ކުޅިވަރު

މިއީ ޓީމަށް އިތުބާރު ކުރަންވީ ވަގުތު - ނިއުރޭޑިއެންޓް ކޯޗް


މިވަގުތަކީ ކޯޗަށާއި ޓީމަށް އިތުބާރުކޮށް، ޓީމްގެ ފަހަތުގައި ކުލަބްގެ ހުރިހާ ސަޕޯޓަރުން ތިބެންވީ ވަގުތުކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ކޯޗް ބެނާޑޯ ޓަވަރޭޒް ބުނެފިއެވެ. 

ފަހަކަށް އައިސް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ފަރާތުން ފެންނަމުންދާ ދަށް ކުޅުމާއެދު ގިނަ ބަޔަކުވަނީ ސުވާލު އުފައްދާފައެވެ. ނިއުގެ ކޯޗް ޓަވަރޭޒްބުނީ ކުލަބް ސަލާމަތުގެ އައްސޭރިއަށް ގެންދެވިދާނެކަމަށް އޭނާއަށް ގަބޫލް ކުރެވޭކަމަށާއި މިވަގުތަކީ ޓީމްގެ ކޯޗިން ސްޓާފުންނަށް ޝައްކުނުކޮށް، ޓީމްގެ ފަހަތުގައި އެންމެވެސް ތިބެންވީ ވަގުތުކަމަށެވެ. ލީގުގެ ދެވަނަ ބުރުގައި ނިއުވަނީ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ގްރީން ސްޓްރީޓް އަތުން ތިން ލަނޑު ސުންލަނޑުން ބަލިވެފައެވެ. އަދި ކުލަބް ވެލެންސިޔާ އަތުން މޮޅުވީ އެއް ލަނޑު ސުންލަނޑުންނެވެ. ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ކޯޗް ޓަވަރޭޒްބުނީ ބްރޭކަށްފަހު ނިކުންނައިރު، ޓީމް ވަރަށް ވަރުގަދަ ވާނެކަމަށާއި ކުރިން ހެދުނު ގޯސްތަށް މިހާރު ރނގަޅުކޮށްފައިވާނެކަމަށެވެ. އަދި ލީގުގައި ކުރިއަށް އޮތް ފަސް މެޗުވެސް ކާމިޔާބުކުރަން ބޭނުންވާކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގެ ކޯޗް ބެނާޑޯ ޓަވަރޭޒް ބުންޏެވެ.



"ނިއުއިން ލީގު ފެށީ ވަރަށް ރަނގަޅަށް، ނަމަވެސް ފަހަކަށް އައިސް ޓީމްގެ ބައެއް ކުޅުންތެރިން ސަސްޕެންޑް ކުރުމާއެކު، ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ. މިބްރޭކްގައި އެންމެ ބޮޑަށް އިސްކަންދީފައިވާނީ މެޗްތަކުގައި ހެދިފައި ހުރި މިސްޓޭކްތަށް ރަނގަޅު ކުރަން. ނިއުއަކީ ބޮޑު ކުލަބެއް، އެހެންވީމަ އަބަދުވެސް ޕްރެޝަރު އޮންނާނެ، ނަމަވެސް އެންމެ މުހިންމުކަމަކީ މެޗްތަކުން މޮޅުވުން. އަހަންނަށް މިކަންވާނެކަމަށް އަހަރެން އަބަދުވެސް ގަބޫލްކުރަން." ކޯޗް ޓަވަރޭޒް ބުންޏެވެ.



ނިއުގެ ކޯޗް ޓަވަރޭޒްބުނީ ލީގްގައި ބާކީ 5 މެޗް އޮތްއިރު، ކޮންމެ މެޗަކުންވެސް ތިން ޕޮއިންޓް ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ. ނިއުގެ ސްކޮޑަކީވެސް ވަރުގަދަ ސްކޮޑެއްކަމަށާއި އެހެންކަމުން ނިއުއިން އަބަދުވެސް މަސައްކަތް ކުރަނީ ލީގު ހޯދުމަށްކަމަށް ޓަވަރޭޒް ބުންޏެވެ. 



"ކުރިއަށް ހުރި މެޗްތަކުގައި ބޭނުންވަނީ މޮޅަށް ކުޅެ މެޗްތަކުން މޮޅުވުން. އެހެންކަމުން މިހާރު ފަރިތަކުރުންތަށްވެސް ކުރިއަށް މިގެންދަނީ ވަރަށް ވަރުގަދަޔަށް. މިވަގުތު ގައުމީ ޓީމްގެ މެޗްތަށް ކުރިއަށްދާތީ ބައެއް ކުޅުންތެރިން ތިބީ ގައުމީ ޓީމަށް ދޫކޮށްފަ، ވިހާވެސް ގިނަ ކުޅުންތެރިން ގައުމީ ޓީމްގައި ހިމެނުމަކީ ވަރަށް މުހިންމުކަމެއް. ގައުމީ ޓީމްގެ މެޗް ނިންމާ ކުޅުންތެރިން ކުލަބާ ގުޅުމުން، އެންމެ މުހިންމުކަމަކަށްވާނީ ކުރިއަށް އޮތް ޓީސީ މެޗަށް ތައްޔާރުވުން. ޓީސީ މެޗަކީ ފަސޭހަ މެޗެއް ނޫން، ނަމަވެސް ނިއުއިން ބޭނުންވަނީ ސްޕޯޓަރުން ހިންހަމަޖެހޭ ފަދަ ނަތިޖާއެއް ހޯދަން." ނިއުރޭޑިއެންޓްގެ ކޯޗް ބުންޏެވެ.



ފަހަކަށް އައިސް މެޗްތަކުގައި ނިއުގެ ފަރާތުން ފެނުނު ދަށް ކުޅުމަށް ކޯޗްވަނީ މައާފްއަށް އެދިފައެވެ. އަދި ކުރިއަށް ހުރި މެޗްތަކުގައިވެސް ސަޕޯޓަރުންގެ ސަޕޯޓް ބޭނުންވާކަމަށް ކޯޗް ޓަވަރޭޒް ބުންޏެވެ.  

އެސްޓީއޯ މާލޭ ލީގް ތާވަލްގެ ދެވަނާގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. 1ވަނާގައިވާ މާޒިޔާއަށް 21ޕޮއިންޓް ލިބިފައިވާއިރު، ނިއުގެ ފަހަތުން ތިންވަނާގައިވާ ގްރީން ސްޓްރީޓްއަށް ލިބިފައިވަނީ 17 ޕޮއިންޓެވެ. އަދި ޓީސީ ސްޕޯޓްސް ކުލަބްއާއި ވިކްޓްރީ ސްޕޯޓްސް ކުލަބްއަށް ލިބިފައިވަނީ 14 ޕޮއިންޓެވެ.