ކުޅިވަރު

" ހިތްވަރު ދޫކޮށްލާކަށް ނުވޭ، ފުރުޞަތު އަދި އެބައޮތް " ކޯޗު


އޭޝިއަން ކަޕަށް ކޮލިފައިވުމުގެ ފުރުޞަތު އަދިވެސް އެބައޮތްކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ޑަރެން ސްޓްވާޓް ބުނެފިއެވެ. 

ކޯޗު ބުނީ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއިން މިހާރު މަސައްކަތް ކުރަމުންދަނީ ދެ ވަނަ ޖާގައަށް ކަމަށެވެ. އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ފަލަސްތީން ވާދަކުރި މެޗު 3-0 ން ކާމިޔާބުކޮށްފައިވަނީ ފަލަސްތީނެވެ. ގްރޫޕްގެ ދެ ވަނަ ހޯދުމަށް ބޫޓާން މެޗަކީ ވަރަށް މުހިންމު މެޗެއްކަން ފާހަގަކުރަމުން ކޯޗު ބުނީ ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްޣާނިސްތާނާ ވާދަކުރާ ރަހުމަތްތެރިކަމުގެ މެޗަކީ ޓީމަށް ލިބޭނެ އިތުރު ހިއްވަރެއްކަމަށެވެ. ފީފާ ވޯލްޑް ރޭންކިންގއަށާއި، ކުޅުމަށް ބަލާއިރު އަފްޣާނިސްތާނަކީ ބޫޓާނަށް ވުރެ ވަރުގަދަ ޓީމެއްކަމުން، އަފްޣާނިސްތާން މެޗުގައި ޓީމަށް ރަނގަޅު ކުޅުމެއް ދެއްކިއްޖެނަމަ، ބޫޓާން މެޗަށް ޓީމް ނިކުންނާނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންކަމަށް ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗު ޑަރެން ސްޓެވާޓް ފާހަގަކޮށްފައިވެއެވެ.

"އަފްޣާނިސްތާން ޓީމަކީ މޮޅު ޓީމެއް، ފިޒިކަލީ ގޮތުންވެސް ވަރުގަދަ ޓީމެއް. ރާއްޖެއަށް މެޗު އުނދަގޫވާނެ، ނަމަވެސް ވަރުގަދަ މެޗަކަށް ފަހު ބޫޓާނާ ވާދަކުރަން ޖެހުމަކީ ޓީމަށް ލިބޭ ހިތްހަމަޖެހުމެއް. މިހާރު ރާއްޖެއިން މަސައްކަތް މިކުރަނީ ގުރޫޕްގެ ދެވަނަ ލިބެޭތޯ. ފަލަސްތީން ނަގާފަ، އޮމާނަކީ މިގުރޫޕްގައި އެއްވަނަ ހޯދާނެ ޓީމް ކަމަށް މިބަލަނީ. ކޮލިފައިންގައި ކުރިއަށް ހުރި މެޗުތައް ކާމިޔާބު ކުރެވިއްޖެނަމަ، ރާއްޖެއަށް ދެވަނަ ލިބޭނެ. ކުރިއަށް އަދި އޮތީ ބުރަ މަސައްކަތް. ކޮލިފައިވުމުގެ ދޮރު އަދި ބަންދެއްނުވޭ، ހިތްވަރު ދޫކޮށްލާކަށްވެސް ނުޖެހޭ." ކޯޗް ޑަރެން ސްޓްވާޓް ބުންޏެވެ. 

ޤައުމީ ކޯޗު ޑަރެން ސްޓެވާޓް ބުނީ މިފަހަރުގެ ސްކޮޑްގައި އަލަށް ހިމެނުނު ކުޅުންތެރިންނަކީވެސް މީގެ ކުރިން ޤައުމީ ޓީމަށް ކުޅެ ގިނަތަޖްރިބާ ތަކެއް ހޯދާފައިވާ ކުޅުންތެރިންތަކެއްކަމަށެވެ. ޚާއްސަކޮށް އަކްރަމް އަބްދުލް ޣަނީއާއި، އަހުމަދު ރަޝީދަކީ ތަޖުރިބާ ބޮޑު ދެ ކުޅުންތެރިންކަމަށެވެ. ކޯޗު ބުނީ ޤައުމީ ޓީމްގައި ހިމެނޭ މާޒިޔާގެ ކުޅުންތެރިން މިއަހަރު ވަރަށް ގިނަ މެޗުތަކެއް މިހާރުވެސް ކުޅެފައިވާކަމަށާއި، އެހެންކަމުން ކުރިއަށް އޮތް އަފްޣާނިސްތާން މެޗުގައި މާޒިޔާގެ ކުޅުންތެރިން ބޭނުން ކުރާނީ ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށްފަހު ކަމަށެވެ.

img:http://s1.psmnews.mv/images/660x400/14966486006607.gif|ގައުމީ ޓީމް ދުބާޢީއަށް ފުރުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން (ފޮޓޯ:އެފްއޭއެމް)

"މާޒިޔާގެ ކުޅުންތެރިން ތިބީ ކުދި ކުދި އަނިޔާގަ. އަފްޣާނިސްތާން މެޗަށް ވުރެ، އަހަރެންނަށް މިހާރު މުހިންމީ ބޫޓަން މެޗު. މިއަހަރު މާޒިޔާގެ ކުޅުންތެރިން ވަނީ ވަރަށް ގިނަ ބައިނަލްއަޤްވާމީ މެޗުތައް ކުޅެފަ. ކުޅުންތެރިންގެ ތަޖުރިބާވެސް އެހާ ބޮޑު. މާޒިޔާގެ ކުޅުންތެރިންގެ ފިޓްނަސް ލެވެލްއާއި މެދު އަހަރެން ޝައްކެއް ނުކުރަން. ކުޅުންތެރިން ވަރަށް ފިޓް، ހަމައެކަނި ދިމާވާ މައްސަލައަކީ ކުދި ކުދި އަނިޔާގައި ކުޅުންތެރިން ތިބުން. މިހާލަތުގައި އެކުޅުންތެރިން އަފްޣާނިސްތާން މެޗްގައި އެއްކޮށް ބޭނުންކޮށްފިނަމަ، އަހަރެން ވާނީ މޮޔަ މީހަކަށް." ކޯޗް ޑަރެން ސްޓްވާޓް ބުންޏެވެ.

މިފަހަރު ސްކޮޑަށް އިތުރުކޮށްފައިވަނީ ނިއުރޭޑިއަންޓްގެ އަކުރަމް އަބްދުލް ޣަނީ އާއި ގްރީންސްޓްރިޓްގެ އަހްމަދު ރަޝީދު އާއި މާޒިޔާގެ މުހައްމަދު އިރުފާންއެވެ. ރަހުމަތްތެރިކަމުގެ މެޗުގައި ރާއްޖެއާއި އަފްޣާނިސްތާންވާދަކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަދި އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ރާއްޖޭގެ ޤައުމީ ޓީމް ނިކުންނާނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.