ސައޫދީއާއި ޔޫއޭއީން ގަތަރަށް ހުށަހަޅާފައިވަނީ ހައްލެއް ނޫންކަމަށާ އެއީ އަމާންދިނުން ކަމަށް ސިފަކުރައްވައި ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ވާހަކަ ދައްކަވައިފިއެވެ.
ދޯހާގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޝައިޚް މުޙައްމަދު ވިދާޅުވީ ޤަތަރު އޮތީ އެޤައުމާ ގުޅުންތައް ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ގައުމުތައް ބުނާހާ ގޮތެއްހަދައި އަމާން ދޭ ގޮތަށް ނޫންކަމަށާ ގަތަރުގެ ޚާރިޖީ ސިޔާސަތުގެ ތެރެއަށް އެހެންގައުމުތައް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
ގަތަރުގެ ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަ ދެއްކެވީ ސައޫދީ، ޔޫއޭއީ، ބަހްރައިން އަދި މިސްރުން ގަތަރާ ގުޅުންތައް ކަނޑާލުމަށްފަހު އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް އުވާލުމަށް ހުށަހެޅި ޝަރުތުތަކަށް އިޝާރާތް ކުރައްވަމުންނެވެ. މިމައްސަލާގައި މެދުވެރިއެއްގެ ބައި އަދާކުރެއްވި ކުވައިތުގެ އަމީރު މެދުވެރިކޮށް ސައޫދީ އާއި ޔޫއޭއީން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި ގަތަރުން އީރާނާއެކު ބާއްވާ ހުރިހާ ގުޅުންތަކެއް ވަގުތުން ކަނޑާލުމާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާއި މިސްރުގެ އިޚްވާނުލް މުސްލިމޫން ޖަމާއަތާ ގުޅުންތައް ކަނޑާލައި އެދެޖަމާއަތުގެ ވެރިން ގަތަރުން ބޭރުކޮށް ގަތަރުގެ ބޭންކްތަކުގައިވާ އެބޭފުޅުންގެ އެކައުންޓްތައް ފްރީޒް ކުރުން ހިމެނެއެވެ. އަދި ގަތަރުގެ މަޝްހޫރު އަލްޖަޒީރާ ޗެނެލް ހުއްޓާލުމާއި އެޗެނަލް އިން ގަލްފުގެ މަސްލަހަތާ ފުށުއަރާގޮތަށް ފޮނުވާފައިވާ ޕްރޮގްރާމްތަކަށް ގަތަރު ސަރުކާރުން މަޢާފަށް އެދުމާއި ގަލްފުގެ ގައުމުތަކުގެ އެއްބައިވަންތަކަމާއި ސަރަހައްދީ މަސްލަހަތާ ފުށުއަރާ އެއްވެސް އަމަލެއް މުސްތްގަބަލްގައި ގަތަރުން ނުހިންގާނެ ކަމުގެ ޖާމިނުވުން ދިނުން ހިމެނެއެވެ.
މީގެއިތުރުން ދެހާސް ދެވަނަ އަހަރު ގަތަރާއި ސައޫދީން ސޮއިކުރި އެއްބަސްވުމުގައިވާ ކަންކަން ގަތަރުން ތަންފީޒުކުރުންވެސް ސައޫދީން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. ގަތަރަށް ވަޑައިގެން މިޝަރުތުތައް ހުށަހެޅުއްވުމަށްފަހު ކުވައިތުގެ އަމީރު ޝައިޚް ސަބާޙް އަލްއަހްމަދު ވަނީ ބުރާސްފަތި ދުވަހު ދޯހާއިން ފުރަވަޑައިގެންފައެވެ.
މިޝަރުތުތައް ގަބޫލުކުރިކަން ނުވަތަ ނޫންކަން ގަތަރުން ހާމަކޮށްފައިނުވާތީ ޔޫއޭއީގެ އިސް މަސްއޫލުވެރިއެއްކަމަށްވާ އަންވަރު ގަރްގާޝް ވަނީ އެޝަރުތުތައް ގަތަރުން ގަބޫލުކުރާނެ ހެން ހީނުވާކަމަށް ވިދާޅުވެ ގަތަރާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ.
ނަމަވެސް މިއީ ކޮންފިޔަވަޅުތަކެއްކަން އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. މައްސަލަ ހައްލުކުރުމަށްޓަކައި ސައޫދީ އާއި ޔޫއޭއީ އިން ހުށަހަޅާފައިވާ ޝަރުތުތައް ގަބޫލުކުރުމުގެ ބަދަލުގައި ގަތަރުން މަސައްކަތް ކުރަމުން ގެންދަނީ ސަރަހައްދީ ދެބާރުކަމަށްވާ އީރާނާއި ތުރުކީވިލާތުގެ އެހީތެރިކަމާއި އަދި ދުނިޔޭގެ ބޮޑު ބާރުކަމަށްވާ އެމެރިކާގެ ތާއީދާއި އެއްބާރުލުން ހޯދުމަށެވެ. މިގޮތުން ސައޫދީއާއި ޔޫއޭއީ ން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ފޫއަޅުވާލުމަށް ބޭނުންވާ ކަނޑާއި ވައިގެ ފަސޭހަތައް އީރާނުން ހޯދާފައިވާއިރު ގަތަރުގެ ވެރިކަމުގެ ނިޒާމު ހިމާޔަތް ކުރުމަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ތުރުކީވިލާތުން ހޯދުމުގައި ގަތަރުވަނީ ކާމިޔާބު ހޯދާފައެވެ. މީގެއިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާ ފޯނުން ގުޅުއްވައި ގަތަރުގެ މައްސަލަ ސުލްޙަވެރިކަމާއެކު ޙައްލުކުރުމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވާފައެވެ.
ފާއިތުވި ސައުވީސް ގަޑީއިރުތެރޭގައި ގަލްފުގެ މަސްރަޙަށް އައި މި ބަދަލުތަކާއެކު ބާރުހުރި ގައުމުތަކެއްގެ ތާއީދާއި އެއްބާރުލުން ގަތަރަށް ލިބިގެން ދިޔުމަކީ ސައޫދީ، ޔޫއޭއީގެ ޝަރުތުތައް ގަބޫލުކުރުމަށް ގަތަރު ފަސްޖެހުނު ސަބަބެއް ކަމަށްވަނީ ބެލެވިފައެވެ.