ކުޅިވަރު

މެލޭޝިޔާގައި އޮންނަ ފެސްޓިވަލަކަށް ހީނާ އެކަޑަމީން ތައްޔާރުވަނީ


މެލޭޝިޔާގައި އޮންނަ އިންވިޓޭޝަނަލް ފުޓްބޯޅަ ފެސްޓިވަލްގައި ރާއްޖޭގެ 12 އަހަރުން ދަށުގެ ޓީމެއް ބައިވެރި ކުރަން ތަޖުރިބާކާރު ކޯޗު ހީނާ އަހުމަދު ސަލީމް ތައްޔާރުވެއްޖެއެވެ.

 ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލުމާތުދެމުން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޔޫތް ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގަމުން އަންނަ ހިނާ އަހުމަދު ސަލީމް ބުނީ މިއީ މެލޭޝިޔާގައި ކުރިއަށްގެންދާ އިންވިޓޭޝަނަލް ފުޓްބޯލް ފެސްޓިވަލެއްކަމަށާއި، ފެސްޓިވަލަށް ރާއްޖެއިން ދާނީ 10 ކުދިންކަމަށެވެ. ފެސްޓިވަލްގެ ޤަވާއިދު ބުނާގޮތުން ޓީމް ލިސްޓްގައި 10 ކުދިން ޖެހުނުނަމަވެސް ދަނޑުމަތީގައި ކުޅެވޭނީ 7 ކުދިންނަށެވެ.

"މިހާރު ދުވަސްކޮޅެއް ވެއްޖެ މިކުދިން މިފެސްޓިވަލށް ތައްޔާރުވަމުންދާތާ. މިހާރު މިދަނީ 16 ކުދިންނާއި އެކު ފަރިތަކުރުންތައް ކުރިއަށް ގެންދަމުން. 10 ކުދިން ގޮވައިގެން މެލޭޝިޔާއަށް ދެވެން އޮތީ. މިކުދިންނަކީ އަހަރެން ވަރަށް ރަނގަޅަށް ދަންނަ ކުދިން، އަދި މީގެ ތެރެއިން 10 ކުދިން ނަގާކަށް އެއްވެސް ވަރަކަށް އުނދަގުލެއް ނުވާނެ. ނަމަވެސް ކުދިން ނެގުމުގައި ވަރަށް ގިނަ ކަންތައްތައް ބަލަންޖެހޭ." ކޯޗު ހީނާ އަހުމަދު ސަލީމް ބުންޏެވެ. 

2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ފެސްޓިވަލްގައި ކޮންމެ ދުވަހަކު 14 މިނިޓްގެ 5 މެޗު ކުޅެން ޖެހިދާނެކަމަށްވެސް ހިނާ ބުންޏެވެ. ފެސްޓިވަލަށް ތައްޔާރުވުމުގެ ގޮތުން 16 ކުދިންނާއިއެކު ފަރިތަކުރުންތައް ކުރިއަށްގެންދިޔަނަމަވެސް މެލޭޝިޔާއަށް ގެންދާނީ އޭގެތެރެއިން 10 ކުދިންނެވެ.