ޚަބަރު

އިންޓަނޭޝަނަލް ޓީވީ ޗެނަލްތަކެއްގެ ރައިޓްސް ޕީއެސްއެމްއަށް


ދައުލަތުގެ މީޑިއާއަކީ ހަމައެކަނި ބްރޯޑްކާސްޓިން ނޫން ކަމަށާއި ދައުލަތާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ހުރިހާ މީޑިއަމެއްގައި މަސައްކަތްކުރާ ޒިންމާދާރު ދައުލަތުގެ މީޑިއާއެއް ބިނާކުރުމަށް ރައީސް ޔާމީން އެކަށައެޅުއްވި ސިޔާސަތުގެ ދަށުން ވުޖޫދަށްއައި ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނު އެމަނިކުފާނު ތަސްދީޤް ކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 28 ވަނަދުވަހުއެވެ.

އެއާއެކު ދައުލަތުގެ މީޑިއާ ހިންގުން ޕަބްލިކް ސަރވިސް މީޑިއާ(ޕީއެސްއެމް)ގެ ދަށަށް ބަދަލުވެ އިންޤިލާބީ ބޮޑެތި ބަދަލުތަކެއް ދައުލަތުގެ މީޑިއާއަށް އަންނަ ފެށިއެވެ. ދޮގު ޚަބަރު ފެތުރުމާއި، ފިތުނަފަސާދަ އުފެއްދުމާއި، ދިވެހިންގެ އެއްބަނޑު އެއްބަފާކަން ނަގާލުމަށް މީޑީއާ މެދުވެރިކޮށް ކުރެވެމުން އައި މަސައްކަތްތަކާ ދެކޮޅަށް ޕީއެސްއެމުން ހަރުދަނާ ފިޔަވަޅުތަކެއް އެޅިއެވެ.

ޕީ.އެސް.އެމާ ގުޅިގެން ކޭބަލްޓީވީގެ ޚިދުމަތް ދިނުމަށް މިދިޔަ މާޗްމަހުގެ 29 ވަނަ ދުވަހު އާންމުކޮށް ހުޅުވާލުމާއެކު، މި ދާއިރާގައި ޙަރަކާތްތެރިވާ ގިނަ ކުންފުނިންތަކުންނާއި، 100 އެއްހާ ރަށުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. މިއާއެކު، ދިވެހިންގެ މެދުގައި މަޤުބޫލު ބައިނަލްއަޤުވާމީ ޓީވީޗެނަލްތައް ރީ ބްރޯޑްކާސްޓްކުރުމުގެ ރައިޓްސް ހޯދުމުގެ މަސައްކަތް ޕީއެސްއެމްއިން ވަނީ ފަށާފައި، ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޕީޕީއެސްއެމްއިން ވަނީ ގިނަ ޗެނަލްތަކެއްގެ ރައިޓްސް އެގްރީމެންޓުގައި ސޮއިކޮށް މިޗެނަލްތައް ޕީއެސްއެމްގެ ކޭބަލް ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެކަމުގެ ޔަޤީންކަން ހޯދާފައެވެ.

ދާދިފަހުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޚަލީލް ވަނީ ދުބާއީ އާއި އިންޑިއާގެ މުމްބާއީއާއި، ސިންގަޕޫރަށް ދަތުރުކުރައްވައި ދުނިޔޭގެ މަޝްހޫރު ބައެއް ޓީވީ ޗެނަލްތަކުގެ ރައިޓްސް އެގްރީމެންޓްތަކުގައި ސޮއިކުރައްވާފައެވެ. އޭގެތެރޭގައި ސިންގަޕޫރުގެ މަޝްހޫރު "މީޑިއާ ކޯޕް" ކުންފުނީގެ ދަށުން ހިންގާ ޗެނަލް ނިއުސް އޭޝިއާފަދަ މަޝްހޫރު ބައެއް ޗެނަލްތަކުގެ ރައިޓްސް ހިމެނެއެވެ.

img:http://s1.psmnews.mv/images/660x400/14964152693477.jpg|ސިންގަޕޫރުގެ މަޝްހޫރު "މީޑިއާ ކޯޕް" ކުންފުނީގެ ދަށުން ހިންގާ ޗެނަލްތައް ރީބްރޯޑްކާސްޓްކުރުމުގެ ރައިޓްސް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މީޑިއާ ކޯޕް ގެ ފަރާތުން މިކަމުގެއެއްބަސްވުމުގައި ސޮއިކުރެއްވީ، ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ވޫން ޗަން ޗެންއެވެ. ސޮއިކުރުމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ސިންގަޕޫރުގެ ޤައުމީ މީޑިއާއާއި ދިވެހިރާއްޖޭގެ ޤައުމީ މީޑިއާއާ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ. މީގެތެރޭގައި ދެފަރާތުން ގުޅިގެން ބައެއް ޓީވީ ޕްރޮގްރާމްތައް އުފެއްދުމާއި ދެފަރާތުގެ މުވައްޒަފުންގެ ތަޖުރިބާ ބަދަލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި ސިންގަޕޫރުގެ ޤައުމީ މީޑިއާގެ ޓްރޭނިންގ ސެންޓަރާއި ދިވެހިރާއްޖޭގެ ޤައުމީ މީޑިއާގެ ޓްރޭނިން އިންސްޓިޓިއުޓަރ ގުޅިގެން މީހުން ބިނާކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް ދެފަރާތުން ވަނީ އެއްބަސްވެފައެވެ. މިކަންކަމާގުޅޭ އެގްރީމެންޓްތަކުގައި ސޮއިކުރުމާއި ޢަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވިއެވެ. މީގެއިތުރުން ސިންގަޕޫރުގެ މަލްޓިޗެނަލް އޭޝިއާގެ ޗެނަލްތަކުގެ ރައިޓްސް އެގްރީމެންޓުގައިވެސް އިބްރާހީމް ޚަލީލް ވަނީ ސޮއިކުރައްވާފައެވެ.

ޗައިނާގެ 25 ޓީވީޗެނަލެއްގެ ރައިޓްސް އެއްބަސްވުމުގައިވެސް ޕީއެސްއެމުން މިހާރުވަނީ ސޮއިކޮށްފައެވެ. އޭގެތެރޭގައި އެޤައުމުގެ ޤައުމީ ޓީވީގެ އިތުރުން ރާއްޖޭގެ ޢާއްމުންނާ ގުޅުންހުރި ޗެނަލްތަކާއި، ފަތުރުވެރިކަމާ ގުޅުންހުރި ޗެނަލްތައް ހިމެނެއެވެ.

ހޮންގކޮންގ ގެ އޭޕީޓީ ސެޓެލައިޓް ކުންފުނީގެ ދަށުން ޑިސްޓިބިއުޓް ކުރަމުން އަންނަ މިޗެނަލްތަކުގެ ރައިޓްސް އެގްރީމެންޓުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ވައިސް ޕްރެޒިޑެންޓްއެވެ.

މަޝްހޫރު ޗެނަލްތަކުގެ ރައިޓްސް ހޯދުމަށް ޕީއެސްއެމުން ކުރާ މަސައްކަތުން ދެން އެންމެ ފާހަގަކޮށްލެވެނީ އިންޑިއާގެ ރިލައިންސް ގްރޫޕުގައި ހިމެނޭ "އިންޑިއާ ކާސްޓް" ގެ ބައެއް ޓީވީ ޗެނަލްތަކުގެ ރައިޓްސް އެއްބަސްވުމުގައި ސޮއިކުރުމެވެ. އިންޑިއާ ކާސްޓްގެ ޗެނަލްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި މަޤްބޫލު ކަލާސް ޓީވީއާއި އެމްޓީވީ ފަދަ ޗެނަލްތަކާއެކު ޖުމުލަ 9 ޗެނަލް ހިމެނެއެވެ. މިޗެނަލްތަކުގެ ރައިޓްސް އެގްރީމެންޓުގައި ސޮއިކުރެއްވީ އިންޑިއާ ކާސްޓްގެ ގްރޫޕް ސީއީއޯ އަނޫޖު ގާނދީއެވެ. މީގެ އިތުރުން ޑިސްނީ އިންޑިއާއާއި، ބީފޯޔޫގެ ޗެނަލްތައްވެސް ރީ-ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ޕީއެސްއެމަށް ވަނީ ލިބިފައެވެ. އަދި މަޝްހޫރު ފެޝަންޓީވީގެ ރައިޓްސްވެސް ޕީއެސްއެމަށް ވަނީ ލިބިފައެވެ.

img:http://s4.psmnews.mv/images/660x400/14964153429514.jpg|ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޑިސްނީ އިންޑިއާގެ އިސްބޭފުޅަކާއެކު / ފޮޓޯ: ޕީއެސްއެމް

ދުނިޔޭގެ އެންމެ މަޤްބޫލް ސްޕޯޓްސް އެއް ޗެނަލްކަމަށްވާ ދުބާއީ ސްޕޯޓްސް އާއެކުވެސް ޕީއެސްއެމްވަނީ ރައިޓްސް އެގްރީމެންޓެއްގައި ސޮއިކޮށްފައެވެ. މިޗެނަލަކީ ތަރައްޤީއާއި ޓެކޮނޮލޮޖީގެ ގޮތުން ބަލާއިރުވެސް ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކުރެވޭ އެއް ޗެނަލެވެ.

މި އެއްބަސްވުމުގެ ދަށުން ދުބާއީ ސްޕޯޓްސް އިން ފޮނުވާ ހުރިހާ ކޮންޓެންޓެއް ޕީއެސްއެމްގެ ޗެނަލްތަކުގައި ބޭނުންކުރުމާއި ރީބްރޯޑުކާސްޓްކުރުމުގެ ޙައްޤު ޕީއެސްއެމްއަށް ލިބެއެވެ. އަދި ދުބާއީ ޓީވީގެ ޗެނަލްތަކުގެ ތެރެއިން ޕަބްލިކް ސަރވިސް މީޑިޔާއަށް ބޭނުންވާ ހުރިހާ ޗެނަލެއް ރީބްރޯޑްކާސްޓްކުރުމުގެ ޙައްޤާއި އެޗެނަލްތަކުގެ ވަކިވަކި ޕްރޮގޮރާމްތައް ބޭނުންކުރުމުގެ ޙައްޤުވެސް ޕީއެސްއެމްއަށް ލިބެއެވެ. އޭގެތެރޭގައި ދީނީ ތަޢުލީމީ އިޖުތިމާޢީ ކޮންޓެންޓް ހިމެނެއެވެ.

ދުނިޔޭގެ މަޝްހޫރު މީޑިއާ ކުންފުނިތަކުގެ ޓީވީޗެނަލްތައް ރީބްރޯޑްކާސްޓް ކުރުމުގެ ރައިޓްސްގެ އިތުރުން އެކުންފުނިތަކާއެކު ފުޅާދާއިރާއެއްގައި ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމުގެ ފުރުސަތުވެސް މި އެއްބަސްވުންތަކުގެ ސަބަބުން ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުންވެސް ދުނިޔޭގެ މަޝްހޫރު ބައެއް ޓީވީޗެނަލްތަކާއެކު ރައިޓްސް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ޕީއެސްއެންދަނީ ކުރަމުންނެވެ.