ރާއްޖެއަކީ ސަރަޙައްދީ ޤައުމުތަކުގެ ނިސްބަތުން ޢަދުލު އިންސާފަށް ވާޞިލުވުމުގެ މަގު އެންމެ ބޮޑަށް ތަނަވަސްވެފައިވާ ޤައުމެވެ. ކޯޓްތަކަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން 1 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ނިސްބަތަކީ އެންމެ 12 އިންސައްތައެވެ. މިކަމުން ދޭހަކޮށްދެނީ ޝަރުޢީ ކޯޓްތަކަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން 88 އިންސައްތަ މައްސަލަ 1 އަހަރު ވުމުގެ ކުރިން ނިންމަވާ ޙުކުމް ކުރައްވާ ކަމެވެ.
އެކަށީގެންވާ އަވަސްމިނެއްގައި ޢަދުލު އިންސާފަށް ވާޞިލުވުމުގެ ޙައްޤަކީ ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދޭ ކަމެކެވެ. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދު ﷲ ސަޢީދުގެ އިސްނެންގެވުމުގެ މަތިން، ޝަރުޢީ ދާއިރާއިން 2015 ވަނަ އަހަރު ވަނީ ކޯޓްތަކުގައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމެވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަން ފަށްޓަވާފައެވެ. އެގޮތުން ކޯޓްތަކުން ވަކި ލަނޑުދަނޑިތަކެއް ކަނޑައަޅުއްވައި، އެ ލަނޑުދަނޑިތަކަށް ވާޞިލުވެފައިވެއެވެ. އަދި އަތޮޅުތަކުގެ މަޖިސްޓްރޭޓް ކޯޓްތަކުގައި ނުނިމި ހުރި މައްސަލަތައް ނިންމެވުމަށް މާލެއިން ވަފްދުތައް ފޮނުއްވައިގެން އެ މައްސަލަތައް ނިންމެވުމުގެ މަސައްކަތް ކުރައްވާފައިވެއެވެ.
ޝަރުޢީ ކޯޓްތަކަށް މައްސަލަ ހުށައެޅޭތާ އެވަރެޖެކޮށް ދެތިން މަސްދުވަހުގެ ތެރޭގައި މައްސަލައިގެ ޙުކުމާ ހަމައަށް ވާސިލްވެއެވެ. އަވައްޓެރި ޤައުމުތަކުގެ ތެރެއިން އިންޑިއާއަށް ބަލާލާއިރު މަދަނީ މައްސަލައެއްގެ ޙުކުމާ ހަމައަށް ވާސިލުވުމަށް 5 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަވެއެވެ. އަދި ވަރި ސާބިތުކުރުންފަދަ ކުދިކުދި ޢާއިލީ މައްސަލަތަކުގައިވެސް އެވަރެޖްކޮށް 4 އަހަރު ހޭދަކުރަންޖެހެއެވެ. އެހެންނަމަވެސް މިފަދަ މައްސަލަތަކަކީ ރާއްޖޭގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ޢަދުލު އިންސާފު ލިބޭ މައްސަލަތަކެވެ. މިއީ ރާއްޖޭގެ ޝަރުޢި ދާއިރާއިން ހޯދާފައިވާ ބޮޑު ކާމިޔާބީއެކެވެ.
ރާއްޖޭގެ ޝަރުޢީ ކޯޓްތަކަށް އަހަރެއްގެ ތެރޭގައި އެވަރެޖްކޮށް 15 ހާހާއި 20 ހާހާ ދެމެދުގެ ޢަދަދަކަށް މައްސަލަ ހުށައަޅާއިރު، އޭގެތެރެއިން ނުނިމި އެއްއަހަރަށްވުރެ ގިނަދުވަސްވާ މައްސަލައިގެ ޢަދަދަކީ ނިސްބަތުން 12 އިންސައްތައެވެ. އެގޮތުން 2016 ވަނައަހަރު ދަށު ކޯޓްތަކަށް 20،188 މައްސަލަ ހުށައެޅިކަމަށް ދައްކާއިރު، ކޯތްތަކުގައި ނުނިމި 1 އަހަރުވެފައިވާ މައްސަލަތަކުގެ ޢަދަދަކީ އެންމެ 790 އެވެ.