ތިމާވެށި

އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ފުރާވަޑައިގެންފި


ޖީ ހަތެއްގެ އެންވަޔަރަންމަންޓް މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ފުރާވަޑައިގެންފިއެވެ.

މިމަހުގެ 11 އިން 12 އަށް އިޓަލީގެ ބޮލޯނާގައި ކުރިއަށްދާ ޖީ ހަތެއްގެ އެންވަޔަރަންމަންޓް މިނިސްޓަރުންގެ ބައްދަލުވުމަކީ ޖީ ހަތެއްގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަވާ ޤައުމުކަމަށްވާ އިޓަލީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޖީ7 ގެ މެންބަރު ޤައުމުތައް ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ޖަޕާން، ޖަރުމަނު، ފްރާންސް، އިޓަލީ މި ޤައުމުތަކުގެ މިނިސްޓަރުންނާއި ޔޫރަޕިއަން ޔުނިއަންގެ އެންވަޔަރަންމަންޓް އަދި ކުލައިމެޓް ޗޭންޖްގެ ކަމިޝަނަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ދިވެހިރާއްޖެ މިބައްދަލުވުމުގައި ބައިވެރިވަނީ، ބައްދަލުވުމުގައި ބައިވެރިވުމަށް ޚާއްސަ ދަޢުވަތު ލިބިފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.

އިޓަލީގައި ބޭއްވޭ މިބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ، އދ.ގެ އެއްބަސްވުން ޕެރިސް އެގްރީމަންޓް ތަންފީޒު ކުރުމާބެހޭ ގޮތުންނާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމާބެހޭ ގޮތުންނާއި އަދިވެސް ތިމާވެއްޓާ ގުޅުންހުރި މުހިންމު ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މި މަޝްވަރާތަކުގައި ކުދި ޤައުމުތަކުގެ މަސްލަޙަތާއި ގުޅޭގޮތުން ރާއްޖެއިން ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ. މި ބައްދަލުވުމުގެ ހަވާސާގައި އިޓަލީގެ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގާ ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ޕްރޮގްރާމްތަކާއި، މި ދާއިރާއިން އިތުރު އެހީ ހޯދުމާ ގުޅޭގޮތުން އިޓަލީގެ އެންވަޔަރަމަންޓް މިނިސްޓަރާ، މިނިސްޓަރ ޠާރިޤް އިބްރާހީމް ބައްދަލުކުރައްވާނެއެވެ. އަދި އިންޓަރނޭޝަނަލް ރިނިއުބަލް އެނެރޖީ އޭޖެންސީގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫޢުތަކާ ގުޅޭގޮތުން އެޖަމާޢަތުގެ ޑިރެކްޓަރ ޖެނެރަލް ޢަދުދާނު އަމީނާވެސް މިނިސްޓަރ ތާރިޤް ބައްދަލު ކުރައްވާނެއެވެ.