ޚަބަރު

ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކުރާ މައްސަލަތައް ގިނަ - މިނިސްޓްރީ


ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، މިރޮނގުން މީހުން ހޭލުންތެރިކުރުވުމުގެ ޒިންމާ އަދާކުރާ ސަރުކާރުގެ އިދާރާއަކީ، މިނިސްޓްރީ އޮފް ޖެންޑަ އެންޑް ފެމިލީއެވެ. އެމިނިސްޓްރީގައި ކުޑަކުދިންނާއި ގުޅުންހުރި ކަންކަން ކުރިއެރުވުމަށް ޗިލްޑްރެން ޑިވެލޮޕްމަންޓް ޔުނިޓްގެ ނަމުގައި ޚާއްޞަ ޔުނިޓެއް ވަނީ ޤާއިމްކުރައްވާފައެވެ. އެމިނިސްޓްރީއަށް ހުށަހެޅޭ ހުރިހާ މައްސަލައެއް ބަލަމުން ދަނީ މިސެކްޝަނުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، އެމިނިސްޓްރީއަށް މިއަހަރުގެ މިހާތަނަށް އެއްހާހަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާއިރު، މީގެތެރެއިން ދެބައިކުޅަ އެއްބައި މައްސަލައަކީ ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަތައް ކަމަށެވެ. މީގެ ތެރޭގައި ވެސް އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކުރުމާއި އިހްމާލުވުމުގެ މައްސަލަތަކެވެ.

"މި އަހަރުގެ ފުރަތަމަ ހަތަރުމަހަށް ބަލާލިކަމުގަވިއަސް މިނިސްޓްރީން ވަނީ އެއްހާހަށްވުރެ ގިނަ މައްސަލަތަކަށް އެޓެންޑްކޮށްފައި. މި މައްސަލަތަކުގެ ތެރެއިން ސާޅީސް ފަސް އިންސައްތަ އެއީ ގާތްގަނޑަކަށް ފަސްސަތޭކަ މައްސަލަ. މި ފަސްސަތޭކަ މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް. އޭގެތެރެއިން ފާހަގަވޭ، އަޅުގަނޑުމެންނަށް އެންމެ ގިނައިން ހުށަހަޅަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކާއި ޖިސްމާނީ އަނިޔާގެ މައްސަލަތަކާއި، ހަމައެއާއެކު އިހްމާލުވުމާއި ނަފްސާނީ އަނިޔާގެ މައްސަލަތައްވެސް ހަމަ ހުށަހެޅޭ. މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ އަޅުގަނޑުމެންނަށް ރިޕޯޓްކޮށްފަ އެބައޮތް ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ މައްސަލަތަކުގެ ސަތޭކަ ފަންސާސް މައްސަލަ. އޭގެތެރެއިން އަށްޑިހަ އިންސައްތައަކީ އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންގެ މައްސަލަތައް" މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14761807079550.jpg|މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ - ފައިލް ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ އެކިކަންކޮޅުގައި، އަނިޔާ ތަޙައްމަލު ކުރަމުންދާ އެތައް ކުދިންނެއް ތިބިއިރު، އެކަން ރިޕޯޓް ކުރެވެމުންނުދާކަމީ އެމިނިސްޓްރީން ވަރަށް ކަންބޮޑުވާ މައްސަލައެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ފަރުދީ ޒިންމާއެއްކަމުގައި ދެކި، މިފަދަ ކަމެއް އެގިއްޖެނަމަ، ނުވަތަ ޝައްކު ކުރެވޭނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކައް ރިޕޯޓްކުރުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެމިނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށާއި، އެ މިނިސްޓްރީން މިދިޔަ އަހަރު ފެށްޓެވި "އަހަން" ކެމްޕެއިންގެ ދަށުން މާލެއާއި އަތޮޅު ތެރޭގައި ޕްރޮގްރާމްތައް ހިންގަމުންދާކަމަށެވެ.

"އަޅުގަނޑުމެން އެކެމްޕެއިންގެ ދަށުން ބެލެނިވެރިންނާއިއެކު ވަރަށް ގިނަ މަސައްކަތްތަކެއް އެބަކުރަން. މިގޮތުން ބެލެނިވެރިން ހޭލުންތެރިކަން އިތުރުކުރުމަށާއި، ނިޝާންތަށް ދެނެގަތުމަށާއި، އަނިޔާ ރިޕޯޓްކުރަން ބާރުއަޅަން.  ހަމައެއާއެކު ކުޑަކުދިން އަނިޔާއި ދެކޮޅަށް ބާރުވެރި ކުރުމަށް "އަހަން" ކެމްޕެއިން އިން މަސައްކަތްކޮށް ކުދިންނަށް ޙާއްސަ ސެޝަންތަކެއް ކުރިއަށް އެބަގެންދަން. އަޅުގަނޑުމެން ގަބޫލްކުރާގޮތުގައި ކުޑަކުދިންނަކީ މިފަދަ ކަންކަމާމެދު ހޭލުންތެރިވެ، އެފަދަ ކަންތައްތައް އެނގޭނަމަ އެކަމާ ދެކޮޅަށް އަޑު އުފުލާ އެކަންތައްތައް ހުއްޓުވުމަށް މަސައްކަތްކުރާ ކުދިންގެ ގޮތުގައި، ބިނާކުރުމަށް ބެލެނިވެރިންގެ ވަރަށް ބޮޑު ޒިންމާއެއްވޭ. އަހާކެމްޕެއިންގެ ދަށުން މިކަންތައްތަކަށް އަލި އަޅުވާލައިގެން ރާއްޖޭގެ އެކި އަތޮޅުތަކުގައި މަސައްކަތްތަށް އެބަ ކުރިއަށްގެންދަން" މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

މިނިސްޓްރީއަށް ރިޕޯޓް ކުރާ ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަތަކަށް އެޓެންޑްކޮށްފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި "އަހަން" ކެމްޕެއިންގެ ދަށުން ކުޑަކުދިންނަށް ކުރާ އަނިޔާއާއި އިހްމާލުގެ މައްސަލަ މަދުވެ، އަދި އަޅާލުން ބޭނުންވާ ކުދިންނަށް އެކަށީގެންވާ ގޮތެއްގައި އެހީތެރިވެދެވޭނެ މަގު ފަހިވެގެންދާނެކަމަށް މިނިސްޓްރީންދެކެއެވެ.