ދުނިޔެ

ޤަތަރާއެކު އަޅުން ގުޅުން ޤާއިމްކުރެވޭނީ ޝަރުތުތަކަކާއެކު- ސަޢޫދީ


ޢަރަބި ދުނިޔޭގެ ބޮޑެތި ބާރުތައް ކަމަށްވާ ސައުދީ ޢަރަބިއްޔާ، މިސްރު، ޔޫ.އޭ.އީ އަދި ބަހްރެއިނުން ޤަތަރާއެކު ގުޅުންތައް ކަނޑާލާފައިވަނީ އެގައުމުން ޓެރަރިސްޓް ޖަމާޢަތްތަކަށް އެހީތައް ވަމުންދާ ކަމަށް ބުނެ މި ހަފްތާގެ ހޯމަދުވަހުއެވެ. މި ގައުމުތަކުން ޤަތަރަށް ވައިގެ މަގުންނާ، އެއްގަމު މަގުން އަދި ކަނޑު މަގުން ކުރާ ދަތުރުތައް ހުއްޓާލާފައިވާ އިރު މިސްރާ ބަހްރައިންއިން ވަނީ އެގައުމުތަކުގައި ތިބި ޤަތަރުގެ ޑިޕްލޮމެޓުން އެގައުމުން ފޭބުމަށް ޢަމުރުކޮށްފައެވެ. ޢަރަބި ގައުމުތަކުގެ މި ނިންމުން، ޔަމަނާ، ލީބިޔާގެ އިރުމަތީގެ ސަރުކާރު އަދި ދިވެހި ސަރުކާރުން ވެސް ވަނީ ތަންފީޒުކޮށް، ޤަތަރާއެކު ގުޅުންތައް ކަނޑާލާފައެވެ.

މިމައްސަލައިގައި ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސައުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޢަދަލް ޢަލް ޖުބައިރް ވިދާޅުވީ، ގަލްފް ޢަރަބި އެހެން ގައުމުތަކާ ޤަތަރާ ދެމެދު އޮންނަ ގުޅުން އަލުން ޤާއިމުކުރުމުގެ ކުރިން ޤަތަރުން ފަލަސްޠީނުގެ ހަމާސް ޖަމާޢަތާ މިސްރުގެ މުސްލިމް ބްރަދަހުޑް ޖަމާޢަތާ ދެމެދު އޮންނަ ގުޅުންތައް ކަނޑާލަން ޖެހޭ ކަމަށެވެ. 

ޖުބައިރު ވިދާޅުވީ، މި ޖަމާޢަތްތަކަށް ޤަތަރު ސަރުކާރުން ތާޢިދުކުރުމުގެ ސަބަބުން ފަލަސްޠީނުގެ ސަރުކާރާ މިސްރުގެ ސަރުކާރުން އެޖަމާޢަތްތާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ބާރު ކެނޑިގެންދާ ކަމަށެވެ. މީގެ އިތުރުން، ސައުދީގެ ޚާރިޖީ ވަޒީރު ވިދާޅުވީ ޤަތަރާ ދެކޮޅަށް މިފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމަށް އަވަށްޓެރި ގައުމުތަކުން އެއްވެސް ހާލެއްގައި ބޭނުން ނުވާ ކަމަށާ އެހެން ނަމަވެސް ޤަތަރުގެ ސިޔާސަތުތަކަށް ބަދަލުތައް ގެންނަން ޖެހޭކަން އެގައުމަށް ހާމަކޮށްދޭން ޖެހޭ ކަމަށާ މި ފިޔަވަޅުތަކުގެ ސަބަބުން މިކަން ހާމަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ޢަރަބި ގައުމުތަކުުން ބޭނުންވަނީ ޓެރަރިސްޓް ޖަމާޢަތްތަކަށް ޤަތަރުން ތާޢިދުކުރުން ހުއްޓާލާ އެގައުމުގެ މީޑިއާތަކުން ގެންގުޅޭ ހަރުކަށި އުސޫލުތައް ދޫކޮށްލާ އަދި އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޤަތަރުން ނުވަނުން ކަމަށް ވެސް ޖުބައިރު ވިދާޅުވިއެވެ.

ޢަރަބި ބާރުތަކުން ޤަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ތާޢިދުކުރައްވާކަން ހާމަކުރައްވާފައިވާ އިރު ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާން ވަނީ މިފިޔަވަޅުތަކަށް ފާޑުވިދާޅުވެފައެވެ. އަންކާރާގައި ހުންނަވާ ދެއްވި ހިތާބެއްގައި ވާހަކަ ދައްކަވަމުން ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވީ، ޤަތަރުން ޓެރަރިސްޓް ޖަމާޢަތްތަކަށް ތާޢިދުކުރާ ކަމަށް ބުނެ ޢަރަބި ބާރުތަކުން ކުރަމުންދަނީ ވަރަށް ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ. އަދި މި ތުހުމަތުތަކަކީ ހަޤީޤަތެއް ނަމަ މިކަމުގައި އަމިއްލަ ހައިސިއްޔަތު ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ތުރުކީވިލާތުގެ ރައީސް ވިދާޅުވިއެވެ. އުރުދުޣާން ވިދާޅުވީ، ޢަރަބި ބައެއް ގައުމުތަކުން ޤަތަރާ ގުޅުން ކަނޑާލާފައިވާ މިދަނޑިވަޅުގައި ތުރުކީވިލާތުން ޤަތަރާއެކު ގުޅުން ޤާއިމުކޮށް ކުރިއަރުވާނެ ކަމަށާ މިދަނޑިވަޅުގައި ތުރުކީ ސަރުކާރުން ޤަތަރަށް ތާޢިދުކުރާނެ ކަމަށެވެ. އަދި ތުރުކީ އަށް ދާދި ފަހުން ކުރިމަތިވި އެކި އެކި ދާޚިލީ މައްސަލަތަކުގައި ޤަތަރުން ވަނީ ތުރުކީ ސަރުކާރަށް ތާޢިދުކޮށްފައިކަން ވެސް އުރުދުޣާން ފާހަގަކުރެއްވިއެވެ.

ޤަތަރާ ދެކޮޅަށް ޢަރަބި ދުނިޔޭގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާ އިރު، ޔޫ.އޭ.އީގައި ޤަތަރަށް ތާޢީދުކޮށް އެއްވެސް ސިފައެއްގައި ޝާޢީޢުކުރުމަކީ ޤާނޫނީ ކުށެއް ކަމަށާ މިއީ 15 އަހަރުގެ ޖަލު ހުކުމެއް އަންނަ ވަރުގެ ކުށެއް ކަމަށް އެގައުމުގެ އެޓަރނީ ޖެނެރަލް އާ ހަވާލާދީ ޢަލް ޢަރަބިއްޔާ ނޫސް އެޖެންސީއިން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާ، ޕްރިންޓް އަދި ބްރޮޑްކާސްޓް މީޑިއާ ހިމެނޭ ކަމަށާ ޤަތަރާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ފާޑުކިޔާ ފަރާތްތަކާ ދެކޮޅަށް ވެސް ޔޫ.އޭ.އީގައި ފިޔަވަޅު އެޅޭނެ ކަމަށް މި ރިޕޯޓްގައި ބުނެއެވެ.