ދުނިޔެ

ޤަތަރުގެ އަސްކަރިއްޔާ ތައްޔާރީ ޙާލަތަށް ގެނެސްފި


ޤަތަރާ ޢަރަބި ބައެއް ގައުމުތަކާ ދެމެދު އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކަށްޓަކައި ޤަތަރުގެ އަސްކަރިއްޔާ ތައްޔާރީ ޙަލާތަށް ގެނެސްފައިވާ ކަމަށް އެމެރިކާގެ ސަރުކާރުގެ އޮފިޝަލަކު ހާމަކުރައްވައިފިއެވެ. 

ޓެރަރިސްޓް ޖަމާޢަތްތަކަށް ޤަތަރުން އެހީތައް ވަމުންދާ ކަމަށް ބުނެ ސައުދީ ޢަރަބިއްޔާ، ބަހްރައިން، ޔޫ.އޭ.އީ އަދި މިސްރުން ވަނީ މި ހަފްތާގެ ހޯމަދުވަހު ޤަތަރާ ގުޅުން ކަނޑާލާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެގައުމުން ޤަތަރާ ދެކޮޅަށް އިޤްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރުތައް ވެސް ވަނީ ދީފައެވެ.

ޢަރަބި ބާރުތަކުން ޤަތަރާ އެކު ގުޅުން ކަނޑާލާފައިވަނީ އެގައުމުން ޓެރަރިސްޓް ޖަމާޢަތްތަކަށް މާލީ އެހީ ފޯރުކޮށްދީ އެފަދަ ޖަމާޢަތްތަކުގެ ފިކުރުތައް ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެއެވެ. މީގެ އިތުރުން އެގައުމުތަކުން ވަނީ ޤަތަރުން އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެެއަށް ވަންނަމުންދާ ކަމަށާ އެގައުމުގެ ހަރަކާތްތަކުގެ ސަބަބުން ސަރަހައްދުގެ އެހެން ގައުމުތައް ނުރައްކަލުގެ ތެރެއަށް ވައްޓާލާފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައެވެ. 

img:http://s3.psmnews.mv/images/660x400/14968423796483.jpg|ޤަތަރުގެ އަމީރު، ޝައިޚް ތަމީމް ބިން ޚަމަދު އަލް ޞާނީ

އެގައުމުތަކުގެ މި ތުހުމަތުތައް ޤަތަރުން ދޮގުކުރެއެވެ. މި ދަނޑިވަޅުގައި، މިމައްސަލައިގެ ސަބަބުން ގަލްފް ސަރަހައްދުގައި ނުތަނަވަސްކަން އުފެދިފައިވާ މިދަނޑިވަޅުގައި ޤަތަރުން ވަނީ އެގައުމުގެ އަސްކަރިއްޔާ ތައްޔާރީ ޙަލާތަށް ގެނެސްފައި ކަމަށް އެމެރިކާގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ސީ.އެން.އެން އިން ވަނީ ރިޕޯޓްކޮށްފައެވެ. 

ސީ.އެން.އެން ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި ޤަތަރުގެ އަސްކަރީ ހަރަކާތްތައް އިތުރުވެފައިވާ ކަމަށާ މިއީ އެގައުމުން ސައުދީ ޢަރަބިއްޔާއާ ހިއްސާކުރާ ސަރަހައްދީ ރޮނގު މެދުވެރިކޮށް ހަމަލާއެއް އަތުވެދާނެހެން ހީވާތީ ނަގާ ފިޔަވަޅެއް ކަމަށް އެމެރިކާގެ އޮފިޝަލުން ޤަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން ޤަތަރުގެ ދިފާޢީ ވުޒާރާއިން ވަނީ ސައުދީ ޢަރަބިއްޔާއާ، ބަހްރައިން އަދި ޔޫ.އޭ.އީގެ އެއްވެސް އުޅަނދެއް ޤަތަރުގެ ކަނޑުގެ ސަރަހައްދުގެ ތެރެއަށް ވަދެއްޖެނަމަ ހަމަލާތައް ދޭނެ ކަމުގެ އިންޒާރުތައް ދީފައިވާކަމަށްވެސް އެމެރިކާ ސަރުކާރުގެ އޮފިޝަލާ ހަވާލާދީ ސީ.އެން.އެން އިން ވަނީ ރިޕޯޓްކޮށްފައެވެ.

އެހެން ނަމަވެސް، ޤަތަރުގެ ދިފާޢީ ވުޒާރާއިން ވަނީ އެގައުމުގެ އަސްކަރިއްޔާ އޮންނަނީ އަބަދުވެސް ތައްޔާރީ ޙާލަތެއްގައި ކަމަށާ، އަހަރުގެ ކޮންމެ ދުވަހެއްގައި ވެސް އަސްކަރިއްޔާ އޮންނާނީ ކަނޑު މަގުންނާ، ވައިގެ މަގުން އަދި އެއްގަމު މަގުން ވެސް ޤަތަރު ހިމާޔަތް ކުރުމަށް އަބަދު ވެސް ތައްޔާރަށް ކަމަށެވެ.

img:http://s1.psmnews.mv/images/660x400/14968421152058.jpg|ކުވައިތުގެ އަމީރު ޝައިޚް ސަބާހުލް އަހްމަދު / ގަލްފުގެ ޤައުމުތަކާއި ޤަތަރާ ދެމެދު ޖެހިގެން އުޅޭ މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުން

އަނެއްކޮޅުން، ޢަރަބި ބާރުތަކާ ޤަތަރާ ދެމެދު ޖެހިފައިވާ މައްސަލަތަކަށް ހައްލެއް ހޯއްދެވުމުގެ މަޤްސަދުގައި ކުވައިތުގެ ޢަމީރު ޤަތަރެއް ކުރެއްވި ދަތުރުފުޅު ނިންމަވާލެވުމަށް ފަހު ވަނީ އަނބުރާ ކުވެއިތަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ކުވައިތްގެ ޢަމީރު ޝޭޚް ސަބާޙް ޢަލް ހަމަދް ބިން ސަބާޙް ވަނީ ޤަތަރުގެ ޢަމީރު ޝޭޙް ތަމީމް ބިން ހަމަދް ޢަލް ޘާނީއާ ބައްދަލުކުރައްވާ މަޝްވަރާތައް ކުރައްވާފައެވެ. ޤަތަރުގެ މައްސަލަ ހައްލުކުރެއްވުމަށް ކުވައިތުގެ ޢަމީރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ ގޮތުން ބަހްރައިންގެ ޚާރިޖީ ވަޒީރު ޝޭޚް ޚަލީފާ ބިން އަހްމަދު ބިން ޚަލީފާ ވިދާޅުވީ، ކުވައިތްގެ ޢަމީރަކީ ސަރަހައްދުގައި ސުލްހައަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ބޭފުޅެއް ކަމަށާ އެހެން ނަމަވެސް ޤަތަރުގެ ސިޔާސަތުގެ ސަބަބުން ކުވައިތް ޢަމީރުގެ މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށެވެ.