ކުޅިވަރު

ކޯޗުންނާއި ރެފްރީން ރަޖިސްޓްރީ ކުރަން އެފްއޭއެމްއިން ފަށަނީ


އެފްއޭއެމްއިން ރެފްރީންނާއި ކޯޗުން ރަޖިސްޓްރީ ކުރަން ހުޅުވާލާއިފިއެވެ. އެފްއޭއެމްއިން ރެފްރީންނާއި ކޯޗުން ރަޖިސްޓްރީ ކުރަން މިހުޅުވާލާފައިވަނީ އެއިދާރާގެ ޑިވޮލޮޕްމަންޓަށް ބޭނުންވާ މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ބޭނުންވާ މަޢުލުމާތު އެއްކުރުމުގެ ގޮތުންނެވެ.

 އެފްއޭއެމްއިން ނެރުނު ބަޔާންގައިވާ ގޮތުން އެފްއޭއެމްއިން ހިންގާފައިވާ ރެފްރީ ކޯސް ފުރިހަމަ ކޮށްފައިވާ ރެފްރީން އަންނަ މަހުގެ 2ވަނަ ދުވަހުގެ ކުރިން އެފްއޭއެމްގައި ރަޖިސްޓްރީވާން ޖެހޭކަމަށާއި އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީނުވާ ރެފްރީންނަށް އެފްއޭއެމްއިން ރާވާ ހިންގާ މުބާރާތްތަކުގައި ރެފްރީކަން ނުކުރެވޭނެ ކަމަށެވެ. އަދި މިފަދައިން ކޯޗުންވެސް ރަޖިސްޓްރީ ވުމަށްވަނީ ހުޅުވާލާފައެވެ.

 ކޯޗުންގެ ތެރެއިން "ޕްރޯ"، "އޭ، ބީ" އަދި "ސީ" ސެޓްފިކެޓް ހާސިލްކޮށްފައިވާ ކޯޗުން ރަޖިސްޓްރީވާން ޖެހޭކަމަށް އެފްއޭއެމްއިން ބުނެފައިވެއެވެ. ކޯޗުންގެ ތެރެއިން ރަޖިސްޓްރީނުވާ ކޯޗުންނަށް އެފްއޭއެމްގެ މުބާރާތްތަކުގައި ބައިވެރިވާ ކްލަބްތަކުގެ ކޯޗުންގެ ގޮތުގައި މަސައްކަތް ނުކުރެވޭނެކަމަށް އެފްއޭއެމްއިން މަޢުލުމާތު ދީފައިވެއެވެ. އެފްއޭއެމްއިން މަޢުލުމާތުދިން ގޮތުގައި މިމަސައްކަތަކީ އެފްއޭއެމްއިން މިދިޔަ އަހަރުން ފެށިގެން ކުރިއަށްގެންދާ ކުލަބް ލައިސަންސިންގެ ތެރެއިން ކުރާ މަސައްކަތެއްކަމަށެވެ. 

ރެފްރީންނާއި ކޯޗުން ރަޖިސްޓްރީ ކުރަން ބޭނުންވާ ފޯމު އެފްއޭއެމްއިން ލިބެން ހުންނާނެ ކަމަށް އެއިދާރާއިން މަޢުލުމާތު ދީފައިވެއެވެ.