ތިމާވެށި

"އޮޔާދާ ކަނދުފަތި ދޫކުރުމުގައި އިތުރަށް ޒިންމާދާރުވާންޖެހޭ"


ބޭރުގެ ބޮޑު ދަލުގެ މަސްވެރިކަން ކުރާ ފަރާތްތަކުން ކަނޑަށް، އޮޔާދާ ކަނދުފަތި ދޫކުރުމުގައި އިތުރަށް ޒިންމާދާރުވެ، އެތަކެތީގެ ސަބަބުން ކަނޑުގެ ދިރުމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައިކަމެއް ކުރުމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙއްމަދު ޝައިނީ ގޮވާލައްވައިފިއެވެ.

މިނިސްޓަރ މިކަމަށް ގޮވާލެއްވީ މިހާރު ނިއުޔޯކުގައި ކުރިއަށްދާ "ދި އޯޝަން ކޮންފަރަންސް"ގެ ހަވާސާގައި ސައުތް އޭޝިއާ ކޯޕަރޭޓިވް އެންޔަވަރަންމަންޓް ޕްރޮގްރާމް ސަކެޕް، އިން އިންތިޒާމުކުރެއްވި ސައިޑް އިވެންޓްގައި ތަޤްރީރުކުރައްވަމުންނެވެ.

މިނިސްޓަރ ޝައިނީ ދެއްވި ތަޤްރީރުގައި މައިގަނޑުގޮތެއްގައި އަލިއަޅުއްވާލެއްވީ ކަނޑުތަކުގައި ދައުރުވާ ކުނީގެ ބާވަތްތަކުގެތެރެއިން އުކާލެވޭ ނުވަތަ ކަނޑުމައްޗަށް ގެއްލިފައިވާ މަސްވެރި އާލާތްތައް، ވަކިން ޚާއްޞަކޮށް ބޮޑެތި އުޅަނދުފަހަރުން ކަނޑަށް ދޫކުރާ އޮޔާދާ ކަނދުފަތީގެ ސަބަބުން ކަނޑުގެ ދިރުމަށް ކުރާ ނޭދެވޭ އަސަރުގެ މައްޗަށެވެ. ޑރ. ޝައިނީގެ ތަޤުރީރުގައި މިގޮތަށް ކަނދުފަތީގެ ގޮތުގައި ދޫކުރާ ތަކެތީގައި ހުންނަ ދަލުގައި ވެލާކަހަނބާއި މިޔަރާއި ބޮޑުމަސްފަދަ ބާވަތްތައް ޖެހި، މަރުވަމުންދާކަން ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ އޮޔާދާ ކަނދުފަތިތައް ރާއްޖޭގެ ކަނޑުގެ ޞަރަޙައްދުން ފެނުނު ނަމަވެސް މިތަކެއްޗަކީ ރާއްޖޭގެ މަސްވެރިން ބޭނުންކުރާ ތަކެތި ނޫންކަމަށް އަދި މިއީ މި ސަރަހައްދުން އަންނަ ތަކެތި ނޫންކަމަށާ، މިގޮތަށް ކަނދުފަތި ކަނޑަށް ދޫކުރާ ފަރާތްތަކުން އިތުރަށް ޒިންމާދާރުވެ، އެތަކެތީގެ ސަބަބުން ކަނޑުގެ ދިރުމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރުމަށް މިނިސްޓަރ ޝައިނީ ވަނީ ގޮވާލައްވާފައެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑި ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމަށް ޤައުމުތަކުގެ އިސްވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް ބާއްވާ "ދި އޯޝަން ކޮންފަރަންސް" ކުރިއަށްދަނީ ޖޫން 5 ން 9 އަށް ނިއުޔޯރކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައެވެ. މި ކޮންފަރަންސްގެ މުހިންމު ޕާރޓްނަރޝިޕް ޑައިލޮގްތަކާއި ސައިޑް އިވެންޓްތަކުގައި، ދިވެހި ރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފްދުގައި އެންމެ އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީއެވެ. މިނިސްޓަރ ޝައިނީ ވަނީ މި ކޮންފަރެންސްގެ މުހިންމު ސައިޑް އިވެންޓް ތަކާއި ޕާރޓްނަރޝިޕް ޑައިލޮގްތަކުގައި ރާއްޖޭގެ ފަރާތުން ތަޤްރީރް ކުރައްވާފައެވެ.

މިކޮންފަރެންސްގައި މިނިސްޓަރ ޝައިނީ ވަނީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ އިޤްތިޞާދީ ފައިދާ އިތުރުކޮށް، މިފަދަ ޤައުމުތަކުގައި ކުދި ފަންތީގައި ހަރަކާތްތެރިވާ މަސްވެރިންނަށް ކަނޑުގެ ވަސީލަތްތަކާއި މާކެޓަށް އެކްސެސް ހޯދައިދިނުމާ ގުޅޭ ޕާރޓްނަރޝިޕް ޑައިލޮގްގައިވެސް ތަޤުރީރުކުރައްވާފައެވެ. އަދި މިކަމުގައި ދިވެހިރާއްޖޭގެ ތަޖުރިބާވެސް މިނިސްޓަރ ހިއްސާކުރައްވާފައިވެއެވެ. މިގޮތުން ތިމާވެއްޓާ ރައްޓެހި ޒިންމާދާރު ފަތުރުވެރިކަމެއް ރާއްޖޭގައި ޤާއިމްކުރެވިފައި ވުމުގެ ސަބަބުން، ދިވެހި ފަތުރުވެރިކަމުގެ ސިނާޢަތަށާއި، އިޤްތިޞާދަށް ލިބިފައިވާ ކުރިއެރުން ފާހަގަ ކުރައްވާފައިވެއެވެ. މީގެ އިތުރުން ދެމެހެއްޓެނިވި މަސްވެރިކަމަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބޭ ކުރިއެރުމުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައިވެއެވެ. އަދި ދެމެހެއްޓެނިވި މަސްވެރިކަމަށް ބޭނުންވާ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒުކޮށްގެން ރާއްޖޭގެ ކަނޑުމަހާއި ކަންނެލީގެ މަސްވެރިކަމުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކުރެވިފައިވާކަން ފާހަގަކުރައްވާ، މިކަމުގައި ރާއްޖެ ހޯދާފައިވާ ކާމިޔާބީގެ އަލީގައި ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމަށް، މަސައްކަތް ކުރުމަށް ކުދި ޖަޒީރާ ޤައުމުތަކަށް މިނިސްޓަރ ޑރ. ޝައިނީ ވަނީ ގޮވާލައްވާފައެވެ.

މަސްވެރިކަން ކުރާ ސަރަހައްދު ޒޯންތަކަކަށް ބަހާލައިގެން ކަނޑުގެ ވަސީލަތްތައް މެނޭޖް ކުރުމާއިމެދު މަޝްވަރާކުރުމަށް ފިޝަރީޒް ފޯރަމް އޭޖެންސީ،އެފް.އެފް.އޭއިން އިންތިޒާމު ކުރެއްވި ސައިޑް އިވެންޓްގައިވެސް މިނިސްޓަރ ޑރ. ޝައިނީ ވަނީ ތަޤުރީރުކުރައްވާފައެވެ. ޑރ. ޝައިނީގެ ތަޤުރީރުގައި ދިވެހިރާއްޖެއިން ކުރާ ދިމާވެއްޓާއި ރައްޓެހި މަސްވެރިކަން މެނޭޖްކުރުމަށްޓަކައި ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި ބޭރުގެ އުޅަނދުފަހަރަށް ހަރަކާތްތެރިވުމުގެ ހުއްދަ ނޯންނަކަން ފާހަގަ ކުރެއްވިއެވެ. އަދި ސަހަރައްދީ ފެންވަރެއްގައި މަސްވެރިކަން މެނޭޖްކުރުމަށްޓަކައި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން، އައި.އޯ.ޓީ.ސީ, އާއި ސައުތް ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަން ސްވައިއޮފްސީ ގައި ރާއްޖެ އަދާކުރަމުން ގެންދާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މީގެ އިތުރުން އައްސޭރިފަށުގެ ޤައުމުތަކަށް، ދުރަށް ދަތުރުކުރާ މަހުގެ އާބާދީތައް މެނޭޖްކުރުމުގެ މުހިންމުކަން ޑރ. ޝައިނީގެ ތަޤުރީރުގައި ވަނީ ފާހަގަކުރައްވާފައެވެ.