ޚަބަރު

ރާއްޖޭގެ ޖަމްޢިއްޔާތަކުން ސޫރިޔާގެ މުސްލިމުންނަށް ބޮޑު އެހީއެއް


އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ދަށުން ސޫރިއާގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް ގިނަޢަދަދެއްގެ ތަކެތި ހަދިޔާކުރުމަށް، ފޮނުވައިފިއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނަކީ ސޫރިއާގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ރާއްޖޭގެ ގިނަޢަދަދެއްގެ ޖަމްޢިއްޔާތަކެއް ގުޅިގެން، ކުރިއަށްގެންދާ ކެމްޕެއިނެކެވެ. މިކެމްފެއިންގެ ދަށުން، މިފަހަރު ފޮނުވާފައިވަނީ ދެ ކޮންޓެއިނަރގެ އެހީގެ މުދަލެވެ. އޭގެތެރޭގައި އެއްހާސް ތިންސަތޭކައެއްހާ މަސްދަޅު ކޭހާއި، ގޮދަޑިއާއި، ހެދުން އަދި ފައިވާން ހިމެނޭކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ މީޑިއާ ކޯޑިނޭޓަރ އާދަމް ނާއިފް ވިދާޅުވިއެވެ.

މި ކެމްޕެއިން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުއެވެ. މި އެހީގެ ތަކެތި ސޫރިއާއަށް ފޮނުވަނީ ބައިނަލްއަޤްވާމީ އެހީދޭ ޖަމްޢިއްޔާއެއްކަމަށްވާ ތުރުކީވިލާތުގެ އީހާހާ ޖަމްޢިއްޔާއާ ގުޅިގެންކަމަށް އިންޓަރނޭޝަނަލް އެއިޑުން މައުލޫމާތުދެއެވެ.

އެހީގެ ގޮތުގައި ފޮނުވާފައިވަނީ، އަމިއްލަ ފަރާތްތަކާއި، ދައުލަތުގެ ބައެއް އިދާރާތަކުން ދެއްވާފައިވާ މުދަލުގެ އެހީކަމަށް އިންޓަރނޭޝަނަލް އެއިޑުން މައުލޫމާތުދެއެވެ. އަދި އެހީގެ ގޮތުގައި ފޮނުވާފައިވަނީ ސޫރިޔާގެ ރައްޔިތުންނަށް މިހާރުން މިހާރަށް އެންމެ ބޮޑަށް ބޭނުންވާކަމަށް ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުން ބުނެފައިވާ އެހީކަމަށް އިންޓަރނޭޝަނަލް އެއިޑްގެ މީޑިއާ ކޯޑިނޭޓަރ އާދަމް ނާއިފް ވިދާޅުވިއެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ވަނީ، މީގެ ކުރިންވެސް އެއްކޮންޓެއިނަރގެ ތަކެތި ސޫރިޔާގެ ރައްޔިތުންނަށް ހަދިޔާކޮށްފައެވެ. ސޫރިޔާގެ ރައްޔިތުންނަށް ބޭނުންވާ އެހީ ފޮނުވުމަށްފަހު އަވައްޓެރި ސްރީލަންކާއަށް ކުރި ވިއްސާރައާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް އެހީ ދެއްވުމުގެ ހަރަކާތެއް ފައްޓަވާނެކަމަށް އިންޓަރނޭޝަނަލް އެއިޑުން މައުލޫމާތުދެއެވެ.