ދީން

އައްޑޫ ސިޓީގައި ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި


އައްޑޫ ސިޓީގައި ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ. އައްޑޫ ސިޓީގައި ފިތުރު ޒަކާތް ބަލައިގަންނަން ފެށީ ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަނުޖެހި ދުވަސްތަކެއް ވުމަށްފަހުއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ކޮންމެ ދުވަހަކު ހެނދުނު ދިހަގަޑި ތިރީހުން މެންދުރު އެއްގަޑި ތިރީހަށް ހިތަދޫގައި ހުންނަ މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނާއި، މަރަދޫ، މަރަދޫފޭދޫގައި ހުންނަ ތަދްރީސުލް ޤުރުޢާނުންނާއި، ފޭދޫއާއި ހުޅުދޫގައި ހުންނަ ލޭންޑް، ބިލްޑިންގް އެންޑް މުނިސިޕަލް ސާރވިސް ޑިޕާޓްމަންޓުންނާއި މީދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަނުން ފިޠުރު ޒަކާތް ބަލައިގަންނަމުންދާނޭކަމަށެވެ. ޒަކާތް ބައްލަވަގަންނަވާ އެންމެ ފަހުގެ ތާރީޚަކީ ސައްބީސް ރަމަޟާން ވާ ބުދަދުވަހުގެ ނިޔަލަށް ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އައްޑޫ ސިޓީގައި ދިރިއުޅޭ މީހުން ޒަކާތް ދައްކާނީ އާދައިގެ ހަނޑުލުންނަމަ މީހަކަށް ވިހި ރުފިޔާއެވެ. ތައިލެންޑް ހަނޑުލުންނަމަ މީހަކަށް ފަސްދޮޅަސް ފަސް ރުފިޔާއެވެ. އަދި ބާސްމަތީ ހަނޑުލުންނަމަ މީހަކަށް ހަތްދިހަ ފަސް ރުފިޔާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.