ތިމާވެށި

ކަނޑުތަކުގެ ދުވަހުގެ ހަރަކާތްތަކުގައި ރާއްޖެއިން ބައިވެރިވާނެ


އދ. ގެ މައި މަރުކަޒުގައި ކުރިއަށްދާ "ދި އޯޝަންސް ކޮންފަރަންސް"ގައި ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަ ކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެން ބާއްވާ މުހިންމު ހަރަކާތްތަކުގައި ދިވެހި ރާއްޖެއިން ބައިވެރިވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މި ކޮންފަރަންސްގައި ބައިވެރިވާ ދިވެހި ވަފުދުގެ އެންމެ އިސް ވެރިއެއްގެ ގޮތުން ހުންނަވާނީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޑރ. މުޙައްމަދު ޝައިނީއެވެ.

"ދި އޯޝަންސް ކޮންފަރަންސް" އަކީ، ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑި ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމަށް ޤައުމުތަކުގެ އިސްވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް މި ޖޫންމަހުގެ ފަހަކުން ނުވަޔަކަށް ނިއުޔޯރކްގައި ކުރިއަށްދާ ކޮންފަރެންސްއެކެވެ. މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެން މި ކޮންފަރަންސްގައި މިއަދު 10:00 އިން ފެށިގެން ދުނިޔޭގެ ކަނޑުތަކުގެ ދުވަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރިލިމިނަރީ ސެޝަންގައި ޑރ. ޝައިނީ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކަނޑުތަކަށް އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށްޓަކައި ދިވެހިރާއްޖެއާއިއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ، "ޕާރލޭ ފޮރ ދި އޯޝަންސް" އާއި، ކަނޑުތަކުން ނަގާ ޕްލާސްޓިކް ބޭނުންކޮށްގެން ތަކެތި އުފައްދަމުން ގެންދާ އެޑިޑާސް ކުންފުނި ގުޅިގެން ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި އިންތިޒާމުކޮށްފައިވާ 5 ކިލޯމީޓަރުގެ ދުވުމެއްގައިވެސް ޑރ. ޝައިނީ ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.