ޚަބަރު

ކޯޓްތަކުގެ ޤާނޫނަށް އިސްލާޙް ހުށައަޅުއްވައިފި


ހައިކޯޓްގެ ފަނޑިޔާރުންގެ ޢަދަދު 11 އަށް އިތުރުކުރެއްވުމަށް ކޯޓްތަކުގެ ޤާނޫނަށް އިސްލާޙް ހުށައަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙެވެ. މި އިސްލާޙްގައި ބާޔާންކޮށްފައިވާގޮތުން ހައިކޯޓް އެކުލެވިންގެވަނީ ހައިކޯޓްގެ އިސްފަނޑިޔާރާއި، އެކޯޓަށް ޢައްޔަންކުރެވޭ އިތުރު 10 ފަނޑިޔާރުންނާއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ. މިހާރު ހައިކޯޓްގައި ތިއްބަވަނީ އެކޯޓްގެ އިސްފަނޑިޔާރު ހިމެނޭގޮތަށް 9 ފަނޑިޔާރުންނެވެ.

މި އިސްލާހް ފާސްކުރެއްވިނަމަވެސް ކުރިން ހައިކޯޓްގައި ތިއްބަވާ ފަނޑިޔާރުން މަޤާމުގައި ދެމިތިއްބަވާނެއެވެ. އަދި އިތުރަށް އައްޔަން ކުރަންވަންޖެހޭ ފަނޑިޔާރުން، އިސްލާޙް ފާސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރައްވާތާ 3 މަސްދުވަހުގެ ތެރޭގައި އައްޔަން ކުރައްވަން ޖެހޭނެ ކަމަށް މި އިސްލާޙްގައިވެއެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ހައިކޯޓަށް ފަނޑިޔާރުން އައްޔަނު ކުރައްވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ.

ކޯޓްތަކާ ބެހޭ ޤާނޫނަށް 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގެންނެވި އިސްލާޙާ އެއްގޮތަށް ސުޕްރީމްކޯޓުން ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓްގެ ގޮފިތަށް ޤާއިމުކުރައްވާފައެވެ. މި އިސްލާޙްގައިވާ ގޮތުން ހައިކޯޓްގެ ފަނޑިޔާރުންގެ ތެރެއިން ކޮންމެ ގޮތްޕަކަށް 3 ފަނޑިޔާރުން އައްޔަނު ކުރައްވަން ޖެހެއެވެ. ސުޕްރީމްކޯޓުން ވަނީ ހައިކޯޓްގެ ގޮފިތަކަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ރޮޓޭޓް އުސޫލުން ކަމަށް ކަނޑައަޅުއްވާފައެވެ.

ހައިކޯޓްގެ ފަނޑިޔާރުންގެ ޢަދަދު 11 އަށް އިތުރުކުރުމަށް އިސްލާޙް ހުށައަޅުއްވާފައިވާއިރު، ހައިކޯޓަށް އައްޔަންކުރެއްވި ބައެއް ފަނޑިޔާރުން މަޤާމުން ރިޓަރ ކުރެއްވުމާ ގުޅިގެން ހައިކޯޓްގައި މިހާރު ތިއްބެވީ ޖުމްލަ 7 ފަނޑިޔާރުންނެވެ. ހައިކޯޓަށް ފަނޑިޔާރުން ހޯއްދެމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވަނީ 2 ފަހަރުމަތިން އިޢުލާނުކޮށްފައެވެ.