ދުނިޔެ

"ކްރައިމިއާ" ރަޝިޔާގެ ދަށަށް ގެންދިޔުމަށް ނަގާ "ފެންނަ ނުފެންނަ"





 


ޔޫކްރެއިންގެ "ކްރައިމިއާ" ޞަރަޙައްދު އެޤައުމުން ވަކިކޮށް ރަޝިޔާގެ ދަށަށް ގެންދިޔުމަށް ނިންމުމަށް ނަގާ "ފެންނަ ނުފެންނަ" ވޯޓް ބޭއްވުމަށް އެންމެ ފުރިހަމަޔަށް ތައްޔާރުވެފައިވާކަމަށް "ކްރައިމިއާ" ޕްރޮވިންސްގެ އިންތިޚާބާއި ބެހޭ މައި އިދާރާއިން ބުނެފިއެވެ.


 
 
"ރިޕަބްލިކް އޮފް ކްރައިމިއާ" ގެ ނަމުން ނަންދީފައިވާ ޔޫކްރެއިންގެ މި ޕްރޮވިންސަކީ ޔޫކްރެއިންގެ ބައެއްގެ ގޮތުގައި އޮތަސް، ވަކި ވަކި ސިޔާސަތުތަކެއް ގެންގުޅޭ އަމިއްލަ ފުދުންތެރި ޞަރަޙައްދެކެވެ. ރަޝިޔާ ބަހުން ވާހަދައްކާ އަދި ރަޝިޔާ ދަރިކޮޅުގެ ބޮޑު އާބާދީއެއް އޮންނަ މި ޕޮރޮވިންސް ރަޝިޔާގެ ބައެއްގެ ގޮތުގައި ހެދުމަށް މާދަމާ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެ ޕްރޮވިންސްގެ ޤާނޫން ހަދާ މަޖްލީހުން ނިންމާފައިވާ ނިންމުން ތަންފީޒް ކުރުމުގެ ހުރިހައި އިންތިޒާމްތައް މިހާރު ހަމަ ޖައްސާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.


 
ޔޫކްރެއިންގެ ދެވަނަޔަށް އެންމެ ބޮޑު ބަދަރު އޮންނަ "ކްރައިމިއާ" ރަޝިޔާގެ ދަށަށް ގެނައުމަށް މާދަމާ ބާއްވާ "ފެންނަ ނުފެންނަ ވޯޓް ނެގުމަށް 162 ވޯޓްލާ މަރުކަޒު ޤާއިމް ކޮށްފައިވާއިރު،ވޯޓް ލުމުގެ ކަންކަން ހިންގުމުގައި އެއްހާހަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވެއެވެ.


 
ވޯޓަށް ތައްޔާރުވުމުގެ ގޮތުން ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފައިވާއިރު، ޔޫކްރެއިންގެ މަޞްރަޙް މިއަދު އޮތީ ވަރަށް ހަމަ ހިމޭން ކޮށްކަމަށް މީޑީއާ ރިޕޯޓްތަށް ބުނެއެވެ. ރަޝިޔާގެ ކަނޑުގެ އަސްކަރިއްޔާގެ ބޭސްއެއް ޤާއިމްކޮށްފައިވޭ "ކްރައިމިއާ" ރަޝިޔާގެ ދަށަށް ގެންދިޔުމަށް "ކްރައިމިއާ" ޕްރޮވިންސްގެ އާއްމު ރައްޔިތުން ބޭނުންވީ ނަމަވެސް މިއީ ޔޫކްރެއިންގެ ސަރުކާރު ޤަބޫލްކުރާ ގޮތެއް ނޫނެވެ. ސަރުކާރުން ބުނެފައިވަނީ "ފެންނަ ނުފެންނަ" ވޯޓެއް ނެގުމަކީ ޢައިރު ޤާނޫނީ އަމަލެއް ކަމަށެވެ. އަދި ޔޫކްރެއިންގެ ބައެއް ޤައުމުން ވަކި ކުރުމަށް ނެގޭ ވޯޓް ވާންވާނީ ޤައުމުގެ އެންމެހައި ރައްޔިތުންނަށް ބައިވެރިވާ ވޯޓަކަށް ކަމަށް ޔޫކްރެއިންގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.


 
މާދަމާ ނެގޭ ވޯޓަކީ ޔޫކްރެއިންގެ ޤާނޫނާއި ބައިނަލް އަޤްވާމީ އުޞޫލްތަކާއި ޚިލާފަށް ނެގޭ ވޯޓެއް ކަމަށް އެމެރިކާއާއި ވިލާތު އިއްތިހާދުންވެސް ވަނީ ބުނެފައެވެ. އަދި ވޯޓްގެ ނަތީޖާ ބަލައި ނުގަންނާނޭކަމަށް ބުނެ،ރަޝިޔާއާއި ދެކޮޅަށް ތަފާތު ފިޔަވަޅުތައް އެޅުމަށް އެމެރިކާއާއި ،ވިލާތުގެ ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ވިލާތު އިއްތިހާދުން މާދަމާގެ ވޯޓް ހުއްޓުވުމަށް ރަޝިޔާއަށް ގޮވާލި ނަމަވެސް ރަޝިޔާއިން އެކަމަށް އިޖާބައެއް ނުދެއެވެ.


 
ރަޝިޔާ ސަރުކާރުން ބުނެފައިވަނީ "ކްރައިމިއާ" ގެ ރައްޔިތުންގެ ނިންމުން ޤަބޫލް ކުރާނޭ ކަމަށެވެ.