ޚަބަރު

ރާއްޖެއިން ޤަތަރާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލައިފި


ރާއްޖެއާއި ޤަތަރާ ދެމެދު ޤާއިމްކުރެވިފައި އޮތް ސިޔާސީ ގުޅުން ދިވެހި ސަރުކާރުން ކަނޑާލައިފިއެވެ. ފޮރިން މިނިސްޓްރީން ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.

ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައިވަނީ ޤަތަރު ސަރުކާރާއެކު ގުޅުން ކަނޑާލަން ނިންމެވީ، ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ޙަރަކާތްތަކާ ދެކޮޅަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުންކަމަށެވެ. އަދި މެދުއިރުމަތީގައި ހަމަޖެހުން ޤާއިމްވެފައި އޮތުމަށް ދިވެހި ސަރުކާރުން އަބަދުވެސް ބޭނުންފުޅުވާކަމަށާއި، ސޞުލްޙަ ޤާއިމްކުރުމަށާއި، ޓެރަރިޒަމާ ދެކޮޅަށް ޤައުމުތައް ގުޅިގެން ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުން އަބަދުވެސް ބައިވެރިވާނެކަމުގެ ޔަޤީންކަންވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.

ދިވެހި ރާއްޖެއިން ޤަތަރާއެކު ސިޔާސީ ގުޅުން ޤާއިމް ކުރައްވާފައިވަނީ 26 މައި 1984 ގައެވެ.

ޤަލްފު ސަރަޙައްދުގައި ހަމަނުޖެހުން އުފެއްދުމަށް ޤަތަރުން މަސައްކަތް ކުރާކަމަށް ބުނެ ސައޫދީ ޢަރަބިއްޔާ، ބަޙްރައިން، މިޞްރު، ޔަމަން، ލީބިޔާ އަދި ޔޫއޭއީ އިންވެސް ވަނީ ޤަތަރާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލާނެކަން ހާމަކޮށްފައެވެ.

މި ގައުމުތަކުން ތުހުމަތުކުރަނީ ޤަތަރުން އައި.އެސް ހަނގުރާމަވެރި ޖަމާޢަތްފަދަ ޓެރަރިސްޓް ޖަމާޢަތްތަކާ ގުޅުން ބާއްވަމުންދާ ކަމަށެވެ.