ޚަބަރު

ޙަލާލު ގޮތުގައި ރިޒުގު ހޯދުމާއި ކައިބޮއެ ހެދުމަށް ބާރު އަޅަންޖެހޭ


މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމް ކުރައްވައިގެން ރަމަޟާންމަހު އެކި މައުޟޫއުތަކަށް ބާއްވަމުން އަންނަ ދީނީ ދަރުސް ޕްރޮގްރާމްގެ ދެވަނަ ދަރުސް ރޭ ބާއްވަވައިފިއެވެ. މި ދަރުސް ދީފައިވަނީ ޙަލާލު ގޮތުގައި ރިޒުގު ހޯދުމާއި، ކައިބޮއެ ހެދުމާއި ގުޅޭގޮތުންނެވެ.

މި މައުޟޫއާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވަނީ، ދީނީ އިލްމުވެރިއެއް ކަމަށްވާ ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ. މައުޟޫއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޢަލީ ޒާހިރު ވިދާޅުވީ، މުޖުތަމަޢުގައި ނަހަމަ މަގުތަކުން ފައިސާ ހޯދުން ގިނަވަމުން ދާކަމަށެވެ. އެގޮތުން ކޮރަޕްޝަނުގެ ފަސާދައާއި މުދަލައް އަރައިގަރުމާއި އަދި ނަހަމަ މުޢާމަލާތްތަކުން ފައިސާ ހޯދަމުން ދާ މީހުން ގިނަވަމުންދާކަން ފާހަގަކުރެއްވިއެވެ. އަލީ ޒާހިރުގެ ވާހަކައިގައި ވަނީ މިފަދަ ހަރާމް މުއާމަލާތްތަކުގެ ނުބައިކަމަށް އަލިއަޅުއްވާލައްވާފައެވެ.

އަލީ ޒާހިރުގެ ވާހަކައިގައި ވަނީ މައިގަނޑު ހަތަރު ކަމަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރިބާގެ މުއާމަލާތާއި، ވައްކަމާއި ފޭރުން އިތުރުވުމާއި، ހަރާމް ތަކެތި ވިއްކައިގެން އާމްދަނީ ހޯދުމާއި އަދި ޖުއާގެ މުއާމަލާތްތަކުން ފައިސާ ހޯދުން އިތުރުވުމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

މިފަދަ އަމަލުތަކަކީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުންތައް އުފެދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އަލީ ޒާހިރުވަނީ ވިދާޅުވެފައެވެ. އަދި މިފަދަ އަމަލެއް ކޮންމެ ސިފައެއްގައި، ކޮންމެ ނިޔަތެއްގައި ކުރި ނަމަވެސް އޭގެ ހަރާމް ކަމަށް ބަދަލެއް ނާންނާނެކަމަށް ވިދާޅުވެފައެވެ. އަލީ ޒާހިރުގެ ވާހަކައިގައި ވަނީ ހަލާލު ގޮތުގައި ފައިސާ ހޯދުމަށް މައިންބަފައިން ދަރިންނަށް ބާރުއެޅުމަށް ގޮވާލާފައެވެ. އަދި ހަލާލު ގޮތުގައި މުދަލާއި ފައިސާ ހޯދުމަށް އަނބިން ފިރިންނަށް ބާރުއެޅުމަށްވެސް ގޮވާލެއްވިއެވެ.