ޚަބަރު

4 ސަރަޙައްދެއްގައި މަސްފެކްޓްރީ ޤާއިމްކުރުމުން، ޚަރަދު ކުޑަވާނެ


ރާއްޖޭގެ 4 ސަރަޙައްދެއްގައި ޤާއިމްކުރުމަށް ނިންމާފައިވާ މަސްބަންދުކުރާ ފެކްޓްރީތަކުގެ ސަބަބުން މަސްވެރިން މަސްކިރުވުމަށް ކުރާ ހޭދަ ކުޑަވާނެއެވެ.

މަސްވެރިން ބާނާ މަސް މިހާރު ކިރުވަނީ، ރާއްޖޭގެ އުތުރާ ދެކުނުގައި މަސްކިރުވުމަށް ޚާއްޞަކޮށްފައިވާ ބޯޓުތަކަކަވެ.

ރާއްޖޭގެ 4 ސަރަހައްދެއްގައި މައިކްރޯ ފިޝް ކޭނަރީ ޤާއިމް ކުރުމުގެ މަޝްރޫޢަށް ސަޢުދީ ޢަރަބިއްޔާއިން އެހީ ދެއްވުމަށް ވަނީ ނިންމާފައެވެ. ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، މައިކްރޯ ކޭނަރީ ގާއިމް ކުރެވުމުން މަސްވެރިން މިފްކޯގެ ބޯޓުތަކަށް މަސްކިރުވުމުގެ ބަދަލުގައި އެ ސަރަޙައްދަކާ އެންމެ ކައިރީގައި ހުންނަ ކޭނަރީއަކަށް މަސްކިރުވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް މިހާރު ލިބޭ އަގަށްވުރު ރަނގަޅު އަގެއް ލިބޭނެ ކަމަށާއި، މަސްކިރުވުމަށް ކުރާ ހޭދަވެސް ކުޑަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ސަޢުދީއާއެކު އެއްބަސްވުމުގައި ސޮއިކުރެވުމުން މަސައްކަތް ފަށްޓަވާނެ ކަމަށެވެ. ކޭނަރީ ގާއިމް ކުރައްވަނީ، އެ ސަރަހައްދަކުން ބާނާ މަސް ގަނެ ރައްކާކުރުމަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަސް މިހާރު ކިރުވަނީ، މިފްކޯގެ ބޯޓުތަކަށެވެ. ރާއްޖެހޭ އުތުރާ ދެކުނުގައި މަސްކިރުވުމަށް ޚާއްސަ 10 ބޯޓު މިފްކޯއިން ބާއެއްވާފައި އޮވެއެވެ. އެ ބޯޓުތަކުން ކިރުވާ މަސް ބަންދު ކުރުމަށް ފެކްޓްރީއަށް ގެންދަނީ، އެ ބޯޓުތައް ފުރުމުންނެވެ. މައިކްރޯ ކޭނަރީ ގާއިމް ކުރެވުމުން މަސްވެރިން ބާނާ މަސް ތާޒާކަމާއެކު ދަޅުގައި ބަންދު ކުރުމަށް މަގުފަހިވާނެއެވެ.