ޚަބަރު

އޮގަސްޓް ނިމުމުގެ ކުރިން ހުރިހާ ރަށަކަށް ސީ އެމްބިއުލާންސްގެ ހިދުމަތް



މިއަހަރުގެ އޮގަސްޓް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ސީއެމްބިއުލާންސްގެ ޚިދުމަތް ތައާރަފް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.


 
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމީހަކު ހުރި ތަނަކުން ސާޅީސް ފަސްމިނެޓްތެރޭގައި ސިއްޚީ ފަރުވާއާހަމައަށް ދެވޭވަރު ކުރައްވާނެ ކަމަށާއި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް ސާޅީސް ފަސް މިނިޓްތެރޭގައި ސިއްޚީފަރުވާއާ ހަމައަށް ގެންދެވޭނެ ވަސީލަތް މުޅި ރާއްޖޭގައި ޤާއިމް ކުރައްވާނެކަމަށެވެ.


 
ރައީސް ޔާމީން ވިދާޅުވީ މިކަންކަމަކީ ވޯލްޑް ބޭންކް ނުވަތަ އެހެންވެސް ބޭންކުތަކުން ލޯނު ނަންގަވައިގެން ކުރައްވާ ކަންކަން ނޫން ކަމަށާއި މިކަން ކުރައްވާނީ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑު ނުވާ ގޮތަށް ބަޖެޓްގެ ތެރެއިން ކަމަށެވެ.


 
 


ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤްތިޞާދީ ބައެއް މަޝްރޫޢޫތައް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުމާއެކު ސަރުކާރުގެ އަމާޒު އެންމެ ބޮޑަށް ހުއްޓިގެންދާނީ ސިއްޚީދާއިރާއަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަ ކޮށްދިނުމަށް ކަމަށެވެ. އަދި ވިދާޅުވީ ހުސްނުވާ އާސަންދަ ތައާރަފް ކުރެވި އޭގެ ބޭނުން ރައްޔިތުން  ކުރަމުންދާ ކަމަށާއި ރައްޔިތުން ދެން ބޭނުންވަނީ ސިއްޚީދާއިރާއިން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ކަމަށެވެ.