ކުޅިވަރު

ދެވަނަ ބުރުގެ 4 މެޗު ކާމިޔާބުކުރުން މުހިންމު - ސެކުލޮސްކީ


ބްރޭކަށްފަހު ލީގުގެ ދެވަނަ ބުރު އަލުން ފަށާއިރު ފުރަތަމަ ހަތަރު މެޗު ކާމިޔާބުކުރުން ވަރަށް މުހިންމުކަމަށް މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮސްކީ ބުނެފިއެވެ. 

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ބޫޓާން ވާދަކުރާ މެޗަށް ލީގު މެދު ކަނޑާލާފައިވާއިރު، އެސްޓީއޯ މާލޭ ލީގު ތާވަލްގެ އެއް ވަނާގައި މާޒިޔާ އޮތީ 21 ޕޮއިންޓާއެކުއެވެ ތާވަލްގެ ދެ ވަނާގައިވާ ނިއު ރޭޑިއަންޓްއަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮސްކީ ބުނީ ބްރޭކަށްފަހު، ޓީމްތައް ނިކުންނާނީ ވަރަށް ވަރުގަދަކޮށްކަމަށެވެ. ހާއްސަކޮށް ޤައުމީ ޓީމްގެ ކުޅުންތެރިން މަދު ކުލަބްތަކަށް މިބްރޭކަކީ ވަރަށް ރަނގަޅު ފުރުސަތެއްކަމަށާއި، ޓީމްގެ ގިނަ ކުޅުންތެރިންނާއިއެކު ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ލިބޭ ފުރުޞަތުން އެޓީމްތަކަށް ފައިދާ ކުރާނެ ކަމަށް ކޯޗު ބުންޏެވެ. 

ޤައުމީ ޓީމްގައި އެންމެ ގިނައީ މާޒިޔާގެ ކުޅުންތެރިންނެވެ. އެކަމަށް އިޝާރާތްކޮށް މާޒިޔާގެ ކޯޗު ބުނީ ލީގުގައި ވާދަކުރާ އެހެން ޓީމްތަކާ ހިލާފަށް މާޒިޔާއިން އޭއެފްސީކަޕްގައިވެސް ގިނަ މެޗުތަކެއް ކުޅެފައިވާކަމަށެވެ. ސެކުލޮސްކީ ބުނީ މިހާރު މާޒިޔާގެ ގިނަ ކުޅުންތެރިން ތިބީ އަނިޔާގައިކަމަށެވެ. ކުޅުންތެރިން އަނިޔާގަ ތިބިނަމަވެސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް ކާމިޔާބުކުރުން ވަރަށް މުހިންމުކަމަށް ކޯޗު ބުންޏެވެ.

"ބްރޭކަށް ފަހު ނިކުންނައިރު ޓީމްތައް ވަރުގަދަވާނެ. ހާއްސަކޮށް ގިނަ ކުޅުންތެރިނާއިއެކު ފަރިތަކުރަމުންދާ ޓީމްތައް ވަރުގަދަވާނެ. މާޒިޔާއިން އެކަމަށް ވަރަށް ފަރުވާތެރިވާނެ. މިހާރު ބޭނުމެއް ނޫން އެއްވެސް މަޗަކުން ބަލިވާކަށް، ބޭނުމެއް ނޫން އެއްވެސް މެޗަކުން އެއްވަރުވާކަށްވެސް. ސީދާ ބޭނުންވަނީ 3 ޕޮއިންޓް. ލީގު އަވަހަށް ކާމިޔާބުކޮށް، ޕްރިމިއަރ ލީގަށް ތައްޔާރުވުން ވަރަށް މުހިންމު." ކޯޗް ބުންޏެވެ.

މި ބްރޭކށްފަހު އެސްޓީއޯ މާލޭ ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރެއެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ މާޒިޔާއާއި ކުލަބް އީގަލްސްއެވެ.