ޚަބަރު

ޙަޤީޤަތާ ޚިލާފް ވާހަކަތައް ސޯޝަލް މީޑިއާގައި ނުފެތުރުމަށް އެދެފި


މާލެތެރޭގައި ހިނގާ ބައެއްކަންކަމުގެ މަޢުލޫމާތު ނަހަމަގޮތުގައި ހިފައި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޙަޤީޤަތާއި ޚިލާފު ވާހަކަތައް ސޯޝަލް މީޑިއާގައި ނުފެތުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސް ކުރައްވައިފިއެވެ.

ފުލުހުން މިހެން އިލްތިމާސް ކުރެއްވީ، މާލެގެ ބައެއް ހިސާބުތަކުގައި ބިރުދައްކައި ފޭރެމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން ނެރުއްވި ނޫސްބަޔާނެއްގައެވެ.

މިކަމާގުޅިގެން ފުލުހުނ ޢާންމު ކުރައްވާފައިވާ ބަޔާނުގައިވަނީ، މިހާތަނަށް އެއިދާރާއަށް ހަޤީޤަތް އެކުލެވޭ 2 މައްސަލައެއްގެ ޝަކުވާ ހުށާއަޅަފައިވާކަމަށެވެ. އެއީ ފޭރުމުގެ މައްސަލައަކާއި، ޓެކްސީ ޑްރައިވަރަކާ ގުޅެގޮތުން ހުށައަޅާފައިވާ ޝަކުވާއެއްކަމަށް ނޫސް ބަޔާނުގައި ވިދާޅުވެފައިވެއެވެ. މީގެތެރެއިން ފޭރުމުގެ މައްސަލަ ތަޙްޤީގް ކުރަމުންދާކަމަށާއި، ޓެކްސީ ޑްރައިވަރާ ގުޅޭގޮތުން  ކޮށްފައިވާ ޝަކުވާ ތަހްޤީގްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.

މާލޭގެ އަމަން އަމާންކަން ބެލެހެއްޓުމަކީ، ފުލުހުން ޚާއްސަ ސަމާލުކަމެއް ދީގެން އަބަދުވެސް ކުރަމުން ގެންދަވާ މަސައްކަތެއްކަމަށާއި، ވަކިން ޚާއްސަކޮށް މި ރަމަޟާންމަހު މާލޭގެ މަގުތައް ބެލެހެއްޓުމާއި މާލެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.