މުހިންމު ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. މި މަޝްވަރާތަކުގައި ދިވެހި ރާއްޖެއިން ވަނީ ކުދި ޤައުމުތަކުގެ މަސްލަޙަތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ޖީ 7ގެ މެމްބަރު ޤައުމުގެ ވަޒީރުން ބައިވެރިވާ މުހިންމު ބައްދަލުވުމެއްގައި ބައިވެރިވުމަށް ރާއްޖެއަށް ޚާއްޞަ ދައުވަތެއް ލިބުމަކީ، ދިވެހި ސަރުކާރުން ގެންގުޅުއްވާ ހަކަތައާއި ތިމާވެށީގެ ސިޔާސަތު ޖީ 7 ގެ ޤައުމުތަކުންވެސް ބަލައިގަންނަކަން ހާމަވެގެންދާ ކަމެކެވެ. އަދި މިއީ ދުނިޔޭގެ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް މި ކުޑަކުޑަ ދިވެހި ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ފުރުޞަތެކެވެ.