ޚަބަރު

ކޮލެޖު، ޔުނިވަރސިޓީ އަދި ކުންފުނިތަކުގެ ޤުރުއާން މުބާރާތް ފަށަނީ


ޔުނިވަރސިޓީ، ކޮލެޖު އަދި ކުންފުނިތަކަށް އަމާޒުކޮށްގެން އިސްލާމިކް މިނިސްޓްރީން ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް މިރޭ ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރ އަޙުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

މިއީ މިފަދަ ގޮތަކަށް ބާއްވާ ފުރަތަމަ މުބަރާތެވެ. މި މުބާރާތަކީ ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ތަޖުވީދަށް ޤުރުއާން ކިޔެވުމުގެ ފަންނު އާލާ ކުރުމާއި ކުންފުނިތަކާއި ޔުނިވަރސިޓީތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤުސަދުގައި ބާއްވާ މުބާރާތެކެވެ.

މިމުބަރާތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަކަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ، މި ފަދަ ފުރުޞަތުތައް އޮފީސްތަކުގެ މުވައްޒަފުންނަށް ލިބުމުގައި ދަތިތަކެއް ހުންނަ ކަމަށާ އެހެންކަމުން މި މުބާރާތުގެ ސަބަބުން ކުންފުނިތަކުގެ މުވައްޒަފުންނަށްވެސް މިފުރުޞަތު ފަހިވެގެންދާނެކަމަށެވެ. މިމުބާރާަތުގައި ހަތް ކުންފުންޏަކާއި ތިން ޔުނިވާސިޓީގެ އިތުރުން ކޮލެޖަކުން ބައިވެރިވެފައިވެއެވެ.

ރާއްޖެއިން ބޭރުގައި ބާއްވާ ބޮޑެތި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަދު ދިވެހިންނަށް ލިބެމުންދާ މިންވަރު އިތުރުވަމުންދަކަން ފާހަގަކުރައްވާ، މިނިސްޓަރ ވިދާޅުވީ މިފަދަ މުބާރާތްތަކަކީ، ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ލިބޭ އިތުރު ތަމްރީންތަކެއް ކަމަށެވެ. އަދި މި މުބާރާތުގައި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ބައިވެރިވެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމް ކުރައްވައިގެން ބާއްވާ މި މުބާރާތުގައި، މިފަހަރު ބައިވެރިވެފައިވަނީ އިސްލާމީ ޔުނިވަރސިޓީއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އެވިޑް ކޮލެޖް އަދި، މޯލްޑިވްސް ހައްޖު ކޮޕަރޭޝަނާއި އެމް.ޓީ.ސީ.ސީއާއި، ފެނަކަ ކޯޕަރޭޝަން، ސްޓެލްކޯ އަދި އައިލެންޑް އޭވިއޭޝަނާއި ވިލާ އެއަރއިންއެވެ.

އިސްލާމިކް މިނިސްޓްރީގެ ވާދައިގެ ތައްޓަށް ކުރިއަށްގެންދާ މި މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް ދިހަހާސްރުފިޔާގެ އިނާމްވަނީ ހުށައަޅާފައެވެ. ދެވަނައަށް އަންނަ ފަރާތައް ހަތް ހާސް އަދި ތިންވަނައަށް އަންނަ ފަރާތައް ފަސްހާސް ރުފިޔާ ވަނީ ހުށައަޅާފައެވެ. މިމުބާރާތަކީ ކޮންމެ އަހަރަކުވެސް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.