ކުޅިވަރު

މިވަގުތު 3 ވަނަ، ކުރަންޖެހޭ މަސައްކަތް އަދި ވަރަށް ގިނަ - ސޮބާ


އެސްޓީއޯ މާލޭ ލީގު ތާވަލްގެ ތިން ވަނާގަ އޮތް ނަމަވެސް، އަދިވެސް ކުރަންޖެހޭ މަސައްކަތް ވަރަށް ގިނަކަމަށް ކުލަބް ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހު މުހައްމަދު ބުނެފިއެވެ. 

17 ޕޮއިންޓާއެކު ތިން ވަނާގަ އޮތް ޓީމްގެ ކޯޗު ބުނީ މިހާރު އޮތް މަޤާމަކީ ހިތްހަމަ ޖެހުމެއް ކަމަށާއި، ނަމަވެސް ކުރަމުން އައި މަސައްކަތް އަދި ނުނިމޭކަމަށެވެ. އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ގޮތުގައި ޞޮބާ ފާހަގަކުރީ މާޒިޔާ ފިޔަވާ ކޮންމެ ޓީމެއްވެސް ބަލިކުރެވިދާނެކަން ކުޅުންތެރިންނަށްވެސް ޤަބޫލުކުރެވުންކަމަށެވެ. ލީގުގައި ގްރީން ސްޓްރީޓަށް ބާކީ އޮތީ 5 މެޗެވެ. ދެ ވަނާގައި ނިއުރޭޑިއަންޓް އޮތީ ގްރީން ސްޓްރީޓަށްވުރެ އެންމެ ޕޮއިންޓެއް އިތުރަށް ލިބިގެންނެވެ. 

"ލީގުގެ ތިންވަނާގައ ޓީމް އޮތްނަމަވެސް ކުޅުންތެރިންނަށް މިހާރުވެސް ވިސްނައި ދީފަވާނީ މިހާ ހިސާބުން ނިމުނީ ނޫންކަމަށް. އަޅުގަނޑުމެން ތިބެން ޖެހޭނީ އަޅުގަނޑުމެންގެ ގޮތުގަ. އެއްވެސް އިރެއްގަ ނުވިސްނަން މިއީ މާބޮޑު ޓީމެއްގެ ގޮތުގަ. އަދި މާމޮޅުވެފަ އުޅޭކަށް. އަބަދުވެސް ވިސްނަނީ އަޅުގަނޑުމެންގެ ސްޓައިލްގަ، ފުރަތަމަ މިނިޓުންން ފެށިގެން މެޗުގެ އެންމެ ފަހު މިނިޓާ ހަމައަށްވެސް މަސައްކަތްކޮށް، މެޗަކަށް ފަހު މެޗަކަށް ވިސްނާ 3 ޕޮއިންޓް ނެގުން." ސޮބާހު ބުންޏެވެ. 

ސޮބާ ބުނީ މިބްރޭކަށްފަހު ޓީމްތައް ނިކުންނައިރު ހުރިހާ ޓީމްތަކެއްވެސް ވަރަށް ވަރުގަދަވާނެކަމަށެވެ. ކުރިން މެޗުތަކުގައި ހެދިފައި ހުރި ގޯސްތައް ރަނގަޅުކޮށް ކޮންމެ ޓީމެއްވެސް ގަދަ ހަތަރަކަށް އެރުމަށްޓަކާ ކުރަންޖެހޭ ހުރިހާ މަސައްކަތްކެއް ކުރާނެކަމަށް ސޮބާ ފާހަގަކުރިއެވެ. އަދި މިހާރު ނުލިބުނު ޕޮއިންޓެއް ފަހުން ނުލިބެނޭކަން އޭނާ ފާހަގަކުރިއެވެ.

"ރޯދަ މަހު ގްރީން ސްޓްރީޓްގެ ފުރަތަމަ މެޗަކީ ވެލެންސިޔާއާ ދެކޮޅަށް ނިކުންނަ މެޗް. އެމެޗުން ޕޮއިންޓެއް ނެގުން މުހިންމު. ނަމަވެސް މެޗާ ކުރިމަތިލާނީ ސިދާ 3 ޕޮއިންޓަށް. އެހެންވެއްޖެނަމަ އެލިބެނީ 20 ޕޮއިންޓް، އަނެއްކާވެސް އެދިޔައީ ތަންކޮޅެއް އިތުރުވެލައިގެން. ދެން ގަދަ ހަތަރަކަށް އަރަން ހުރި ޓީމްތައް އަތުން ތިން ޕޮއިންޓް ލިބުނަސް ވަރަށް ބޮޑަށް ޔަޤީންވީ" ސޮބާ ބުންޏެވެ.

ދެ ވަނަ ބުރުގައި އެންމެ ފުރަތަމަވެސް 6 ޕޮއިންޓް ހަމަކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމަށް ސޮބާ ބުންޏެވެ. ފަހުން ކުޅޭ މެޗުގައި ޕޮއިންޓް ނަގަން ވިސްނުމަށް ވުރެ އަބަދުވެސް އެންމެ އަވަހަށް ކުޅޭ މެޗުތަކުން ޕޮއިންޓް ނެގުން ވަރަށް މުހިންމުކަމަންވެސް ކުލަބް ގްރީން ސްޓްރީޓްގެ ކޯޗް ސޮބާހު ފާހަގަކުރިއެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގައި ގްރީން ސްޓްރީޓްވަނީ 3-0 ން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް ބަލިކޮށްފައެވެ. އަދި ޓީސީއާއި ވާދަކުރި މެޗު ނިކުނީ 1-1 ން އެއްވަރުވެގެންނެވެ.