ޚަބަރު

އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން


ސަމަރ އައިލެންޑް ރިސޯޓުން ފުރައިގެން 14 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ރީތިރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް ދޯންޏެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން އައިއިސީޔޫގައި ފަރުވާދެމުން ދާ މީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

މިދިޔަ އަންގާރަދުވަހުގެރޭ ހިނގި މިހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ނުވަ މީހަކަށް އަދިވެސް އަންނަނީ އޭޑީކޭގައި ފަރުވާދެމުންނެވެ. އެގޮތުން ހާލު ސީރިއަސްވި ތިންމީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު އެޗްޑީޔޫގައި އަންނަނީ ދެމީހަކަށް ފަރުވާދެމުންނެވެ. ކުދި އަނިޔާތައް ޖެނެރަލް ވޯޑުގައި ފަރުވާ ދެމުން އަންނަ ހަތަރު މީހުންގެ ހާލު ރަނގަޅުކަމަށާއި މިއަދު ހަވީރު އެއްބަޔަކު ދޫކޮށްލެވޭނެ ކަމަށް ލަފާކުރެވޭކަމަށް އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލް ވަނީ ވިދާޅުވެފައެވެ.

މި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސަމަރ އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ މުއައްޒަފުންތަކެކެވެ.

އެކްސިޑެންޓްވި އުޅަނދުން ދަތުރުކުރި 14 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ރީތިރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް އުޅަނދުގައި އަލިކަމެއް ނެތުމުގެ ސަބަބުން، ލޯންޗު ކެޕްޓަނަށް އެ އުޅަނދު ނުފެނުމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ.