ޚަބަރު

ތިންވަނަ ދައުރުގެ ކައުންސިލް މެމްބަރުން ހުވާކުރައްވައިފި


ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަވަން ފެށްޓެވިފަހުން ޤާއިމުކުރެވުނު ތިންވަނަ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުން މަޤާމުގެ ހުވާކުރައްވައިފިއެވެ. 

މިއާއެކު ދިވެހިރާއްޖެ ކުރިމަތިލާފައިވަނީ ލާމަރުކަޒީ ތިންވަނަ ދައުރަކާއެވެ. 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ލާޒިމުކުރާކަމެކެވެ.

ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން ޑިމޮކްރަސީ އާއި ޖަވާބުދާރީ ވަނިވި އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް އިޖްތިމާއީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ސަޤާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ. މީގެ އިތުރުން ރައްޔިތުން ބާރުވެރިކުރުމާއި ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގުފަހިކޮށްދިނުމާއި، ދިވެހިރާއްޖޭގައި އަމާން ވެއްޓެއް ޤާއިމުކުރުމަކީވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަންކަމެވެ.

ލޯކަލް ކައުންސިލްތަކަކީ ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްދޭ ފަރާތްތަކެވެ. ރައްޔިތުންގެ ޢާންމު ދިރިއުޅުމާ އެންމެ ގުޅުންހުރި ޢާންމު ނިންމުންތައް ނިންމުމުގައި ލޯކަލް ކައުންސިލްތައް މުހިންމު ދައުރެއް އަދާކުރެއެވެ. އެގޮތުން ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމާއި، ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ލުއިފަސޭހަވާފަދަ ޤަވާއިދުތައް އެކަށައަޅައި ތަންފީޛުކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދީފައިވެއެވެ. އެހެންކަމުން އިންތިޚާބު ކުރެވޭ މަޤާމުތަކުގެ ތެރެއިން ލޯކަލް ކައުންސިލްތަކުގެ މެމްބަރުންނަކީ ރައްޔިތުންގެ ޢާންމު ދިރިއުޅުމާ އެންމެ ގުޅިފައިވާ މަސައްކަތް ކުރާ ބޭފުޅުންނެވެ. 

ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ލޯކަލް ކައުންސިލްތަކުގެ ޒިންމާތަކުގެ ތެރޭގައި ރަށުގެ ތަރައްޤީގެ ޕްލޭނަށް ރިއާޔަތް ކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢޫތަކުގެ ތެރެއިން ކައުންސިލުން ތަންފީޛްކުރުމަށް ކައުންސިލާ ސަރުކާރުން ޙަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛް ކުރުމުގެ އިތުރުން އެ މަޝްރޫޢުތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ސަރުކާރަށް އެހީތެރިވެދިނުމާއި އެމަޝްރޫޢުތައް ތަންފީޛްކުރުމުގައި ޖަވާބުދާރީވުމަކީ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުން ކައުންސިލްތަކުގެ ޒިންމާއެކެވެ. 

މެއިމަހުގެ 6 ވަނަދުވަހު ބޭއްވެވި ލޯކަލް ކައުންސިލް އިންތިޚާބުގައި 3 ސިޓީ ކައުންސިލަކާއި، 18 އަތޮޅު ކައުންސިލް އަދި 181 ރަށު ކައުންސިލަކަށް ޖުމްލަ 664 މެމްބަރުން ވަނީ އިންތިޚާބުކުރައްވާފައެވެ. އިންތިޚާބުކުރެއްވި ކައުންސިލަރުން ޤާނޫނުގައިވާގޮތުގެ މަތިން މަޤާމުގެ ހުވައިކުރެއްވުމާއެކު ލާމަރުކަޒީ 3 ވަނަ ދައުރަކާ ދިވެހިރާއްޖެވަނީ ކުރިމަތިލާފައެވެ. ރާއްޖޭގެ އެންމެ ބޮޑެތި އާބާދީތައް އޮންނަ ސިޓީ ކައުންސިލްތަކުގެ މެމްބަރުން ހުވާކުރެއްވުމަށްފަހު، ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވަވައި، އެކައުންސިލްތަކަށް މޭޔަރުން ވަނީ އިންތިޚާބުކުރައްވާފައި، އެގޮތުން މާލޭ ސިޓީގެ މޭޔަރަކަށް އިންތިޚާބުކުރައްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު ޞިފާ މުޙައްމަދު، އައްޑޫ ސިޓީގެ މޭޔަރަކަށް އިންތިޚާބުކުރައްވާފައިވަނީ، ކުރިންވެސް އެމަޤާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ ކައުންސިލް މެމްބަރު ޢަބްދުﷲ ޝާދިޤު، އަދި މުޅިން އަލަށް ޤާއިމުކުރެވުނު ފުވައްމުލައް ސިޓީގެ މޭޔަރަކަށް އިންތިޚާބުކުރައްވާފައިވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ ކައުންސިލް މެމްބަރު ޢަބްދުﷲ ފަލާޙް ޝަރީފެވެ. 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަވަން ފެއްޓެވިފަހުން 3 ވަނަ ފަހަރަށް ކައުންސިލްތައް އެކުލަވާލައްވާފައިވާއިރު ލޯކަލް ކައުންސިލްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކާއި، ކައުންސިލްތަކުގެ ޒިންމާކަމުގައި، ޤާނޫނާއި ޤަވާއިދުގައި ބަޔާންކުރައްވާފައިވާ ޚިދުމަތްތައް ދިނުމުގައި ކައުންސިލްތަކުން ދެމިތިއްބަވަންޖެހެއެވެ. އަދި ރަށު، އަތޮޅު އަދި ސިޓީ ކައުންސިލަރުންނަކީ ރަސްމީ ޙައިޞިއްޔަތުން އެއްވެސް ސިޔާސީ އެޖެންޑާއެއް ފެތުރުމަށް، ނުވަތަ ކުރިއެރުވުމަށް އިންތިޚާބުކުރެވޭ ބޭފުޅުންނެއްނޫނެވެ. ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމުން މުޅި ދައުލަތް ހިންގުމުގެ ކަންކަން ކުރިއަށްގެންދަވާނީ ސަރުކާރުގެ ބެއްލެވުމުގެ ދަށުންނެވެ. އެހެންކަމުން ސަރުކާރު ހިންގާ ޕާޓީ ނޫން އެހެން ޕާޓީތަކަށް ނިސްބަތްވާ ކައުންސިލަރުންވެސް ޤާނޫނުއަސާސީއާއި ޤާނޫނުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ މަޝްރޫޢޫތަކުގައި ފުރިހަމަ އެއްބާރުލެއްވުން ދެއްވަންޖެހެވެ. 

ޒިންމާތަކަށް އިހުމާލުވާ ކައުންސިލްތަކާމެދު ފިޔަވަޅު އަޅުއްވަމުން ގެންދަވާނެކަމަށް ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސް ކުރެއްވުމަށް ޤާއިމުކުރައްވާފައިވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ. 

ލާމަރުކަޒީ ތިންވަނަ ދައުރަކަށް ދިވެހިރާއްޖެ ކުރިމަތިލާފައިވާއިރު، ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ މެމްބަރުންގެ ޢަދަދު ވަނީ މަދުކުރައްވާފައެވެ. އަދި ފުވައްމުލަކަކީ ސިޓީއެއްގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާއެކު، ފުވައްމުލަކުގައި ސިޓީކައުންސިލެއް މުޅިން އަލަށް ވަނީ ޤާއިމުކުރައްވާފައެވެ. މި ބަދަލުތައް ގެންނަވާފައިވަނީ ލާމަރުކަޒީނިޒާމަށް ބުރޫނާރާނެގޮތަށް، ރައްޔިތުން ބާރުވެރިކުރުވި، ދައުލަތުގެ ޚަރަދުތަށް ކުޑަވާނެގޮތަށެވެ.